ފޭސް 2ގައި ބިނާކުރާ 2 މިސްކިތުގެ މަސައްކަތް ބާރަށް ކުރިއަށް

ހުޅުމާލެ ފޭސް 2ގައި ބިނާކުރާ 2 މިސްކިތެއްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް އިމާރާތް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައިވެސް މިސްކިތްތައް ދަނީ އިމާރާތް ކުރަމުންނެވެ.
މާލެ ސަރަޙައްދުގައި މިހާރު އެންމެ ބޮޑަށް އާބާދީ އިތުރުވަމުން އަންނަނީ ހުޅުމާލޭގައެވެ. ޚާއްސަކޮށް ހުޅުމާލޭގެ ފޭސް2ގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ އާބާދުވަމުންނެވެ. އެހެންކަމުން އިތުރުވަމުންދާ އާބާދީއަށް އެތަނުގައި މިސްކިތްތައް އިތުރު ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލެ ވިނަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މިއީ، 1095 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ފްލެޓު ސަރަޙައްދުގައިވެސް ދަނީ މިސްކިތެއް ބިނާކުރަމުންނެވެ. މި މިސްކިތުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިއީ، 1800 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިދިޔަ އަހަރު 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރްއާން މަރުކަޒާއި، 6 ވަޤުފު ބިނާއާއެކު، މުޅިއެކު 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
މިއަހަރުގެ މިހާތަނަށްވެސް ވަނީ ގިނަ އަދަދެއްގެ މިސްކިތްތަކެއް ހުޅުވާފައެވެ. އެގޮތުން 15އަށްވުރެ ގިނަ މިސްކިތް ވަނީ ހުޅުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ