ޑެންގީ ކޮންޓްރޯލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެޗްޕީއޭއިން އެދިއްޖެ

ޑެންގީ ހުން ފެތުރުން މަދުކުރުމަށް އިދާރާތަކާއި އާންމުން އަދި ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެޗްޕީއޭން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު މި ދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ.
ތަފްސީލް - މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ޑެންގީ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ކުރިއަށް އޮތް މަސްތަކުތެރޭ އިތުރުވާނެ ކަމަށް އެޗްޕީއޭ އިން ލަފާކުރެ އެވެ.
އެހެންކަމުން، އެ އެޖެންސީން ވަނީ ބަލި ފެތުރުން މަދުކޮށް ކޮންޓްރޯލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ކައުންސިލްތައް އަދި އާންމުންނާއި ކުންފުނިތައް އަދި ޖަމްއިއްޔާތައް ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.
އެގޮތުން، ކުރެވިދާނެ ކަންތައް ވެސް އެޗްޕީއޭން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި:
ސިއްހީ ހިދުމަތްދޭ ތަންތަން: ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދީ، ބަލިމީހުންގެ ހާލު ގާތުން ބަލާ، ފޮލޯއަޕް ކުރުމާއި ރަށުގައި ބަލިއުޅޭ މިންވަރު ގާތުން މޮނީޓާކޮށް އެޗްޕީއޭއަށް ރިޕޯޓު ކުރުން
ސްކޫލުތައް: ކޮންމެ ހަފްތާއަކު 1 ފަހަރު ސްކޫލުގެ ގޯތިތެރެ ބަލައި ފާސްކޮށް، މަދިރި އާލާވާ ތަންތަން ނައްތާލާ، ޑެންގީން ރައްކާތެރިވުމާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރި ކުރުވުން
ރިސޯޓުތަކާއި އިންޑަސްޓްރިއަލް ރަށްތައް އަދި ކޮންސްޓްރަކްޝަން ސައިޓުތައް: ރަށުގެ އެކި ސަރަހައްދުތައް ހަފްތާއަކު 1 ފަހަރު ބަލައި ފާސްކޮށް، މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލާ ސާފުކުރުމާއި ޑެންގީން ރައްކާތެރިވުމާ ގުޅޭ ގޮތުން މުވައްޒަފުން ހޭލުންތެރިކުރުން
ކުންފުނިތަކާއި ޖަމްއިއްޔާ ޖަމާއަތްތައް: މަދިރި އުފެދޭ ތަންތަން ނައްތާލުމާއި މި މަސައްކަތްކުރުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުން
އާންމުން: މަދުވެގެން ހަފްތާއަކު 1 ފަހަރު ގެ އާއި ގޯތިތެރޭ ފެންހަރުލާ ގޮތަށް ހުންނަ ތަކެތި ބަލައި ފާސްކޮށް މަދިރި އާލާނުވާނެގޮތަށް ސާފުކުރުމާއި މަދިރިހެފުމުން ރައްކާތެރިވުމާއި ޑެންގީ ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން
އެޗްޕީއޭން ބުނީ ޑެންގީ ކޮންޓްރޯލުކުރުމަށް އިދާރާތަކާ ގުޅިގެން އެ އެޖެންސީން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ބަލިން ރައްކާތެރިވުމަށް އެންމެ މުހިއްމު ކަމަކީ:
މަދިރި އުފެދި އާލާވާތަންތަން ނައްތާލުން
މަދިރި ހެފުމުން ރައްކާތެރިވުން
ޑެންގީ ޖެހިއްޖެ ނަމަ ސިއްހީ ހިދުމަތްތެރިއެއްގެ އިރުޝާދުގެ މަތިން ފަރުވާ ހޯދުން
ގުޅުން ހުރި - ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެނގުން މުހިއްމު - އެޗްޕީއޭން ބުނި ގޮތުގައި، މަދިރީގެ ސަބަބުން ޖެހޭ މި ބަލި ޖެހިގެން މިދިޔަ މަހު އެކަނި ވެސް  500 އަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ނިސްބަތް އުޅެނީ 60ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ