އަންނަ ހަފުތާގެ ބުރާސްފަތީގައި މާލެއަށް މަސްދަޅުކޭސް ބަހަން ފަށަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް އޮތް ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ބަހަން ނިންމާފައިވާ މަސްދަޅުކޭސް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން މާލޭގައި ބަހަން ފަށާނެކަަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ބުނެފިއެވެ. އެސްޓީއޯއިން ބުނީ، 180 ގްރާމުގެ 48 ދަޅު ހިމެނޭ ތެޔޮ މަސްދަޅުކޭސް އަންނަ ހަފުތާގެ ބުރާސްފަތިން ފެށިގެން މިމަހުގެ 28ވަނަ ދުވަހަށް މާލެއިން ދޫކުރާނެ ކަމަށެވެ. އެސްޓީއޯއިން މަސްދަޅުކޭސް ބަހަން ނިންމާފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. އެ ކުންފުނިން ބުނީ، މަސްދަޅުކޭސް ބަހާނީ ގޭގެ ފެން މީޓަރު ނުވަތަ ކަރަންޓު މީޓަރަށް ބަލައި އައިޑީ ކާޑު ނަންބަރާއި ފޯނު ނަންބަރު ނޯޓު ކުރުމަށް ފަހު ކަމަށެވެ. މާލެ ސަރަހައްދުގައި މަސްދަޅުކޭސް ދޫކުރާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. މަސްދަޅުކޭސް ބަހަން ހަމަޖެހިފައިވާ ގަޑިތައް: މެންދުރުފަހު 2:30 އިން ހަވީރު 06:00އަށް ރޭގަނޑު 8:30 އިން 11:00އަށް މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބަޔާއި މިފްކޯ އޮފީސް ކޮމްޕައުންޑުގައެވެ. އަދި ހުޅުމާލެ ފޭސް އެކަކުން އުމަރު ޒާހިރު ބިލްޑިންގައާއި، ހުޅުމާލެ ފޭސް ދެއަކުން، ހިޔާ ފްލެޓް ޓަވަރު 10ގެ ޔޫތު ސެންޓަރުގައި ވެސް މަސްދަޅުކޭސް ބަހާނެއެވެ. ވިލިމާލޭގައި މަސްދަޅުކޭސް ބަހާނީ، ވިލިމާލޭ ކައުންސިލް އޮފީހުންނެވެ. https://sun.mv/199199 ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީފައެވެ. އަދި 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ވެސް ސަރުކާރުން މިދިޔަ ރޯދަމަހާ ދިމާކޮށް ވަނީ ހިލޭ ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ