ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
ރާޢްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގީ، ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި ޚާއްސަކޮށް އެޕްރީލްއިން ޖުލައިއަށް އިތުރު ވެގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މިފަދަ ބަލިތައް މަދުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި، ސިޓީ/ރަށު ކައުންސިލްތަކާއި، ކުންފުނިތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި، ވަކިވަކި ފަރުދުން ގުޅިގެން ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތުން ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ދިނުމަށާއި، ބަލި މީހުންގެ ހާލަތު ގާތުން ބަލާ ފޮލޯ-އަޕްކޮށް، ރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނިޓަރ ކުރުމަށްފަހު އެޗް.ޕީ.އޭއަށް ޤަވާއިދުން ރިޕޯރޓް ކުރުމަށް ވަނީ އަންގާފައެވެ.
އަދި ކައުންސިލްތަކުން ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެލުލަވާލައި ރަށް ސާފުކުރުމަށާއި، އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން ސްކޫލްތަކުން ކޮންމެ ހަފުތާއަކު 1 ފަހަރު ސްކޫލުގެ ގޯތިތެރެ ބަލައި ފާސްކޮށް، މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ޑެންގީ އިން ރައްކާތެރިވުމާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
އެޗްޕީއޭއިން ވަނީ، ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ސައިޓު އަދި އިންޑަސްޓްރިއަލް ރަށްތަކުން ހަފުތާއަކު 1 ފަހަރު ރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި، ތަކެތި ނައްތާލައި ސާފުކުރުމަށް އެދިފައެވެ. އަދި ކުންފުނިތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުންވެސް މަދިރި އުފެދޭ ތަންތަން ނައްތާލައި، މިމަސައްކަތް ކުރުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން އާންމު ފަރުދުންވެސް މަދުވެގެން ހަފުތާއަކު 1 ފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަ ތަކެތި ބަލައި ފަސްކޮށް، މަދިރި އާލާނުވާނެ ގޮތަށް ސާފުކޮށް، މަދިރި ހެފުމުން ރައްކާތެރިވުމުގެ އިތުރުން ޑެންގީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ވިދާޅުވީ، ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ، މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހެފުމުން ރައްކާތެރިވުމާއި، ޑެންގީ ޖެހިއްޖެނަމަ ޞިއްޙީ ޚިދުމަތްތެރިއެއްގެ އިރުޝާދުގެ މަތިން އަވަހަށް ފަރުވާ ހޯދުން ކަމަށްވާތީ މިކަން ކަމަށް އިތުރަށް ސަމާލުވުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ޑެންގީ އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ