ޑެންގީ އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސް

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މިފަދަ ބަލިތައް މަދުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ސިޓީ އަދި ރަށު ކައުންސިލްތަކާއި، ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އެގޮތުން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ދިނުމަށާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލައި މޮނިޓަރ ކުރުމަށްފަހު ގަވާއިދުން ރިޕޯޓް ކުރުމަށް ވަނީ އަންގާފައެވެ.
އާންމު ފަރުދުންވެސް މަދުވެގެން ހަފުތާއަކު އެއްފަހަރު ގޭތެރެއާއި ގޯތިތެރޭގައި ފެންހަރުލާ ތަންތަން ސާފުކޮށް، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. ޑެންގީ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ، ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމީ މަދިރި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހެފުމުން ރައްކާތެރިވުމުގެ އިތުރުން ސިއްހީ ޚިދުމަތްތެރިއެއްގެ އިރުޝާދުގެ މަތިން އަވަހަށް ފަރުވާ ހޯދުން ކަމަށްވާތީ، އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ