ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 3 ދަރަޖަ ފަހަތަށް

އެކި ގައުމުތަކުގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ދައްކުވައިދޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި އަނެއްކާވެސް ރާއްޖެއަށް ޕޮއިންޓު ދަށްވެ، ތިން ދަރަޖަ ފަހަތަށް ޖެހިއްޖެ އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން މިއަދު އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އިންޑެކްސްއިން ދައްކާ ގޮތުގައި، މިފަހަރު ވެސް ރާއްޖެ ވަނީ އެއް ޕޮއިންޓު ދަށަށް ވެއްޓިފަ އެވެ.  
އެހެންވެ، ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެ ބައި ގައުމުތަކުގެ ތެރޭގަ އެވެ. އެގޮތުން:
2022 އަދި 2021 ވަނަ އަހަރު 40 ޕޮއިންޓާ އެކު ރާއްޖެ އޮތީ ސީޕީއައިގެ 85 ވަނައިގައި
2023 ވަނަ އަހަރު ރާއްޖެއަށް ލިބުނީ 39 ޕޮއިންޓް؛ އެއާ އެކު، ރާއްޖެ ވަނީ އިންޑެކްސްގެ 93 ވަނަ އަށް ވެއްޓިފައި
މިފަހަރުގެ އިންޑެކްސްއިން ފެންނަގޮތުން މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ސްކޯއަކީ 38 
އެއާ އެކު، ރާއްޖެ މިހާރު ރޭންކު ކުރެވިފައި އޮތީ މި އިންޑެކްސްގައި ހިމެނޭ 180 ގައުމުގެ ތެރެއިން 96 ވަނަގައި
އެނގުން މުހިންމު - ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރު އާންމުކުރާ މި އިންޑެކްސްގައި، ދައުލަތް ހިންގުމުގައި ކޮރަޕްޝަން ހިމެނޭ މިންވަރު ގިންތި ކުރަނީ، ސުމަކާއި 100އާ ދޭތެރޭގެ އަދަދަކަށް ޕޮއިންޓް ދީގެންނެވެ. މި އިންޑެކްސްއިން ދައްކުވައިދޭ ގޮތުގައި ސުމެއް އެއީ ކޮރަޕްޝަންގެ އަމަލުތައް އެންމެ ގިނަ ކަމަށް ގަބޫލުކުރެވޭ އަދަދެވެ. 100 އެއީ ކޮރަޕްޝަންގެ އަމަލުތައް އެންމެ ގިނަ ކަމަށް ގަބޫލުކުރެވޭ މިންވަރެވެ.
މި އިންޑެކްސްގައި މިންކުރަނީ ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް އާންމުނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށްފަހު ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގަ އެވެ. ރާއްޖޭގެ މިދިޔަ އަހަރުގެ ނަތީޖާ ނެރުމަށް ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގުވާމީ ތިން މަސްދަރަކަށެވެ.
މިއަަހަރުގެ އިންޑެކްސްގައި އަލިއަޅުވާލާފައިވަނީ ކޮރަޕްޝަންގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ފިޔަވަޅުތަކުން ލިބޭ ގެއްލުންތަކުގެ މައްޗަށެވެ.
އެންމެ ފަހުން ރާއްޖެއަށް ކޮރަޕްޝަން އިންޑެކްސްގައި ކުރިއެރުމެއް ލިބިފައިވަނީ 2020ގައި އެކަންޏެވެ. އެގޮތުން:
2019 ވަނަ އަހަރު 29 ޕޮއިންޓާ އެކު އިންޑެކްސްގެ 130 ވަނައަށް ވެއްޓިފައި އޮތުމަށް ފަހު 2020ގައި ބޮޑު ކުރިއެރުމެއް ލިބި، ލިސްޓުގެ 75 ވަނައަށް އެރި
ބުނީ ކީކޭ؟ - ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ މިފަހަރު ވެސް ފަހަތަށް ޖެހުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، 2024 ވަނަ އަހަރުގެ ސީޕީއައި ސްކޯއިން ހާމަވެގެންދަނީ ކޮރަޕްޝަނާއި ދެކޮޅަށް ރާއްޖޭގައި ކުރާ މަސައްކަތައް އެއްވެސް ކުރިއެރުމެއް ލިބިފައިވާ ނުވާކަމެވެ.
އެ ޖަމިއްޔާ ބުނީ މި ސްކޯއިން ފާހަގަކުރެވެނީ:
ކޮރަޕްޝަނުގައި ބައިވެރިވާ ސިޔާސީ އަދި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ކުރުވުމަށް ކުރަންޖެހޭ ތަހުގީގުކުރުމާއި އަދި ދައުވާކުރުމާއި ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާ ކުރަންޖެހޭކަން
ކޮރަޕްޝަނުގެ އަމަލުތަކުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ކުރެވޭ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަން 
ހިންގުމުގެ ނިޒާމުގައި ހުރި ބަލިކަށިކަމާއި ޖަބާދާރީވުން ކުޑަވުމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހޭކަން
ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށްޓަކައި، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކުރަން ބާރުއަޅާފައިވާ ކަންކަމަކީ:
އިންސާފަށް ވާސިލުވުން އަވަސްކުރުން
ރެގިއުލޭޓަރީ އޮޮނިގަނޑުތައް ވަރުގަދަކުރުން
އަދުލު އިންސާފުގެ ނިޒާމުތަކުގެ ހާމަކަން ބޮޑުކުރުން
ކޮރަޕްޝަނާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ވެފައިވާ އިގްރާރުތައް ދެމެހެއްޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ