ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޕީއެސް ނިލްފާ، އޭސީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ސެކްރެޓަރީ ޖެނެރަލަކު ހޯދާތާ ހަ މަސް ފަހުން، އެ މަގާމަށް ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ފާތިމަތު ނިލްފާ އައްޔަންކޮށްފިއެވެ. އޭސީސީން މިއަދު ވަނީ ނިލްފާ އެސްޖީގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނެފައެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރާއި މި ސަރުކާރުގައި ނިލްފާ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަން ކުރެއްވީ މާރިޗް 10، 2021އިން މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. ޕާމަނަންޓް ސެކްރެޓަރީއަކީ އެ މިނިސްޓްރީއެއްގައި ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ. ނިލްފާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައިނުވެއެވެ. އެއިރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން "ސަން"އަށް ބުނީ ނިލްފާ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ނުދެއެވެ. އޭސީސީގައި އެންމެ ފަހުން ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުޙައްމަދު ސަލީމުގެ ދައުރު ހަމަވީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހަށެވެ. އެހެންކަމުން އާ ސެކްރެޓަރީ ޖެނެރަލެއް ހޯދުމަށް އޭސީސީއިން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހެވެ. އޭގެ ފަހުން 15 ޖަނަވަރީގައިއާއި މިދިޔަ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހު ވެސް ވަނީ އެ މަގާމަށް މީހަކު ހޯދަން އިއުލާން ކޮށްފައެވެ. ފަސް އަހަރުގެ މުއްދަތަކަށް އޭސީސީއަށް އެސްޖީއެއް ހޯދީ, މަހަކު 36,500 ރުފިޔާ ލިބޭ ގޮތަށެވެ. https://sun.mv/204519 ވަރަށް މިނިވަންކޮށް ހިންގައި, ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭ, އޭސީސީގެ މެންބަރުން މަސައްކަތް ކުރައްވަނީ ނުފޫޒެއްގެ ތެރޭގައި ކަމަށް އަބަދުވެސް ތުހުމަތުތައް ކުރެވެއެވެ. އަދި އެއިރަކު އޮންނަ ސަރުކާރެއް ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭ ކަމަށް އެ ކޮމިޝަންގެ މައްޗަށް ތުހުމަތުތައް ކުރެވެއެވެ. އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މައްސަލަތައް ބެލުމަށް އެދި، ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 14ގައި ވަކިކުރި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ފުލުހަށާއި އެ ކޮމިޝަނަށް މައްސަލަތައް ހުށަހަޅައިފައެވެ. އޭގެ ތެރެއިން ފުލުހަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފައިވާއިރު އޭސީސީގައި ވަނީ ޝާމިލްގެ މައްސަލަ ރެޖިސްޓާކޮށްފައެވެ. ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާއެއް އޭސީސީ ހިންގުމަށް އަންނަނީ ޚަރަދު ކުރަމުންނެވެ. މި އަހަރު އެ ކޮމިޝަނަށް 50 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު އަހަރުގެ މިހާތަނަށް އޭގެ ތެރެއިން 27.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ