ފަލަސްތީނު ހިމެނޭހެން 5 ގައުމެއްގެ ސަފީރުން ފަތްކޮޅު އަރުއްވައިފި
ފަލަސްތީނު ހިމެނޭހެން ފަސް ގައުމެއްގައި ސަފީރުންގެ މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިއަދު އަރުއްވައިފިއެވެ. އެ ސަފީރުންނަކީ: ޔުގަންޑާއިން ކަނޑައެޅި އާ ނޮންރެޒިޑެންޓު ސަފީރު، ޕްރޮފެސާ ޖޮއިސް ކަކޫރާމަޓްސީ ކިކަފުންޑާ ފަލަސްތީނުން ކަނޑައެޅި އާ ނޮންރެޒިޑެންޓު ސަފީރު، އިހްބާ އިބްރާހީމް މުޙައްމަދު ޚަލީލް ޒިމްބާބްވޭއިން ކަނޑައެޅި އާ ނޮންރެޒިޑެންޓް ސަފީރު، ސްޓެލާ ނޮކޮމޯ އުޒްބެކިސްތާނުން ކަނޑައެޅި އާ ނޮންރެޒިޑެންޓު ސަފީރު، ސަރްދޯ ރޮސްތަމްބޭވް ޑެންމާކުން ކަނޑައެޅި އާ ނޮންރެޒިޑެންޓު ސަފީރު، ރަސްމުސް އެބިގޯޑް ކްރިސްޓެންސެން ޒިމްބާބްވޭއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުގެ ފަތްކޮޅު އެރުވުން --- ފޮޓޯ/ ރައީސް އޮފީސް އެ ސަފީރުން ރައީސް މުއިއްޒަށް ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހަށް ވަޑައިގަތީ، ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ހެވިކަމުގެ ލަޝްކަރީންނާ އެކު ހިންގަވާފައެވެ. ރައީސް މުއިއްޒަށް ސަފީރުކަމުގެ ފަތް ކޮޅު އަރުއްވައި، ހުރިހާ ސަފީރުންނާ އެކު ވެސް ވަނީ އެ ގައުމުތަކުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ. އެ ބައްދަކުރެއްވުންތަކުގައި އެކި ދާއިރާތަކާ ގުޅޭ ގޮތުން ސަފީރުންނާއި ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ. އުޒްބެކިސްތާނުން ކަނޑައެޅި އައު ނޮންރެޒިޑެންޓު ސަފީރު، ސަރްދޯ ރޮސްތަމްބޭވް ރައީސާ ސަލާންކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް އެ ދާއިރާތަކަށް ބަލާއިރު، ފަލަސްތީނުން ކަނޑައެޅި އާ ސަފީރާއެކު ރައީސް ވަނީ އެ ގައުމުގެ ޙައްޤުގައި ރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައި މެދުނުކެނޑި އަޑުއުފުލަމުން ދާދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެ ގައުމުގެ ހައްގުގައި އަޑުއުފުލުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއިރު، ފަލަސްތީނުގެ ހައްގުގައި ރާއްޖޭން ދޭ އެއްބާރުލުމަށް ސަފީރު ޝުކުރު އަދާކުރެެއްވިއެވެ. މީގެ އިތުރުން، ޔުގަންޑާ ސަފީރާއެކު ބޭއްވެވި ބައްދަލުވުމުގައި ވެސް ވަނީ މަޝްވަރާތައް ކުރައްވާފައެވެ. އިޤުތިޞާދީ ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމާއި ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ޔުގަންޑާއިން ކަނޑައެޅި އައު ނޮންރެޒިޑެންޓު ސަފީރު، ޕްރޮފެސާ ޖޮއިސް ކަކޫރާމަޓްސީ ކިކަފުންޑާ ރައީސަށް ފަތްކޮޅު އަރުއްވަނީ ---- ފޮޓޯ/ ރައީސް އޮފީސް ޒިމްބާބްވޭގެ ސަފީރާ އެކު ރައީސް މަޝްވަރާކުރެއްވީ، ދެ ގައުމުގެ މަސްލަހަތު ހިއްސާކުރާ ކަންކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ މައުލޫމާތު ހިއްސާކުރަން ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި، އިގުތިޞާދީ ގޮތުން ގުޅުން ބަދަހިކުރެވެން ހުރި ފުރުސަތުތައް ފުޅާކުރަން އެބައްދުލުވުމުގައި ވަނީ ނިންމަވާފައެވެ. އުޒްބެކިސްތާނުގެ ސަފީރާ އެކު ރައީސް މަޝްވަރާކުރެއްވި ކަންކަމަށް ބަލާއިރު، ވިޔަފާރިއާއި އިޤުތިޞާދާއި ތަޢުލީމީ ދާއިރާގެ ފުރުޞަތުތައް އިތުރަށް ފަހިކުރުން ހިމެނެއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް ވެސް ދެ ބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ. ޑެންމާކުން ކަނޑައެޅި އައު ނޮންރެޒިޑެންޓު ސަފީރު، ރަސްމުސް އެބިގޯޑް ކްރިސްޓެންސެން ރައީސް މުއިއްޒާ ސަލާންކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް ޑެންމާކުން ކަނޑައެޅި އާ ސަފީރު ވެސް ރައީސަށް ފަތްކޮޅު އަރުއްވައި، މަޝްވަރާކުރެއްވިއެވެ. އެގޮތުން، އިޤުތިޞާދާއި މޫސުމީ ނޭދެވޭ ބަދަލުތަކާ އަދި އިޔާދަކުރުވަނިވި ހަކަތައިގެ ދާއިރާއަށް ދެބޭފުޅުން ވާހަކައިގައި އަލިއަޅުއްވާ ލައްވާފައިވެއެވެ. ޑެންމާމަކީ ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުން އެ ދާއިރާ އިތުރަށް ފުޅާވާނެކަމަށް ވިދާޅުވެފައެވެ. އެ ގައުމުގެ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވަފައެވެ. އަދި، ރައީސް މުއިއްޒު ވަނީ ގައުމުތަކަށް އަލަށް ކަނޑައެޅި ސަފީރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ