މެނިންގޯކޮކަލްގެ އިތުރު ކޭސްއެއް ނެތް: އެޗްޕީއޭ

މެނިންގޯކޮކަލް ބަލީގައި ރާއްޖެއިން ޒުވާނަކު ނިޔާވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގައި، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ރާއްޖެއިން ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ. މެނިންގޯކޮކަލްގެ ކޭސްއެއް ރާއްޖެއިން ފެނިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައި، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ހުރިތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ފެށީ މިމަހުގެ 7ވަނަ ދުވަހު އެވެ. އެއީ އެ ބަލީގައި އުމުރުން 24 އަހަރުގެ ދިވެހި ޒުވާނަކު މަރުވުމުންނެވެ.  މެނިންގޮކޯކޮލް ބަލި ފެނުނީ މެލޭޝިއާއިން ރާއްޖެ އައި 24 އަހަރުގެ ޒުވާނެއް ގައިންނެވެ. ކޮންޓެކްޓް ޓްރޭސިން މަސައްކަތް ނިންމައި، އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަރުވި ޒުވާނާއާ ކޮންޓެކްޓްވި އެއްވެސް މީހެއްގެ ބަލީގެ އަލާމާތްތައް ފެނިފައިނުވާ ކަމަށާއި ބަލި ޖެހިފައިވާ އިތުރު މީހަކު ވެސް ފެނިފައިނުވާ ކަމަށެެވެ. މެނިންގޮކޯކޮލް ބައްޔަކީ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މި ބަލި ބައެއްފަހަރު ސިކުނޑީގެ މެމްބްރޭންތައް ވެސް އިންފެކްޓު ކޮށްލަ އެވެ. މި ބަލީގެ އަލާމާތްތައް ފެންނަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ. އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކޮލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ފަސޭހަވުމަށް ފަހުގައި ވެސް ދިގު މުއްދަތަކަށް ތަހަންމަލު ކުރަންޖެހޭ ފަދަ ސިއްހީ މައްސަލަތައް ބައެއް މީހުންނަށް ދިމާވެ އެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ބޮލުގައި ރިއްސުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ