މަރުވާހިނދު އެމީހާގެ މައްޗަށް ޝައިޠާނާ ގަދަވެގަތުމުން ސަލާމަތްކޮށްދެއްވެވުން އެދިގެން ކުރަން އޮތް ދުޢާ!

ޝައިޠޯނާގެ ދަންތުރަތަކުގައި ނުޖެހި ދުނިޔޭގައި ރަނގަޅަށް އުޅުނުކަމުގައިވިޔަސް ޝައިޠޯނާ އެމީހަކު ދޫކޮށެއް ނުލައެވެ. ކައިރިވެވޭނެނަމަ މަރުމަތީގައިވެސް އައިސް މަގުފުރައްދުވަން މަސައްކަތްކުރާނެއެވެ. އަހުރެމެންނަށް އޮތީ އެކަމުން ސަލާމަތްކަން ދެއްވެވުން އެދިގެން ދުޢާކުރުންމަތީގައި ދެމިތިބުމެވެ.  
އަލްއިމާމުލް ގުރްޠުބީ ރަޙިމަހުﷲ ލިޔުއްވާފައިވާ "އައްތަޛްކިރަތު ފީ އަޙްވާލިލް އާޙިރަތި" އޭ ކިޔުނު ފޮތުގައި ސުރުޚީ އެއްގެ ގޮތުގައި ލިޔުއްވާފައިވެއެވެ. "އިންސާނާ މަރުވާ ހިނދު ޝައިޠާނާ އާއި ދުނިޔޭގައި އޭނާ އާއި އެކު އުޅުނު ގޯސް ރަޙްމަތްތެރިން އޭނާގެ މަރުހިއްޕެވޭ ގަޑީގައި އައިސް މަގުފުރައްދަން މަސައްކަތް ކުރުމުގެ ބާބު". މިބާބުގައި ތަމްރީޟްގެ ޞީޣާ ގައި (ބަލި ޙަދީޘެއްގެ ގޮތުގައި) ގެންނަވާފައިވެއެވެ.  
(روي عن النبي صلى الله عليه و سلم أن العبد إذا كان عند الموت قعد عنده شيطانان الواحد عن يمينه و الآخر عن شماله فالذي عن يمينه على صفة أبيه يقول له : يا بني إني كنت عليك شفيقا و لك محبا ولكن مت على دين النصارى فهو خير الأديان، والذي على شماله على صفة أمه تقول له: يا بني إنه كان بطني لك وعاء و ثديي لك سقاء و فخذي لك وطاء و لكن مت على دين اليهود و هو خير الأديان.) 
މާނައަކީ: "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާވެގެން ވެއެވެ. "އަޅާ މަރުވާ ހިނދުގައި އޭނާގެ ގާތުގައި ދެޝައިޠާނުން އިށީންނާނެއެވެ. އެކަކު ކަނާތް ފަރާތުގައެވެ. އަނެކަކު ވާތް ފަރާތުގައެވެ. ކަނާތް ފަރާތުގައި ހުންނަ މީހާ ހުންނާނީ އޭނާގެ ބައްޕަގެ ޞިފައިގައެވެ. އަދި ބުނާނެއެވެ. "ދަރިފުޅާއެވެ. އަހަރެންނަކީ ތިބާ އަށް އޯގާތެރި މީހެއް ކަމުގައިވީމެވެ. އަދި ތިބާ ދެކެ ލޯބިވާ މީހަކު ކަމުގައިވީމެވެ. އެހެންވީމާ، ނަޞްރާނީ ދީނުގެ މަތީގައި މަރުވާހުށި ކަމެވެ. އެއީ އެންމެ ހެޔޮވެގެންވާ ދީނެވެ." ވާތް ފަރާތުގައި ހުރި ޝައިޠާނާ ވާނީ އޭނާގެ މަންމަގެ ޞިފައިގައެވެ. އަދި ބުނާނެއެވެ. "ދަރިފުޅާ އެވެ. އަހަރެންގެ ބަނޑަކީ ތިބާ އަށް ރައްކާތެރި ތަނެއްގެ ގޮތުގައިވިއެވެ. އަހަރެންގެ އުރަމައްޗަކީ ތިބާ އަށް ބުއިމެއް ކަމުގައިވިއެވެ. އަހަރެންގެ އުނގަކީ ތިބާ އަށް ތަންމައްޗެއް ކަމުގައިވިއެވެ. ޔަހޫދީ ދީނުގެ މަތީގައި މަރުވާށެވެ. އެއީ އެންމެ ހެޔޮވެގެންވާ ދީނެވެ."  
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އުއްމަތަށް ދަސްކޮށްދެއްވާފައިވާ ދުޢާ އެއްގައި ވެއެވެ. 
(وَأَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ)
ރަވާހު އަބޫދާވޫދް ވައްނަސާއީ. 
މާނައަކީ: "މަރުވާ ހިނދުގައި ޝައިޠާނާ ގަދަވެގަތުމުން މިއަޅާ ސަލާމަތްކޮށްދެއްވާފާންދޭވެ." 
މި ދުޢާގެ ޝަރަޙާގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. "މާނައަކީ މަރުވާ ހިނދުގައި ޝައިޠާނާ ހަށިގަނޑުގެ ތެރެއަށް ވަދެގަނެ، މީހާ އާއި ބެހި، އޭނާގެ ދީނާއި ބުއްދި ފާސިދު ކުރުމަށް މަސައްކަތް ކުރުމެވެ. އިންސާނާ މަރުވާ ހިނދުގައި ޝައިޠާނާ އޭނާގެ މައްޗަށް ގަދަވެގަނެ ތައުބާ ވުމަށް ހުރަސް އަޅާ، އޭނާގެ ނިމުން ގޯސް ކުރުމަށް މަސައްކަތް ކުރުމުން ސަލާމަތް ކުރެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުމެވެ."  
ޚުލާޞާ: ޝައިޠާނާ އަކީ އިންސާނުން އުފެއްދެވިއްސުރެ އިންސާނާގެ ޢަދާވާތްތެރިއެކެވެ. އިންސާނުންގެ ބައްޕަ އާއި ބައްޕަ ސުވަރުގެ އިން ނެރެލާ، އިންސާނުގެ މަގު ފުރައްދާނެ ކަމަށް ﷲ ގެ ޙަޟްރަތުގައި ވަޢުދުވެފައިވާ ފަރާތެކެވެ. ޝައިޠާނާ އަކީ އިންސާނުންނަށް ހުރި ބޮޑު ޢަދާވާތްތެރި އެއް ކަމަށާއި އޭނާގެ ފިޔަވަޅު ތަކުން ސަލާމަތް ވުމަށް ކީރިތި ގުރްއާނުގައި އެތައް ތަނެއްގައި ވަނީ އަމުރު ކުރައްވާފައެވެ. މިގޮތުން ސޫރަތު ފާޠިރުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.  
(إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ‌)  
މާނައަކީ: " ހަމަކަށަވަރުން، شيطانއާއަކީ، ތިޔަބައިމީހުންނަށްވާ عداوةތެރިޔެކެވެ. ފަހެ، އެ شيطانއާއީ، عداوةތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ جماعةއަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهلވެރިންގެތެރެއިން ވުމަށެވެ." އަޅުގަޑުމެންނަށް ޝައިޠާނާ ނުފެނުނު ނަމަވެސް އޭނާ އަށް އަޅުގަޑުމެން ފެނެއެވެ. އެކަމަށް އިޝާރާތް ކުރައްވާ ސޫރަތުލް އަޢްރާފްގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  
(يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَ‌جَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِ‌يَهُمَا سَوْآتِهِمَا ۗ إِنَّهُ يَرَ‌اكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَ‌وْنَهُمْ ۗ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ)  
މާނައަކީ: " އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (آدم ގެފާނާއި حوّاءގެފާނާއި) ދެކަނބަލުންގެ عورةއެ ދެކަނބަލުންނަށްދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުންސުވަރުގެއިން ނެރެލިފަދައިން، شيطانއާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ شيطانންނުފެންނަހިނދުގައި، އެ شيطانއާއާއި، އޭނާގެ لشكرއަށް ތިޔަބައިމީހުންފެނެއެވެ. ހަމަކަށަވަރުން، إيمانނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކުކަމުގައި، ތިމަންރަސްކަލާނގެ شيطانން ލެއްވީމެވެ." 
ކޮންމެ އަކަސް ޝއިޠާނަގެ ބައިވަރު ބައިވެރިން ވެއެވެ. އޭގެ ތެރެއިން ކޮންމެފަރާތެއްގެވެސް ބޭނުމަކީ ﷲ ގެ އަޅާ މަގުފުރެއްދުމެވެ. ސޫރަތުލް އަންޢާމްގެ 112 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  
(وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُ‌فَ الْقَوْلِ غُرُ‌ورً‌ا ۚ وَلَوْ شَاءَ رَ‌بُّكَ مَا فَعَلُوهُ ۖ فَذَرْ‌هُمْ وَمَا يَفْتَرُ‌ونَ)  
މާނައަކީ: "ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި،ޖިންނީންގެ شيطانން عداوةތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކުއަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ باطل ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެއިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެންހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!"  
އެހެންކަމުން، ޝައިޠާނާ އާއި އޭނާގެ ބައިވެރިންގެ ވަސްވާސްތަކުން ސަލާމަތްވެ، ﷲ އެންގެވި ގޮތުގައި އަޅުގަޑުމެންގެ ފައިތިލަތައް ޘާބިތު ކުރަން ޖެހެއެވެ. ދެދުނިޔޭގެ ބާއްޖެވެރި ކަމާއި ކާމިޔާބު ލިބުން އޮތީ އޭރުންނެވެ. އެކަމަށްޓަކައި އަބަދާއި އަބަދު ގަދައަޅާ މަސައްކަތް ކުރުމަށްފަހު، ﷲ ގެ  ހަޟްރަތުގައި ދުޢާ ދަންނަވަން ޖެހެއެވެ. އަޅަމެން އެންމެންނަށް ރަގަޅު ނިމުމެއް ދެއްވާށިއެވެ. އާމީން. والله أعلم.
 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ