މީހަކު ތިބާދެކެ ލޯބިނުވުމަކީ މާޔޫސްވާންޖެހެންވީ ކަމެއް ނޫން!: ކޮންމެ ޙާލެއްގައިވެސް ތިބާދެކެ ލޯބިވާނެ މީހަކު ހުންނާނެ! ނަސީމާގެ ވާހަކައިން އެކަން ޔަޤީންކޮށްލައްވާ!

ލޯބިވެރިޔާ ވަކިވާއިރަށް ނޫނީ ބައިވެރިޔާ ތިބާ ދޫކޮށްލާއިރަށް ތިމާދެކެ ލޯބިވާނެ މީހަކު ނުހުންނާނެ ކަމަށް ޤަބޫލުނުކުރާށެވެ! ޔަޤީންކުރާށެވެ! ތިބާދެކެ ލޯބިވާނެ މީހަކު ހުންނާނެއެވެ. އެމީހާ އާއި ބައްދަލުވަންދެން ކެތްތެރިވެލައި އިންތިޒާރުކޮށްލާށެވެ! 
ގިނަ ފަހަރަށް މިމައްސަލަ ބޮޑުވަނީ ދެމަފިރިން އެކުގައި އުޅެމުން ގޮސް އަނބިމީހާއަށް ކޮންމެވެސް ޞިއްޙީ މައްސަލައެއް ކުރިމަތިވެފައިވަނިކޮށް ވަރިކޮށްލުމުންނެވެ. އެޙާލަތުގައި ޤަބޫލުކުރެވެނީ ދެން ތިމާދެކެ ލޯބިވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. ތިމާއަށް އެހީތެރިވެ އަޅާލައިގެން ގެންގުޅޭނެ ފިރިއަކު ނުހުންނާނެ ކަމަށެވެ. 
މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ޝައިޠޯނާ ވިސްނައިދޭ ގޮތެވެ. ބޭނުންވަނީ ތިބާ މާޔޫސްކުރުވައިގެން ﷲ ތަޢާލާ އާއި ދުރުކުރުވާށެވެ! ތިބާ ލައްވައި ބޮޑެތި ފާފަތައް ކުރުވާށެވެ! ތަޤްވާވެރިކަމަށް ހުރަސްއަޅާށެވެ! އެފުރުޞަތު ޝައިޠޯނާއަށް ނުދޭށެވެ! 
މިހިސާބުން މިމައްސަލަ ކުރިމަތިވި އަންހެނަކު ކިޔައިދީފައިވާ ވާހަކައެއްވެސް ކިޔައިދޭނަމެވެ. އަޑުއަހާށެވެ! 
އެއީ 27 އަަހަރުގެ ޒުވާން އަންހެނެކެވެ. ކައިވެނިކޮށް ދެމަފިރިން އެކުގައި އުޅެމުންދަނިކޮށް އޭނާގެ ކުރިމަތިފަރާތަށް އުނދަގޫތަކެއްވާންފެށީއެވެ. ފިރިމީހާ އެދޭއިރަށް އޭނާގެ ބޭނުންތައް ކޮންމެ ފަހަރަކު ފުއްދައިނުދެވެނީއެވެ. ބައެއް ދުވަހު ފޮޅުކަހަލަ އެއްޗެއް ނަގާފައި ހުންނާތީއެވެ. 
ފިރިމީހާގެ ބޭނުންވީ އަނބިމީހާއަށް ބޭސްފަރުވާ ކޮށްދޭކަށް ނޫނެވެ. އެހެންވެ ވަރިކުރީއެވެ. ލިބިފައި ތިބި 2 ދަރިންނާއިއެކު އޭނާގެ ގެއަށް ފޮނުވައިލީއެވެ. އެހިސާބުން އަނބިމީހާ ވަރަށް ބޮޑަށް މާޔޫސްވިއެވެ. ބަލިން ޝިފާ ނުލިބޭނެ ކަމަށާއި ލޯބިދީ އަޅާލައިގެން ގެންގުޅޭނެ ފިރިއަކު ދެން ނުލިބޭނެކަމަށް ޝައިޠޯނާ ދިން ވަސްވާސްތަކަށް ހެއްލެވި ނުބައިމަގުން ކުރިއަށްދާން ވިސްނުނެވެ. އެއީ ދަރިންނަށް ޚަރަދުކުރާނެ ފައިސާ ހޯދަންޖެހޭތީއެވެ. ފރިމީހާ ޚަރަދުނުކުރާތީއެވެ. އެހީތެރިވެދެވޭނެ މީހަކު ޢާއިލާގައި ނެތީމައެވެ. 
ޝައިޠޯނާ އޭނާއަށް ވަސްވާސްދިނީ ޑޭޓިންގ ސައިޓެއްގައި އިޝްތިހާރު ޖެހުމަށެވެ. އެކަމަށް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި އެކަން ކުރީމާ ބޭނުންކޮށް އިތުރުވާނެ ވަރަށް ފައިސާ ލިބޭނެކަންވެސް ވިސްނައިދިނެވެ. 
އަންހެންކުއްޖާއަކީ ހެޔޮލަފާ، ނަމާދުކޮށް އުޅޭ ކުއްޖެކެވެ. އޭނާއަށް ދެވަނަ ވިސްނުމެއް ލިބުނެވެ. އެއީ އޭނާގެ ޙާލަތު ބަޔާންކޮށް އޭނާގެ ފޭސްބުކްގައި ޕޯސްޓެއް ޖެހުމެވެ. އެއީ އޭނާއަށް އެހީތެރިވެދޭނެ އެއްވެސް މީހަކުހުރިތޯ ބަލައިލުމަށެވެ. އޭނާ ޢަމަލުކުރީ ދެވަނަ ވިސްނުމަށެވެ.
ޕޯސްޓްޖެހިދުވަސް ނޫން އަނެއް ދުވަހު މީހަކު މެސެޖްކޮށްފައި ބުނީ ބައްދަލުކޮށްލަން ބޭނުންވާކަމަށެވެ. އެކަމަށް ރުހުމުން އެދުވަހު ޢަޞްރުން ފައިބައިގެން އެމީހާ އައިސް ބައްދަލުކުރިއެވެ. އެމީހާ ފެނުމުން ލިބުނީ ސިހުމެކެވެ. އެއީ އެކުގައި ކިޔަވަން އުޅުނު ޝަކީލްވީމައެވެ. 
ޝަކީލް ބުނީ އޭނާއަބަދުވެސް ނަސީމާ ދެކެ ލޯބިވާކަމަށާއި އޭނާ އެވާހަކަ ނުބުނެ ހުރީ އެއިރު އަތުގައި އަންތބަކު ބެލޭނެ ތަނަވަސްކަން ނެތުމުން ކަމަށެވެ. މިހާރު ތަނަވަސްކަން އެބަހުރި ކަމަށާއި ބަލިޙާލުގައިވެސް އަދި 2 ދަރިން ތިބިނަމަވެސް ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. އަދި ހުރީވެސް ކައިވެނި ނުކޮށް ކަމަށެވެ. ކައިވެނިނުކޮށް ލަސްކުރީވެސް ނަސީމާ ދެކެ ލޯބިވެވުނުވަރު ބޮޑުކަމުން ނަސީމާގެ ހަނދާނުގައި ކަމަށެވެ. 
ބަލީގެ ކަންކަން ހުރިގޮތް ތަކުރާރުކޮށް ކިޔައިދިނުމުންވެސް ޝަކީލް ބޭނުންވީ ކައިވެނިކުރާށެވެ. ޝަކީލް ބުނީ ތިއައީ ފަރުވާކުރެވޭނެ ބައްޔެއް ކަމަށާއި އޭނާ ވަކީލްކުރަނީ ﷲ ތަޢާލާއަށް ކަމަށެވެ. އެގޮތަށް ބުނުމުން ރުހި ކައިވެނިކުރީއެވެ. ޝަކީލްވީ ކުރީގެ ފިރިމީހާއަށްވުރެ ތަނަވަސް އަދި އަދި މާބޮޑަށް އަޅާލައި ލޯބިދޭކަމެވެ. ބޭސްކުރުމުން ޝިފާ ލިބުނެވެ. ދެމަފިރިން ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ.   
ނަސީމާގެ ވާހައަކަށް ބަލާށެވެ! އެބަލިޙާލުގައިވެސް އެނިކަމެތިކަމުގައިވެސް އޭނާއަށް އެވަނީ އޭނާދެކެ މާބޮޑަށް ލޯބިވެ އަޅައިލާ ފިރިއަކު ލިބިފައެވެ. ކުރީގެ ފިރިމީހާ އެނާ ދޫކޮށްލިކަން ވެގެން އެދިއައީ އޭނާއަށް ޝަކީލް ފަދަ ރަނގަޅު ފިރިއަކު ލިބުމަށް މެދުވެރިވި ސަބަބު ކަމުގައެވެ. 
ވީމާ ޔަޤީންކުރާށެވެ! ކޮންމެ މީހަކުދެކެވެސް ލޯބިވާނެ މީހަކު ހުންނާނެއެވެ. ކޮންމެ ޙާލަތެއްގައިނަމަވެސް ލޯބިން ގެންގުޅޭނެ މީހަކުވެސް ލިބޭނެއެވެ. އެކި މީހުންނަށް ލިބޭނީ އެކިފެންވަރުގެ މީހުންނެވެ. އެއީ މައްސަލައެއް ކަމަށް ނުބެލީމާ އުފަލުގައި ދިރިއުޅެވޭނެއެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން 
- ޢިބްރަތްތެރި ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ