މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާ އެކު އަދާކުރުމުގެ ވައުދު ފުއްދުމަށް ރާއްޖޭގައި މިވަގުތު ތިއްބެވި 182 ފަނޑިޔާރުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އާ ގަލޯއީ އަހަރު އިފްތިތާހު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ޝަރުއީ ދާއިރާއިން ފާއިތުވި އަހަރު ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރުމާ އެކު އާ އަހަރުގެ ލަނޑުދަނޑިތައް ކަނޑައެޅުމާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ އެ ރަސްމިއްޔާތުގައި އާ ގަލޯއީ އަހަރު އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ލިބެންހުރި މަދު ވަސީލަތްތަކުގެ ބޭނުން ފަނޑިޔާރުން މިދިޔަ އަހަރު ހިފީ ހިކުމަތްތެރިކަމާ އެކު ކަމަށެވެ.
ފަނޑިޔާރުން ވަރުބަލި ކަމެއް ނެތި، ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށް، ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަނީ ތައައްސުބުން އެއްކިބާވެފައިވާ އިންސާފުވެރި، ރައްޔިތުން އިތުބާރު ކުރާ ފަނޑިޔާރު ގެއަކަށް ރާއްޖޭގެ ޖުޑިޝަރީ ހެދުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މުއުތަސިމް ވިދާޅުވީ ޖުޑިޝަރީގެ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ 194 ކޯޓުން ކޮންމެ ދުވަހަކު ވެސް ކުރަމުންދާކަން ހުކުމްތަކުން ފެންނާނެ ކަމަށެވެ.
"ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ މަދު ކަމާ އެކު ވެސް ހުއްޓުމެއް ނެތި ފަނޑިޔާރުން މި މަސައްކަތުގައި ތަހުސީސްވެ ތިއްބަވައި ތިޔަ ކޮށްދެއްވާ މަސައްކަތަކީ ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގަ އާއި، ސުލްހަ މަސަލަސްކަން ގެންނަން ނުހަނު މުހިންމު މަސައްކަތެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތައައްސަބުން އެއްކިބާވެ، ވަކި ފަރާތަކަށް ނުޖެހި ހަސްމުންގެ ވަހަކަތައް އަޑު އަހާ، އިންސާފުވެރިކޮށް ކަންކަން ނިންމުމަކީ ފަނޑިޔާރުންނަށް އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އެއީ އިންތިހާއަށް ހިކުމަތްތެރިވެ، ފަރުވާތެރިވެގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ.
"ފަނޑިޔާރުން އެ ނިންމުންތައް ނިންމަވަނީ އެއްވެސް ބިރެއް ނެތި، ކުޑަ ވެސް ފަސްޖެހުމެއް ނެތި. ފަނޑިޔާރުންގެ މައްޗަށް އެކަން ކުރުން ލާޒިމް ކުރެވިފައިވާ ގޮތުގެ މަތިން އެ ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް ކަމުގައި ވިޔަސް ނުވަތަ މަގުބޫލު ނޫން ނިންމުންތަކެއް ކަމުގައި ވިޔަސް، އެއްވެސް ވަރަކަށް އެކަން ކުރުމުގައި ފަސްޖެހިވަޑައިގަތުމެއް ނެތި،" މުއުތަސިމް ވިދާޅުވި އެވެ.
ފަނޑިޔާރުން މަސައްކަތް ކުރަނީ އިންސާފުވެރި، ރައްޔިތުން އިތުބާރު ކުރާ ޖުޑިޝަރީއަކަށް: އުއްތަމަ ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ