ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި 'ހެލްތު ފެއާ'އެއް ބާއްވަނީ

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން އިންތިޒާމުކުރާ "ވޯލްޑް ހެލްތު ފެއާ" ކުޅުދުއްފުށީގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
މި ފެއަރ އަކީ އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަންގެ މެޑިކަލް ދަރިވަރުންގެ ގޮފި "މެޑިކޯސް" އާއި، އެ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަސްގެ ދަރިވަރުންގެ ގޮފި "ގުރުޒް" ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ސިއްހީ ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމާއި، މުޖުތަމައަށް ބޭނުންތެރި ސިއްހީ މައުލޫމާތާއި ހިދުމަތްތައް ފޯރުކޮށްދިނުމެވެ.
މި ހަރަކާތް ކުރިއަށްދާނީ މިމަހުގެ 18 ވާ ހޮނިހިރުދުވަހު ރަށްމަތިފަންނު ސަރަހައްދުގައި ހަވީރު 04:00-06:00 އަށެވެ.
މި ފެއާގައި ސިއްހީ އަދި އިޖުތިމާއީ ދާއިރާގައި މަސައްކަތްކުރާ ގިނަ މުއައްސަސާތަކަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، މޯލްޑިވްސް ރެޑް ކްރެސެންޓް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ޔަންގް ލީޑަރސް، ވައިޓަލް ކެއަރ ކްލިނިކް، ސްކޫލް އޮފް ނާސިންގ އަދި ގުރުޒް ހިމެނެ އެވެ.
މި ހަރަކާތުގެ ތެރޭގައި ޞިއްޙަތާ ގުޅުންހުރި ގިނަ ޚިދުމަތްތަކަކާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޙަރަކާތްތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި:
- ވައިޓަލް ކެއަރ ކްލިނިކް: ހިލޭ ދަތުގެ ޗެކަޕް ހެދުން.
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ހެލްތް ސްކްރީނިންގ އާއި ޑެންގީ ހުން ފަދަ ބަލިތަކަށް ހޭލުންތެރިކުރުން.
- މޯލްޑިވްސް ރެޑް ކްރެސެންޓް: ފަސްޓް އެއިޑް ނުވަތަ އަވަސް ފަރުވާއާ ގުޅޭ މައުލޫމާތު.
- ޔަންގް ލީޑަރސް: "ފުޑް ޕިރަމިޑް" އާއި ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ކާނާއާ ބެހޭ މައުލޫމާތު.
- އެމް.އެން.ޑީ.އެފް: އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި ކަނޑުމަތީގެ ސަލާމަތާ ގުޅޭ މައުލޫމާތު.
- ސްކޫލް އޮފް ނާސިންގް: ޞިއްޙަތާ ގުޅުންހުރި މަޖާ ކުޅިވަރުތަކާއި، ވޯޑް ސާޗް އަދި ޕަޒްލް ފަދަ ހަރަކާތްތައް.
- ގުރުޒު: "ފިންގަރ ޕްރިންޓް އާތު" ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް.
މި ފެއާ އަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް، މުޖުތަމައާ ގުޅުންހުރި ގޮތަކަށް ފަރުމާކުރެވިފައިވާ ހަރަކާތެކެވެ. މި ހަރަކާތުގެ ސަބަބުން ކުޅުދުއްފުށީގައި އުޅޭ ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ސިއްހީ ގިނަ މައުލޫމާތުތަކާއި ހިދުމަތްތަކެއް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ