ޝަހީމް ޕީއެޗްޑީ ހާސިލުކުރެއްވި ޔުނިވާސިޓީން ދަރިކަލުން މާހިލްއަށް އެކްސެލެންސް އެވޯޑް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ޕީއެޗްޑީ ހާސިލުކުރެއްވި ޔުނިވާސިޓީން، ދަރިކަލުން އަބްދުﷲ މާހިލް އަލީ ޝަހީމް މަތީ ވަނައެއް ހޯއްދަވައިފިއެވެ. ޝަހީމް ޕީއެޗްޑީ ހާސިލްކުރެއްވީ، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އިންނެވެ. އެ ޔުނިވާސިޓީން ދަރިކަލުން މާހިލް ކިޔަވާ ވިދާޅުވީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީއެވެ. މާހިލް ވަނީ އެ ޔުނިވާސިޓީން، އޭނާ ކިޔަވާވިދާޅުވި ފެކަލްޓީން އެކަޑަމިކް އެކްސަލެންސް އެވޯޑު ހާސިލްކުރައްވާފައެވެ. މީގެ އިތުރުން އައިއައިޔޫއެމްގެ ރެކްޓާސް އެވޯޑަށް އޭނާ ވަނީ ނޮމިނޭޓްވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ އެވޯޑަކީ އެ ޔުނިވާސިޓީގެ އެންމެ މޮޅު ދަރިވަރުންނަށް ލިބޭ އެވޯޑެކެވެ. ދަރިކަލުންގެ ކާމިޔާބީ ފާހަގަކުރައްވާ ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މާހިލްއަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި އެ ކާމިޔާބީއަކީ އާއިލާގެ އިތުރުން ގައުމު ވެސް ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދަރިކަލުންނަށް ކާމިޔާބަށް އެދޭކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ