އީރާނަށް ދިން ހަމަލާ ކުށްވެރިކުރައްވައި، ހަމަނުޖެހުންތައް ހުއްޓުވަން ރައީސް ގޮވާލައްވައިފި

އިރާނަށް އިސްރާއިލުން ދިން ހަމަލާ ކުށްވެރިކުރައްވައި، ދެ ގައުމުގެ ދެމެދު ހިނގާ ހަމަނުޖެހުންތައް އިތުރުވުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އިސްރާއިލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ ރޭ ދަންވަރެވެ. އިސްރާއިލްގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑާ ޖެނެރަލް އެފީ ޑެފްރިން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އީރާނަށް ދިން ހަމަލާތަކުގައި 200 ފަޔާ ޖެޓުން ގާތްގަނޑަށް 100 އަމާޒަށް ހަމަލާދީފައިވާނެ ކަމަށެވެ. އެ ހަމަލާތަކާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އީރާނަށް އިސްރާއިލުން ދިން ހަމަލާތައް ކުށްވެރިކުރައްވާފައެވެ. އެގޮތުން، އެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް ސަރަހައްދީ ހަމަޖެހުމަށް ނުރައްކާފަދަ އަމަލުތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ދެ ގައުމުގެ ދޭތެރޭގައި ނުތަނަވަސްކަން އިތުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އިސްރާއިލުން އީރާނުގެ އިމާރާތަކަށް ރޭ ހަމާލާދީފައި --- ފޮޓޯ/ޗައުދަރީ ޕަރްވޭޒް، އެކްސް އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ރޭ ދިން ހަމަލާތަކާ ގުޅިގެން އީރާނުގެ އެކި ފެންވަރުގެ މަސްއޫލުވެރިންވަނީ އިސްރާއީލަށް "ތަދުވާވަރުގެ" ވޭންދެނިވި ހަމަލާތަކެއް ދޭނެ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ވިދާޅުވެފައެވެ. އިސްރާއީލުގެ އާންމުންނާއި ލީޑަރުން ރޭން ފެށިގެން ތިބެނީ އީރާނުން ދީފާނެ ހަމަލާތަކަކުން ސަލާމަތްވުމަށް ބަންކަރުތަކާއި ބިންގަރާސްތަކަށް ވަދެ ފިލައެވެ. މިއީ މުއްދަތު ދިގުވެއްޖެނަމަ ބޮޑުވޭނަކަށް ވާނެ ކަމެކެވެ. ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި އެތައް ހާސް ބަންކަރަކަށް ފޯރުކޮށްދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އެ ބޭފުޅުން ފާހަގަކުރައްވައެވެ. އީރާނުން ރައްދުދޭނެކަމަށް ބަލައި އެއާޕޯޓްތައް ބަންދުކޮށް މުޅި އިސްރާއީލު ހުއްޓުމަކަށް ގެނަސްގެން ދިގުމުއްދަތަކަށް ތިބުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ. އަނެއްކޮޅުން އަސްކަރީ ގޮތުން ބަލާއިރު ވެސް ބަލިސްޓިކް މިސައިލުން ނޫނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލުން އާންމު ގޮތެއްގައި ހަމަލާތައްދޭނީ ރޭގަނޑުއެވެ. https://sun.mv/207257 މުހައްލިލުން ވިދާޅުވާ ގޮތުން، އީރާނުން އިސްރާއީލަށް ރައްދު ހަމަލާތައް ދޭނެ ކަމަށް ބެލެވެނީ ރޭގަނޑުގެ ވަގުތުގައި ކަމަށެވެ. އިސްރާއީލުގެ ހަމަލާތަކުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި އެނގިފައެއް ނުވެއެވެ. އިސްރާއީލުގެ ހަމަލާތައް އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒަށް އެރިއެވެ. ނަމަވެސް އީރާނުގެ އެޓަމިކް އެނާޖީ އެޖެންސީ ބުނާގޮތުން އެ މަރުކަޒުން ރޭޑިއޭޝަން ލީކުވަމުން ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ