އަހުނާގެ 505 ގަނޑުކޮޅު: ދުލުނު ނުބުނެވުނު ވާހަކަ ދެލިން

ދިރިހުރުމުގެ އުއްމީދު ކެނޑި، ހަޔާތާ މެދު މާޔޫސްވި ވަގުތެއް ވެސް އައިޝަތު އަހުނާގެ އައެވެ. އެއީ އޭނާގެ ސިކުނޑި ތިރިއަށް ޖެހި، މައިބަދައަށް ވަދެފައިވާކަމަށް ޑޮކްޓަރުން ބުނި ދުވަހެވެ. އެކަމަށް ފަރުވާ ހޯދުމަށް، ކުރަން ޖެހުނީ %50 ޔަގީންކަން އޮތް ސިކުނޑީގެ ނުރައްކާތެރި އޮޕަރޭޝަނެކެވެ.
މީގެ ނުވަ އަހަރު ކުރިން ކުރި އެ އޮޕަރޭޝަން ކާމިޔާބު ނަމަވެސް، އޭނާގެ ބަލި، 'ކިއާރީ މަލްފޮމޭޝަން'ގެ އަސަރު އަދިވެސް މުޅިން ފިލައިގެން ނުދެ އެވެ. ބުނަން އުޅޭ ބަސް، ބޮލަށް ނައިސްގެން ނުބުނެވި ވަގުތުތަކެއް ހޭދަވެ އެވެ. ބޮލަށް އަޔަސް، ބައެއް ފަހަރު ދުލާ ހަމައަށް ނައިސް އިރުތަކެއް ހިނގައިދާނެ އެވެ. އެކަމަކު އެއީ އޭނާގެ ހުނަރުވެރިކަމާއި  'ހިތުގެ ބަސްމޮށުންތެރި'ކަމަށް އޮތް ހުރަހެއް ނޫނެވެ. އެކަން އެނގެނީ، ގަނޑުކޮޅުތަކެއްގައި ލިޔެ އޭނާ ދޫކޮށްލާ މެސެޖްތަކުންނެވެ.
ދުލުން ބުނަން އުނދަގޫ ވާހަކަ އަހުނާ ބުނެދެނީ ދެލިންނެވެ. އޭނާގެ އަތުލިޔުމުން، ކުދިކުދި ގަނޑުކޮޅުތަކެއްގަ އެވެ.
"ކިއާރީގެ ސަބަބުން ނިކަން ފަސޭހައިން 'ބްރެއިން ފޮގް'ވޭ. ބުނަން އުޅޭ އެތި ނުބުނެވިދޭ. އެހެންވީމަ ދުލުން ބުނުމަށް ވުރެ ލިޔަން ފަސޭހަވަނީ. ލިޔާއިރު މަޑުޖެހިލުމާއި ކިޔާއިރު މަޑުޖެހިލުމާއި ހާސް ތަފާތުވާނެއެއްނު ދޯ؟،" އަހުނާ، 33 ބުނެލި އެވެ.
އަހުނާއަކީ މައުލޫމާތު މުއްސަނދި ލިޔުންތެރިއެކެވެ. އޭނާގެ މި ހުނަރު ބޭނުން ކުރަނީ މީހުންނަށް އެކި ކަންކަމާ ގުޅޭ ގޮތުން މެސެޖްތައް ފޯރުކޮށްދިނުމަށެވެ. އެކަމަކު އެހެން ލިޔުންތެރިންނާ ހިލާފަށް އެކަމަށް އޭނާ ބޭނުންކުރަނީ އެންމެ ފޮތެކެވެ. ރޮނގުދެމި އެ ފޮތުގައި، އާޓްލައިން ގަލަމަކުން އޭނާ ކުރު މެސެޖެއް ލިޔެ އެވެ. އަދި މެސެޖް ވަކިވާނެހެން، ކަރުދާސްކޮޅު ވީދާލުމަށް ފަހު އޭގެ ފޮޓޯ ނަގައި، ދޫކޮށްލަނީ ސޯޝަލް މީޑިއާއަށެވެ.
މިހާތަނަށް މިފަދަ 505 މެސެޖް، ގަނޑުކޮޅުތަކެއްގައި އޭނާ ލިޔެފި އެވެ.
އަހުނާ ބުނިގޮތުގައި އޭނާ ލިޔަނީ، ފެންނަ މަންޒަރުތަކުން، ސިކުނޑިއަށް އަންނަ ހިޔާލުތަކެވެ. ހިނގާފައި ދާއިރު ފެންނަ ކަމެކެވެ. ހަޔާތުގައި ދިމާވާ ކަމަކުން ލިބޭ ފިލާވަޅެކެވެ. އޭނާ ލިޔާ އެކި ކަހަލަ ލިޔުންތަކުގައި ހިމެނޭ މުހިއްމު ފޮޅުވަތްތަކެވެ. މިފަދަ ކޮންމެ ހިޔާލެއް އައުމުން، ފުރަތަމަ އޭނާ ފޯނުގައި ނޯޓުކޮށްލަނީ އެވެ. ދެން ފަހުން ފޮތުގައި ލިޔެލައި، އާއްމުންނަށް ދޫކޮށްލަނީ އެވެ.
އެފަދަ ގަނޑުކޮޅެއްގައި އަހުނާ ލިޔެފައި ވެ އެވެ؛
އޭ ހިތްވަރު ގަދަ ރަހުމަތްތެރިޔާ އެވެ.
ރޭގަނޑު ކިތަންމެ ދިގަސް، އަލިނުވިލި ނުދޭ ނޫން ހެއްޔެވެ؟
ހިތްވަރުކޮށްލާށެވެ. ހިތްދަތި ތި ރޭތަކާއި އުދާސްތައް ވެސް މާޒީވެ ގޮސް ހިނިތުންވާނެ ދުވަހެއް، އިންޝާﷲ ދައްކަވާނެ އެވެ.
އެހެން ގަނޑުކޮޅެއްގައި ލިޔެފައި ވެ އެވެ؛
ދިރިއުޅުމުގެ އެންމެ އިބުރަތްތެރި ފިލާވަޅުތައް ލިބެނީ ފޮތްފޮތަކުން ނޫނެވެ. ގާތް މީހުންގެ ފުށުންނެވެ.
އަދިވެސް އެހެން މެސެޖެކެވެ؛
ކޮންމެ މަރަކީ ވެސް ދިރިތިބީންނަށް: ނަސޭހަތެކެވެ. ފިލާވަޅެކެވެ. އިންޒާރެކެވެ. ހަނދުމަކޮށްދިނުމެކެވެ. އަޑުގަދަ ބުނުމެކެވެ.
އަހުނާ، ހަޔާތާ ބެހޭ ގޮތުން ބަސް ބުނެ އެވެ. ދީނީ ދައުވަތު ދެ އެވެ. ފިލާވަޅުތައް ކިޔައިދެ އެވެ. އެހެންވެ، ގިނަ ބައެއްގެ ދިރިއުޅުމާ އެ ބަސްތައް ގުޅި، ސަމާލުކަން ލިބެ އެވެ.
"[ޕޯސްޓްތައް ފެނުމުން] މީހުން ވަރަށް ގިނައިން މެސެޖް ކުރޭ. ބުނާނެ ހީވަނީ ތިއީ ހަމަ އަހަންނަށް ބުނެލި ބަހެއްހެންނޭ. ހާލަތު ފެނިގެން ދިން މެސެޖެއްހެންނޭ،" ނ. ވެލިދޫގައި ދިރިއުޅޭ ޒުވާނާ ބުންޏެވެ.
އަހުނާގެ އެ ގަނޑުކޮޅުތަކަށް މީހުންގެ ސަމާލުކަން ލިބޭ އަނެއް ސަބަބަކީ، އޭނާގެ ރީތި އަތު ލިޔުމެވެ. ތާނައިން ރީތި އަތުލިޔުންތައް މަދުން ފެންނަ ޒަމާނެއްގައި، އެ ލިޔުމުން ހިތަށް ފިނިކަން ގެނުވައިދެ އެވެ.
އަހުނާ ބުނިގޮތުގައި އެންމެ ކުޑައިރުއްސުރެ އޭނާ ރީތިކޮށް ލިޔުމަށް ހާއްސަ ސަމާލުކަމެއް ދިނެވެ. ކުޑައިރު ފޮޅުވަތް އެއްޗެހި ލިޔާއިރު، ފޮހެފޮހެގެން ވެސް އޭނާ ރީތިކޮށް ލިޔުނެވެ. ސްކޫލުގެ ދިވެހި ކްލަބުގައި އުޅުނު އިރު ވެސް ހަފުތާ ނޫސް ލިޔެ އުޅުނީ އަތުންނެވެ. ދެ ފަރާތު އާއިލާގައި ވެސް ތާނައިން ރީތިކޮށް ލިޔާ މީހުން އުޅޭ ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ރީތިކޮށް އަތުން ލިޔުމަކީ އޭނާ ވަރަށް ޝައުގުވެރިކަމާ އެކު، ލޯބިންކޮށް އުޅޭކަމަކަށް އޮންނަނީ ވެފަ އެވެ.
އެކަމަކު މިގޮތަށް ގަނޑުކޮޅުތަކެއްގައި ފުރަތަމަ މެސެޖްތަކެއް ލިޔަން ފެށީ، އަހުނާ ބުނިގޮތުގައި، އޭނާގެ އިންސްޓަގްރާމް ފީޑު ރީތިކޮށްލުމުގެ ގޮތުންނެވެ. ތާނައިން އެގޮތަށް ލިޔަން ފެށުމުން، އެކުވެރިންނާއި އެހެން މީހުންގެ ސަމާލުކަން ލިބެން ފެށުމުން، އޭނާގެ އިންސްޓަގްރާމް މިހާރު ހާއްސަކޮށްފައިވަނީ މުޅިން ވެސް އެފަދަ މެސެޖްތަކަށެވެ.
މިއީ އާދައިގެ ގަނޑުކޮޅުތަކެއް ކަމަށް ހީވިޔަސް، ސިކުނޑީގެ ބައްޔަކާ އެކު ކުރަން މިއީ ފަސޭހަ ކަމެއް ނޫނެވެ. އަހުނާ ބުނިގޮތުގައި އޭނާގެ ބަލީގެ އަސަރު އަދިވެސް ކުރެ އެވެ. ކަނާތުގެ ބާރު ކުރިއަށް ވުރެ ދަށްވެ ލިޔުން ވެސް މިހާރު ތަފާތުވެއްޖެ އެވެ. ބަލީގެ ގޮތުން، ޕޯސްޓްތައް ވެސް ލިޔަން އުނދަގޫވެ އެވެ. އެކަމަކު މިކަން ކުރަނީ އޭނާ ނެތް ދުވަހަކު ވެސް އޭގެ ފައިދާ އޭނާ އަށާއި އެހެން މީހުންނަށް ކުރާނެ ކަމުގެ އުއްމީދުގައި ކަމަށް ބުންޏެވެ.
އިންސްޓަގްރާމާއި ފޭސްބުކްގައި އޭނާ ފޮލޯ ކުރާ އެތައް ހާސް ބައެއްގެ ތެރެއަށް އެ މެސެޖްތައް ދޫކޮށްލަނީ، މިއީ މާދަމާ އޭނާ ލޯ މަރާލިޔަސް، ފެންނަން ހުންނާނެ އެއްޗެހިކަން ގަބޫލުކޮށްގެންނެވެ. އެހެންވެ، އެއީ އޭނާ ލިޔާ ލިޔުމަކަސް ގަނޑުކޮޅަކަށް ވިޔަސް، އެއީ އޭނާ ނެތް ދުވަހަކުން އެއިން ފައިދާ ކުރާނެ ފަދަ އެއްޗަކަށް ހެދުމަށް މަސައްކަތް ކުރެ އެވެ.
"އަޅުގަނޑު ބުނަން ބޭނުން، މިއަދު ލޯ މަރާލިޔަސް އަޅުގަނޑުގެ ލިޔުންތައް ޝެއާކުރުން ހުއްޓާ ނުލައްޗޭ. ފަސްދަށުގައި އޮތަސް އޭގެން ފައިދާއެއް ލިބުމަށް، އިންޝާﷲ، އުއްމީދު ކުރެވެއޭ،" ގަނޑުކޮޅެއްގައި ލިޔެލާ ފަދައިން އަހްނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ