ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް އިންސާނީ ވަސީލަތްތައް ތަރައްގީކުރަން ޖެހޭ ކަމަށާއި އެއާ އެކު އެ ދާއިރާ އިންވެސްޓްމަންޓްތަކަށް ހުޅުވާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގެ އެންމެ މަގުބޫލް ހޮސްޕިޓިލަޓީ މީޑިއާ ގްރޫޕް، ހޮޓެލިއާ މޯލްޑިވްސް އިން ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓްލް ސްޕޮންސަރުގެ ދަށުން ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގައި މިރޭ ބޭއްވި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގައި ވާހަކަދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ޕްރޮފެޝަނަލުންގެ ދައުރު މުހިންމެވެ.
"ފަތުރުވެރިކަމަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ މައިގަނޑު ބިންގާ. ނަމަވެސް މި ސިނާއަތު ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މީހުންގެ މުހިންމުކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ފަތުރުވެރިކަމަށް ބަލަނީ ހަމައެކަނި އާމްދަނީގެ ވަސީލަތެއްގެ ގޮތުގައި ނޫން ކަމަށާއި، އެއީ ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކުގައި ކޮންމެ ދުވަހަކު ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ މައްޗަށް ބިނާވެފައިވާ "އިންސާނީ މަސައްކަތެއް" ކަމަށެވެ.
"އިންފްރާސްޓްރަކްޗާ މުހިންމު. ޑިޒައިން ވެސް މުހިންމު. ނަމަވެސް މެހެމާނުންނަށް ލިބޭ ތަޖުރިބާ ހަގީގަތުގައި ކަނޑައަޅަނީ ހުނަރު، ސަގާފަތް އަދި ލީޑަޝިޕުން،" އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތުގެ ވަޒީފާތައް އަދާކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަކީ ޕްރޮފެޝަނަލް، ފައިދާހުރި އަދި ފުރުސަތުތަކުން ފުރިގެންވާ ވަޒީފާތަކެއްކަން ކަށަވަރުކުރުމަށް. ނަމަވެސް މިކަން އަޅުގަނޑުމެންނަށް އެކަނި ނުކުރެވޭނެ. އަޅުގަނޑުމެންނަށް ބޭނުންވަނީ ތަމްރީނު، މެންޓަޝިޕް އަދި މަސައްކަތުގެ ރަނގަޅު މާހައުލުތަކަށް ކުރާ އިންވެސްޓްމަންޓް،" އޭނާ ވިދާޅުވި އެވެ.
ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނާ މުހާތަބުކުރައްވައި ޒަމީރު ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްމަންޓާއި އާ ގޮތްތަކަށް ހުޅުވާލާފައިވާ ގައުމެއް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ ދައުލަތުގެ މާލިއްޔަތާއި އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް. އެއާ އެކު، އަމިއްލަ ވިޔަފާރިތައް، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ ވެސް ހިމެނޭ ގޮތަށް ކުރިއަރަމުންދާކަން ޔަގީންކުރުމަށް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން ދޭ މި އަހަރުގެ އެވޯޑަށް 450އަށް ވުރެ ގިނަ ފަރާތުގެ ހުށަހެޅުން ލިބިފައިވެ އެވެ.
މި ހުށަހެޅުންތައް ވަނީ 6 މެންބަރުންގެ ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކޮށް މާކްސް ދީފަ އެވެ.
އެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅީ ފަނޑިޔާރުންގެ މާކްސްގެ %60 އާއި 25 މާޗުން 25 އޭޕްރީލްގެ ނިޔަލަށް ކުރިއަށްގެންދިޔަ އާންމު ވޯޓުގެ %40 ހިމެނޭ ގޮތަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ އަގުވަޒަންކޮށް، އެ މީހުންގެ ހިދުމަތްތަކަށްދޭ ހަމައެކަނި އެވޯޑް ކަމަށްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ:
ޓައިޓަލް ސްޕޮންސަރު: ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)
ޑިޖިޓަލް ޕާޓްނަރު: ދިރާގު
ބޭންކިން ޕާޓްނަރު: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
ގޯލްޑް ސްޕޮންސަރު: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
ބެވަރޭޖް ޕާޓްނަރު: މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)
އެސޯސިއޭޓް ސްޕޮންސަރުން: އެލިއާ އިންވެސްޓްމަންޓްސް އަދި މެޓަލްސައިންސް
އޯގަނައިޒިން ޕާޓްނަރު: ސްޓޯމް އިވެންޓްސް/ތިންކް މޯލްޑިވްސް
މީޑިއާ ޕާޓްނަރު: މޯލްޑިވްސް ޓީވީ
ސަޕޯޓިން ޕާޓްނަރުން: މޯލްޑިވްސް އިންސައިޑާ، އޫފީ، އިކިބާނާ މޯލްޑިވްސް އަދި ލައިޓްސްއައުޓް ސްޓޫޑިއޯސް
ޓޫރިޒަމުން އިންސާނީ ވަސީލަތްތަކަށް އިންވެސްޓް ކުރަންޖެހޭ: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ