ލޯބވެރިޔާ އާއި ކައިވެނި ނުކުރެވުނަސް ދެރަނުވާށެވެ! އެއީ ތިބާދެކެ ﷲ ލޯބިވެވޮޑިގަންނަވާތީ މާރަނގަޅު ބައިވެރިއަކު ދެއްވަވަން އޮތީމަ ކަމަށް ޔަޤީންކޮށް އުފާކުރާށެވެ!

މީހަކު ދެކެ ލޯބިވުމަކީ މައްސަލައެއް ނޫނެވެ. ހަމައެކަނި ކުރަން އޮތްކަމަކީ ލޯބިވެގެން އުޅޭއިރުވެސް ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ތެދުވެރިވުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމާއި ރުހިވޮޑިގަތުން ގެއްލިދާނެ ކަމެއް ނުކުރުމެވެ. އެހެންވެ މިފާހަގަކޮށްލަނީ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަމެވެ. ޚާއްޞަކޮށް ލޯބިވެރިޔާ ނުލިބިގެން ކަންބޮޑުވުމުގެ ކުރިން މިކަންކަމަށް ވިސްނަންވާނެއެވެ.
ބައެއް ޒުވާނުން ބުނެއެވެ. "އަހަރެން ލޯބވަނީ ހަމައެކަނި އޭނާ ދެކެއެވެ. އޭނާ ދެއްވެވުން އެދި ވަރަށް ގިނައިން ދުޢާކޮށްފީމެވެ. ނަމަވެސް އަދިވެސް ހިންމަވައެއް ނުދެއްވަވައެވެ. އޭނާ ނުލިބި އަހަރެންނަކަށް ދިރިއެއް ނުއުޅެވޭނެއެވެ."
މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ފުރަތަމަ ކަމަކީ އއްވެސް މީހަކު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެ ކަމެވެ. ﷲ ތައާލާއީ އެކަލާނގެ ޙަމްރަތުން ކަމަކަށް އެދި ދެއަތް އުފުލައި ދުޢާކުރުމުން އެދުޢާ ޢިޖާބަ ނުކުރައްވަވައި ދޫކޮށްލައްވަވަން ލަދުވެތިވެވޮޑިގެންވާ ރަސްކަލާނގެއެވެ.
ދެވަނަ ކަމަކީ އެމީހަކުދެކެ ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް އޭނާގެ ޙަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާކަމެވެ. އެމީހަކާއި ކައިވެނިކުރެވުމުން ތިބާއަށް ލިބޭނީ އުފާވެރިކަން ނުވަތަ ނޫންކަން މޮޅަށް ދެނެވޮޑިގެންވަނީ ވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ތިމާ އެދުނު ލޯބިވެރިޔާ ތިމާއަށް ނުދެއްވެވުން އެއީ ތިބާދެކެ ﷲ ތަޢާލާ ތިބާ ދެކެ ލޯބިވެވޮޑިގަންނަވާތީ މިންވަރުކުރެއްވެވި ގޮތް ކަމަށް ޤަބޫލުކުރާށެވެ.
ދިރިއުޅުމަށް ބޭނުންވާ ލޯބި އެއީ ވަރަށް ތަފާތު ލޯތްބެކެވެ. ތަޖުރިބާއިން އެނގެނީ އުފަލުގައި ދިރިއުޅެވެނީ ކައިވެންޏަށްހު އުފެދޭ ލޯބިންކަމެވެ. ކައިވެންޏަށްފަހު ކައިވެނީގެ ކުރިން އުފެދުނު ލޯބި ބަދަލުވެގެން ދިެުން ގިނައެވެ. ނަމަވެސް ކައިވެންޏަށްފަހު ކައިވެނީގެ ގުޅުމުގެ ތެރެއިން އުފެދޭ ލޯބި ދާނީ އިތުރުވަމުންނެވެ. އެފަދަ ލޯތްބެއް ގެއލި ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.
މުޅި ދުނިޔެވެސް މިއަދު ޤަބޫލުކުރާ އެއް ޙަޤީޤަތަކީ ކައިވެނި އެންމެ ބޮޑަށް ކާމިޔާބުކުރެވެނީ ލޯބީގެ މާޒީއެއް ނެތި ކައިވެނިކުރުމުން ކަމެވެ. ލޯބީގެ ނަމުގައި ހަޑިމުޑުދާރު ޢަމަލުތައް ނުކޮށް ކައިވެނިކުރުމުންކަމެވެ. މިޒަމާނުގެ ބަހުރުވައިންނަމަ "ޑޭޓްނުކޮށް" ކައިވެނިކުރުމުން ކަމެވެ.
ވީމާ ތައްޔާރުވާންވީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ބައިވެރިއަކު ދެކެ ލޯބިވުމަށެވެ. އެމީހަކާއިއެކު ލޯބިން ދިރިއުޅުމަށެވެ. ކައިވެނިކުރާއިރު ބަލަންޖެހޭ ކަންކަން ޙަދީޘްފުޅުކުރެއްވެވިއިރު ތިމާދެކެ ލޯބިވާވަރު ބަލަން ޙަދީޘްފުޅުކުރައްވަވާފައެއް ނުވެއެވެ. ބަލަން އޮތީ ބައިވެރިޔާގެ އަކްލާޤަށާއި ދީންވެރިކަމަށެވެ. މި ޝަރުޠު ފުރިހަމަވާނަމަ އިމެއް ނެތި ތިބާ ތިއަ ބޭނުންވާ ލޯބި ތިބާއަށް ލިބިގެންދާނެތެވެ. އިން ޝާ ﷲ
އެކަން ޔަޤީންކުރަން ބޭނުންނަމަ ތިބާގެ އެކުވެރިންގެ ތެރެއިން ލޯބިވެގެން ކައިވެނިކުރި މީހުން ދިރިއުޅޭ ޙާލަތަށާއި ޙަދީޘްފުޅުގައިވާ 2 ސިފައަށް ބަލައިގެން ކައިވެނިކުރި މީހުން ދިރިއުޅޭ ޙާލަތަށް ބަލައިލާށެވެ! ޙަޤީޤަތް އެނގިގެންދާނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ