"ހީކުރީ އަހަރެންވެސް މަރުވާނެ ކަމަށް, ނަމަވެސް ލޯ ހުޅުވާލެވުމުން ދިރިހުރިކަން ޔަގީންވި"

އިންޑިއާގެ އަހުމަދުއާބާދު އެއާޕޯޓުން ލަންޑަނަށް ދާން ނައްޓާލިތާ މިނެޓެއްގެ ތެރޭގައި ވެއްޓި ގޮވި ފްލައިޓުން ސަލާމަތްވި ހަމައެކަނި ޕަސެންޖަރު, އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފިއެވެ.
މިހާރު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދާ އިނގިރޭސި ރައްޔިތުކަން އޮންނަ އިންޑިއާއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ވިޝްވަކުރާމް ރަމޭޝް ބުނީ, ފުލައިޓް ވެއްޓުމާއެކު އޭނާވެސް މަރުވާނެ ކަމަށް ހީކުރި ކަމަށެވެ.
ފްލައިޓް ނައްޓާލުމާއެކު މުޅި ފްލައިޓް އެއްކޮށް ފްރީޒް (ހުއްޓުން) ވި ކަމަށާއި ފެހި އައްޔަކާއި ހުދު އައްޔެއް ދިއްލެމުން ދިޔަ ކަމަށެވެ. އޭރު ސީޓްތަކުގައި ހުންނަ ސްކްރީންތަކާއި, މަތީގައި ހުންނަ އެއާކޮންޑިޝަން ތަކާއި އެހެން ހުރިހާ އާލާތްތަކެއް ފްރީޒް ވެފައި ހުރި ކަމަށާއި ޕައިލެޓުން ބޯޓު މައްޗަށް ނެގޭތޯ މަސައްކަތް ކުރިހެން ހީވާ ކަމަށް އޭނާ ބުނެއެވެ.
"ނަމަވެސް ބޯޓު ދިޔަ ގޮތަށް ގޮސް އެތީ އިމާރާތަކަށް, އެއީ ނައްތާލިތާ މިނެޓެއްހާ އިރު"
ރަމޭޝް އިނީ ބޯޓުގެ އިމަޖެންސީ ދޮރަކާ ދިމާވާގޮށް ހުރި ސީޓް 11އޭ ގައެވެ. ރަމޭޝް ބުނީ, ބޯޓު ޖެހި ގޮވި ވަގުތު އިމަޖެންސީ ދޮރު ހުޅުވިގެން ދިޔަ ކަމަށާއި ބޭރަށް ނިކުމެވުނު ގޮތްވެސް ނޭނގޭ ކަމަށެވެ.
"އެވަގުތު ދޮރު ހުޅުވުނީ, ނޭނގެ ނިކުމެވުނު ގޮތެއް, ސީޓް ބެލްޓް ނައްޓާލައި ލޫދެމުން ކަހަލަ ގޮތަކަށް ދެވުނީ"
އޭނާ ބުނީ, އޭނާ އިނީ ބޯޓުގެ ތިރީ ބުރިއާ ކައިރީގައި ކަމަށާއި އެތާނގައި ކޮންމެވެސް ވަރަކަށް ހުސް ޖާގަ އޮތް ކަމަށެވެ. އޭނާ އަށް ބޭރަށް ނިކުމެވުނު އިރު ކައިރީގައި ބޯޓުގެ އެއާހޮސްޓެސް އިންނާއި ޕަސެންޖަރުންވެސް ތިބި ކަމަށާއި ނަމަވެސް އެއިން އެވެސް މީހަކަށް ސަލާމަތް ނުވެވުނު ކަމަށެވެ. އިތުރަށް އޭނާ ބުނީ, ބޯޓު ވެއްޓިފައި އޮތް އިރު އޭނާ އިން ފަރާތް ނޫން އަނެއް ފަރާތުގައި ހުރީ އިމާރާތުގެ ފާރު ޖެހިފައި ކަމަށެވެ.
ބޯޓު ވެއްޓުމުގެ ހާދިސާގައި ބޯޓުގައި ތިބި 241 މީހަކާއި ބޯޓު ވެއްޓުނު ސަރަހައްދު އިތުރު ބަޔާއެކު ޖުމްލަ 290 މީހުން މަރުވިއެވެ.
ބޯޓުން ސަލާމަތްވި ރަމޭޝް އާއެކު ބޯޓު ވެއްޓުނު ސަރަހައްދުން 40 މީހަކަށް އަނިޔާވެގެން މިހާރުވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ބޯއިން 787 ގެ ޑްރީމްލައިނާ ވެއްޓުނު ބޯޓު ފުރެންދެން ތެޔޮ ހުރުމުގެ ސަބަބުން ވެއްޓުމާއެކު ބޯ ކަޅު ދުމާއެކު އަލިފާން ބޯޅައެއްހެން ވަނީ ގޮވާފައެވެ.
ހާދިސާ ހިނގި ސަރަހައްދަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޒިޔާރަތް ކުރައްވައި ޒަހަމްވި މީހުންގެ ހާލު ބައްލަވާފައި ވާ އިރު މޯދީ ވަނީ, ރަމޭޝް އާ ބައްދަލު ކުރައްވާފައެވެ.
މި ހާދިސާގައި އިންޑިއާގެ 169 މީހަކާއި އިނގިރޭސި ރައްޔިތުންގެ ގޮތުގައި ހިމެނޭ 53 މީހަކާއި ޕޯޗްގަލް އަށް ނިސްބަތްވާ 7 މީހަކާއި ކެނެޑާއަށް ނިސްބަތްވާ އެކަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީވެސް ހިމެނެއެވެ. އަދި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ.
މިހާދިސާ ތަހުގީގު ކުރުމަށް ބޯޓުގެ ކަޅުފޮށި ނަގާ މިހާރު މަސައްކަތް ކުރަމުން ދާ އިރު, މިއީ އިންޑިއަން އެއާލައިންސް އަށް ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ