"ތަޢުބާ ވާންށޭ؟" ވާރިޝް މަޑުމަޑުން ސުހާގެ ގާތުގައި އިށީންނެވެ.
- އެޕިސޯޑް 85 –ވާރިޝް އޭނާގެ ޖީބުން ނެގީ 8 އިންޗީގެ ވަޅިއެކެވެ. ސުހާއަށް ހަޅޭލަވައިގަނެވުނީ އޭނާގެ އިޚްތިޔާރުން ބޭރުންނެވެ. ވާރިޝް ބަލާކަށް ނުހުރެ އަތުގެ ކޮޅަށް ވަޅި ނަގާ، ވާރިޝްގެ ގައިގައި ހުރި ބާރެއް ލާފައި ވަޅި ޖަހާލިއެވެ.ވަޅި ގޮސް އަމާޒުވީ ކޮޓަރީގެ ފާރަށެވެ. އެއީ ސުހާ ކުއްލިއަކަށް ތިރިވެލުމުންނެވެ. ވާރިޝް ދެލޯ ބޮޑުކޮށްގެން ހުރެ ބިންމަތީގައި ގުޅައަކަށް ޖެހިގެން އޮތް ސުހާއަށް ބަލައިލިއެވެ. އޭރު ވާރިޝްގެ އަތް ފައި ތުރުތުރު އަޅައެވެ. މުޅި މީހާގެ ގަޔަށް ސަވާރުވެފައި ވަނީ އާދަޔާ ޚިލާފު ރުޅިވެރި ކަމެކެވެ. "ވާރިޝް ހެޔޮނުވާނެ! ބަނޑު ބޮޑު އަންހެނަކަށް ތިވަރު އަރުވާ ނުލާ! ހެޔޮނުވާނެ! އާދޭސް ކޮށްފަ މިބުނީ.. ވާރިޝް ތިއުޅެނީ ވާރިޝްގެ ދަރިއެއް މަރާލަންތަ؟ އޭރުން އަހަންނަށް ވުރެ، ވާރިޝް މާ ނުބައި ވީނު؟ ވާރިޝް އަމިއްލަ ދަރި އަމިއްލަ އަތުން މަރާލަން ތި ވިސްނަނީ.. ތީ ނުބައި ޚިޔާލެއް.. ތި ޚިޔާލު ދޫކޮށްލާ! އާދޭސްކޮށްފަ މިބުނީ... އަހަރެން ދޫކޮށްލާ! އަހަރެން މަރާނުލާ! އަހަރެން ބޭނުން ދުނިޔޭގަ ހުންނަން.. އަހަރެން ބޭނުން ތައުބާ ވާން..." ސުހާ އަޑުގެ ނެތްކޮޅަށް ރޯން ފެށީ، އޭނާގެ މޫނުގައި އަތް އަޅާލަމުންނެވެ. "ތަޢުބާ ވާންށޭ؟" ވާރިޝް މަޑުމަޑުން ސުހާގެ ގާތުގައި އިށީންނެވެ. "ކަލޭ ތަޢުބާ ވާނެތަ؟ ތީ އިންސާނެއްގެ ސިފާގަ ހުރި ޖަނަވާރެއް.. އަހަރެން މިއަދު ލަދުވެތިވަން، ކަލޭ ދެކެ ލޯބި ވެވުނީތީ.. އާނ! އަހަރެން އިންތިހާއަށް ލޯބިވިން... ވަރަށް ބޮޑަށް ލޯބިވިން... އެކަމު، އޭރު ތި ސުހާ އަކީ މަޑުމައިތިރި، ހިތްހެޔޮ ކުއްޖެއް.. ތި ކަހަލަ ޖަނަވާރު އެއްވެސް ސިފައެއް އޭރަކު ސުހާގެ ފަރާތަކުން އަހަންނަކަށް ނުފެނޭ! ކަލޭގެ އަސްލު ސިފަ އަދި އަހަންނަށް މި ފެނުނީ.." ވާރިޝް ވާހަކަ ދައްކަމުން ދިޔައީ ދަތްކުޑި ވިކައިގެން އިނދެގެންނެވެ. ބިންމަތީގައި އޮތް ސުހާ އޭނާގެ ހަތަރު ކަޅި އަމާޒުކޮށްލީ ވާރިޝްގެ މޫނަށެވެ. "އަހަރެންއަކީ އެއްވެސް ކުށެއް ނެތި ލޯބީގަ އެތައް އަނިޔާއެއް އިޙްސާސް ކޮށްގެން ހުރި މީހެއް.. އަހަރެންގެ ކުށެއް ނެތި، އަހަރެންގެ ޙަޔާތުން ވާރިޝް ދުރަށް ދިޔައީ.. އަހަރެންގެ މަންމަ، އަހަރެން އިންތިހާއަށް ލޯބިވި މީހާއާ އަހަރެން ދުރުކުރުވީ.. އަހަރެން އުޅުން ޙާލު އިޙްސާސް ކުރެވުންތަ؟ ހާދަ ވޭނީ ޙަޔާތެކޭ އަހަރެން ހޭދަ ކުރީ.. ރެއާ ދުވާލު، ހަތަރު ފާރުގެ ތެރޭގައި އަހަރެން ގިސްލާ ރުއިން.. ޚިޔާލާއި ފިކުރުގަ އޮތީ ހަމައެކަނި ވާރިޝްގެ ނަން.. ހަމައެކަނި ވާރިޝްގެ ތަސްވީރު.. ހަށިގަނޑު ނެތް ހިތްވަރު އަހަރެން ލަމުން ދިޔައީ މަންމައަށްޓަކާ.. އަހަރެން ދިރިއުޅުން ހަލާކު ކޮށްލި މަންމަ އަށް ޓަކާ.. އެއީ އަމިއްލަ އެދުން ބޮޑު މަންމައެއް.. އޭނަ އަހަންނާ އަޔާޒް ގުޅުވީ.. އެކަމު އެއީ ތެދަށް ބުނަންޏާ، އަހަރެން އެއްބަސް ވެގެން.. ތި ލޯތްބަށް އުއްމީދެއް ނެތުނީމާ.. ލޯބި މަތިން ފޫހިވީމަ.. އަދި އަޔާޒް އަކީ ރަނގަޅު މީހަކަށް ވާތީ އަހަރެންގެ ޙަޔާތަށް ކުޑަ ނަމަވެސް ދިރުމެއް ލިބިދާނެތީ.."ސުހާ ވާހަކަ ދައްކަމުން ދިޔައީ ވާރިޝްއަށް ބަލަހައްޓައިގެން އިނދެގެންނެވެ. "އެއީ ވަރަށް ރަނގަޅު އިންސާނެއް.. މާތް އަޙްލާޤު ހުރި، ރަނގަޅު މީހެއް... އަހަރެން މަސައްކަތް ކުރިން އޭނަ ދެކެ ލޯބިވާން.. އެކަމު، ވާރިޝްގެ ހަނދާންތަކުން އަހަންނަށް އުނދަގޫ ވަނީ.. އެންމެ ފަހުން ހުރިހާ ކަމެއް ދޫކޮށްލާފަ، އަޔާޒް ދެކެ ލޯބިވާން ގަދަ ޢަޒުމެއް ކަނޑައެޅިން... އެކަމު، ދެން އަހަރެންގެ ޙަޔާތަށް އަނެއްކާ ވެސް ވާރިޝް އައީ،.. ބޮޑު އިއްތިފާޤަކުން.. އެންމެ ފުރަތަމަ ދުވަހު ވެސް ވާރިޝް އަހަރެންނަށް އިޙްސާސް ކޮށްދިނީ އަހަރެން ދެކެވާ ލޯބި.. ވާރިޝް ވަޢުދުވީ އަހަރެންނާ އެކު އުޅޭނެކަމަށް.. ވާރިޝް އަހަރެންގެ ލޯތްބަށް އެދެން ފެށީ.. ކައިވެނި ކުރާނެ ކަމުގެ ފޮނި ހުވަފެންތައް ދެއްކީ.. އަހަރެންނަށް ކީއްވެ؟" ސުހާ ގިސްލާ ރޯން ފެށިއެވެ. "އަހަރެން ކަހަލަ ވާރިޝްގެ ލޯތްބަށް ދިވާނާ ވެފަ ހުރި މީހަކަށް އަނެއްކާ ވެސް ވާރިޝް ލިބުނީމަ، އެ ލޯބިގަ އަހަރެން މުޅިން ބަދަލުވީ.. އަޔާޒްގެ ކުށެއްނެތި، އަޔާޒް ކުޑަ ކޮށްފަ ބެހެއްޓިން.. ހައްދެއް ނެތް ވަރަށް ދޮގު ހެދިން... އަހަރެންގެ ނަފުސާ ބީރައްޓެހި އެތައް ކަމެއް ކުރެވެއްޖެ! އަޔާޒަށް ވަރަށް ބޮޑަށް ގެއްލުން ދެވިއްޖެ.. އަޔާޒަށް ވަރަށް ބޮޑަށް އޮޅުވާލެވިއްޖެ.. ލިބެން ނެތް، ހާސިލު ކުރެވެން ނެތް، ދަޅައެއް ފަދަ ލޯތްބެއްގަ ޖެހިގެން.. ވާރިޝް ދޯ ބުނީ އީމާ މަރާލާފަ ވެސް އަހަރެންގެ މީހަކަށް ވާނަމޭ! ވާރިޝް އެހެން ނުބުނި ނަމަ، އަހަރެންގެ މި ސިކުނޑިއަށް އެވަރު ކަމެއް ނާންނާނެ... އެއީ އަހަރެން ވާރިޝް ދެކެ ލޯބިވާތީ! ވާރިޝްގެ މީހަކަށް ވާން ބޭނުން ވާތީ... ވާރިޝް ކީއްވެ އަހަންނަށް ތިހެން ތި ހެދީ؟" ވާރިޝްގެ ކުރިމަތީގައި، އޭނާގެ ފައި ދަށަށް ވެއްޓި ސުހާ ރޮމުން ދިޔައީ، ގިސްލާ އަޑުގެ ނެތް ކޮޅަށެވެ. "ހީކުރީތަ ތި ވާހަކަތަކުން އަހަރެންގެ ހިތް މަޑު ވާނޭ؟ ނުވާނެ! އަހަރެން މިހާރު ކަލެއަށް ކުރަނީ ނަފްރަތު.. ލޯތްބެއް ނުވޭ.. ތީ ވަރަށް ރަޙްމުކުޑަ އަންހެނެއް.. ކަލޭއަށް ހައްޤީ ހަމަ މަރު.." ވާރިޝް ބަލައިލީ އޭނާގެ އަތުގައި އޮތް ވަޅިއަށެވެ. "ޕްލީޒް.. ނޫން.. އަހަރެން މަރާނުލާ! އަހަރެންނަށް އެންމެ ފުރުސަތެއް ދީ! އަހަރެން ބޭނުން އަޔާޒްގެ ގާތުން މާފަށް އެދެން.. އަހަރެން އެބަ ޖެހޭ ކަމެއް އަޔާޒަށް އަންގަދޭން.. ޝަރާ... ޝަރާގެ ފަރާތުން އަހަންނަށް ވަރަށް ފަހުން ކޯލެއް އައި.. އަހަރެން ބޭނުން އެވާހަކަތައް އަޔާޒަށް ކިޔާދޭން... އެއީ އަޔާޒަށް އެނގެން ޖެހޭނެ ވާހަކަތަކެއް... ޕްލީޒް.. އަހަރެން ދޫކޮށްލާ.. އަހަރެން ދިޔަ ދީ.." ސުހާ ރޮމުން އާދޭސް ކުރަމުން ދިޔައެވެ. ސުހާ މަޑުމަޑުން ވަށައިގެން ބަލައިލިއެވެ. އޭނާގެ ލޮލުގައި ޖެހުނީ އޭނާގެ ގާތުގައި އޮތް ބިއްލޫރި ފުޅިއެކެވެ. އެއްވެސް އެއްޗެއް ނުބުނު ވާރިޝް ހުރީ އޭނާގެ އަތުގައި އޮތް ވަޅިއަށް ބަލާށެވެ. ކުއްލިއަކަށް ހުރެފައި ވާރިޝް އޭނާގެ އަތުގައި އޮތް ވަޅީގައި ހިފާ ބާރުކޮށްލިއެވެ. އަތް މަޅާލީ ޖަހާލަން ތައްޔާރުކޮށްލާ ފަދަ ބީދައަކުންނެވެ. "އަލިފާނޯ!" ވާރިޝްއަށް ލިބުނީ ކުއްލި ހަމަލާއެކެވެ. ވާރިޝްގެ އަތުން ވަޅި ދޫވެގެން ވެއްޓިއްޖެއެވެ. ބިއްލޫރި ފުޅިން ވާރިޝްގެ ބޮލުގައި ނިކަން ބާރަށް ޖެހުމަށްފަހު، ސުހާ އަވަސްވެގަތީ އެތަނުން ނުކުންނާށެވެ. ދުވެފައި ކަހަލަ ގޮތަކަށް ސުހާ ގޮސް މަގުމައްޗަށް ނުކުތެވެ. ***"މަޑުންމި އޮވެ ނިދާލާތޯ ކިޔޭ ކިޔޭ ނާނާ.. މަޑުންމި އޮވެ ނިދާލާތޯ ކިޔޭ ކިޔޭ ނާނާ..މަވީ މަވީ ލޯބިން ނަޔާ ރާގުގާ ކި ނަނާ.." ލީޒާގެ އުނގުގައި އޮތް އަކްޔަން ނިންދުވަން ލީޒާ ލަވަ ކިޔަމުން ދިޔައިރު، އޭނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ފައިބަމުންދާ ކަރުނަތަކަށް ބަލަން ކޮޓަރީގައި ހުރި ސޯފާގައި ދާއިން އިނެވެ.ދޭތެރެ ދޭތެރެއިން ލީޒާ ގެންދިޔައީ އޭނާގެ ކަރުނަތައް ފޮހެލަމުންނެވެ. ނަމަވެސް އެ ކަރުނަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެންމެ ފަހުން ލީޒާގެ ތިރީ ތުންފަތް ތެޅެން ފަށައިފިއެވެ. ހީވީ ހަމަ ދެންމެ ދެންމެ ބަޑި ފަޅައިގެން ގޮސްދާނެހެންނެވެ. ކުއްލިއަކަށް ލީޒާ ސިއްސައިގެން ދިޔައީ އޭނާގެ ކޮނޑުގައި ދާއިން އަތް ބާއްވާލުމުންނެވެ. ލީޒާއަށް ވަރަށް އަސަރު ކޮށްފައިވާކަން ދާއިންއަށް އެނގުމުން ލީޒާގެ ގާތަށް ދިޔައީއެވެ. "ލީޒާ.. ޕްލީޒް.." ދާއިން މަޑުމަޑުން ބުނެލިއެވެ. ދާއިންގެ އަޑުގައި ވެސް ދިރުމެއް ނެތެވެ. "ޔޫ ޝުޑް ބީ ވެރީ ސްޓޮރޯންގް.." ދާއިންގެ އަރު ތެރެއިން އަޑު ނުކުންނަނީ ވެސް ހަމަ ކިރިޔަ ކިރިޔާއެވެ. ލީޒާ މަޑުމަޑުން އަކްޔަން އެނދުގައި ބާއްވާލަމުން ބަލައިލީ ދާއިންގެ މޫނަށެވެ. "އަހަރެން ވަރުބަލި ވެއްޖެ ދާއިން.. ވަޒީފާއިން ކެނޑިގެން، ހުރިހާ ވަގުތެއް އަހަރެން މި ހުސް ކުރަނީ މި ތުއްތު ދަރިފުޅާއެކު.. މީ އަހަރެންގެ ހަމައެކަނި އުފަލަކީ.. ހިތްހަމަޖެހުމަކީ.. އެކަމު އަހަރެންގެ ހިތަށް ވަރަށް ތަދުވޭ! މިހެން އޮންނަ އިރު ވަރަށް ކަންކަން ބޮލަށް ވަދޭ! ޝަރާ ހުރިހާ ވާހަކައެއް އަހަރެންނަށް ކިޔާދިން ރެޔަށްފަހު، އަހަރެންނަށް ރަނގަޅަކަށް ނުނިދޭ! އަޔާޒްގެ ގާތު ބުނާށޭ ކިޔާފަ ދެއްކި ހުރިހާ ވާހަކައެއް ބޮލުގެ ތެރޭގަ ހުރެ، އަހަރެންނަށް ވަރަށް އުނދަގޫ ވޭ.. ޝަރާ ލިޔެފަ ދިން ސިޓީ އަޔާޒްއާ ހަވާލުކުރަން އެދުނަސް، އެ ސިޓީގަ އަކްޔަން ގެންދަން އެދިފަ އޮތިއްޔާ އަހަރެން ކިހިނެއް ކެތްކުރާނީ.."ލީޒާ ބަލަން ހުރީ ދާއިންގެ މޫނަށެވެ. "ހިތްވަރު ކުރޭ! ކެތްކުރަން ވާނެ.. ލީޒާ އަކީ ވަރަށް ކެތްގަދަ މީހެއްނު؟ އަހަރެން ވެސް ބައެއް ފަހަރު ހިތްވަރު ހޯދަން ލީޒާގެ ގާތުން.." ދާއިންގެ ކޮނޑުގައި ލީޒާ ބޯއަޅާލައިގެން އޮތެވެ. "އަހަރެމެން ހުރިހާ ވާހަކައެއް އަޔާޒަށް ގުޅައިގެން ކިޔާދިނީމަ ވެސް، އެއްވެސް ޖަވާބެއް ނާދޭ ދޯ؟ އަޔާޒްގެ އޮންނަނީ ހިތެއްބާއޭ ހިތަށް އަރާ.." ލީޒާ އޭނާގެ ދެލޮލުން ކަރުނަތައް ފޮހެލަމުން ވާހަކަދެއްކިއެވެ. "އަހަރެންގެ ހިތް ބުނަނީ ތީގަ ގޯހެއް އެބަ އުޅެޔޭ.. ވެދާނެ ދޯ އެދުވަހު އެ ހުރިހާ ވާހަކައެއް އަޑު އަހަން ހުރީ އޭނާގެ އަންހެނުން ކަމަށް ވެސް.. ކިހިނެއް އެނގޭނީ؟ އަހަރެން މާލެ ދާން ވީކަންނޭނގެ. އޭނާއާ ދިމާ ކުރަން. އެކަމު ލީޒާމެން އެކަނި ދޫކޮށްފަ ނުދާން ވެގެން.." ދާއިންގެ ވާހަކަދައްކަމުން ދިޔައީ ލީޒާގެ ބޮލުގައި ފިރުމަމުންނެވެ. "އަހަރެން މިއުޅެނީ ޝަރާގެ ގާތަށް ދާން.. ލީޒާ ދާނަންތަ؟" ދާއިން ބަލައިލީ އޭނާގެ ކޮނޑުގައި ބޯއަޅައިލައިގެން އޮތް ލީޒާއަށެވެ. "އަހަރެން ބޭނުން ދާން.. އެކަމު، އަހަރެންނަށް ދެން އިތުރަށް ޝަރާއަށް ބަލާނެ ހިތްވަރެއް ނެތް... އަހަރެން ވަރަށް ވަރުބަލި ވެއްޖެ.. ޝަރާ އައިސްފައިވާ ބަދަލުތަކާ، ޝަރާގެ ޙާލަތު ހިތަށް އަޔަސް، މުޅި މީހާ ތުރުތުރު އަޅާ.. ތުރުތުރު އަޅާ..." ލީޒާގެ އަޑު ދިޔައީ ފަޅައިގެންނެވެ. ވަރަށް ބާރަށެވެ. ހިތުގައި ޖެހިގެން ކެތްނުވެގެން ބަޑި ފަޅައިގެން ގޮސް އަޑުގެ ނެތްކޮޅަށް ރޯން ފެށުނީއެވެ. ***ސުހާ ދުވެފައި ގޮސް ފިލަން ވަނީ ގެއެއްގެ ސިޑި ގޮޅިއަށެވެ. އޭރު ސުހާއަށް މާނޭވާ ލެވެއެވެ. ހީވަނީ އޭނާގެ ނޭވާ އުފުރައިގެން ދަނީހެންނެވެ. މުޅި މީހާގެ ގައިން ދާހިއްލާ ފޯއްވެއްޖެއެވެ. ސުހާ ލަސްނުކޮށް ނެގީ އޭނާގެ ފޯނެވެ. އަދި އަޔާޒަށް ގުޅަން ޑައިލްކޮށްލިއެވެ. "ހަލޯ އަޔާޒް.. އަޔާޒް.." ސުހާ ފޯނު ނެގި ގޮތަށް ފެށީ ރޯންށެވެ. އަޔާޒަށް ލިބުނީ ހައިރާން ކަމެކެވެ. "ހަލޯ.. ސުހާ.." ގާތުގައި ތިބި މީހުންނާ އެކަހެރިވެލަމުން އަޔާޒް ވާހަކަދައްކަން ފެށިއެވެ. "ކިހިނެއްވީ ސުހާ؟ ކޮންތާކު ތިހުރީ؟" އަޔާޒް ހާސްވެއްޖެއެވެ. ސުހާ ގެންދިޔައީ ރޮމުންނެވެ. "އަހަރެންމީ ވަރަށް ނުބައި މީހެއް... އަހަރެން މީ ވަރަށް ނުބައި މީހެއް އަޔާޒް.. އަހަރެންނަށް ނޭނގެ މިވާހަކަތައް ކިޔާދޭނެ ގޮތެއް ވެސް.. ފަށަން ވީ ގޮތެއް ވެސް.. ނޭނގެ.. އަހަރެން..." ސުހާ ރޮމުން ގިސްލަމުން ދިޔައެވެ. އަޔާޒަށް ލިބުން ހައިރާންކަން އިތުރު ވެގެން ދިޔައެވެ. ސުހާއަށް ކޮންމެވެސް ބޮޑު ކަމެއް ވީކަން އަޔާޒަށް ޔަޤީން ކުރެވުނެވެ. "ސުހާ ކީއްކޭތަ ތި ކިޔަނީ؟ ކިހިނެއްތަ ވީ؟ ބުނެބަލަ! ކީއްތަވީ؟ ކޮންތާކު ތިހުރީ؟" ސުވާލު ފައްޗެއް އަޔާޒަށް ކޮށްލެވުނެވެ. "އަހަރެން މިހުރީ ހުޅުމާލޭގަ.. އަހަރެން.." ސުހާއަަށް ކުއްލިއަކަށް އޭނާގެ ދޫ ބަންދުކޮށްލެވުނެވެ. ވާރިޝް ގުޅަމުން ދިޔުމާ އެކުގައެވެ. ސުހާ ވަރަށް އަވަހަށް އެ ކޯލް ޑިކްލައިން ކޮށްލިއެވެ. "ކިހިނެއްތަ ވީ؟ ބުނެބަލަ!" އަޔާޒް ހުއްޓާ ނުލާ އަހަމުން ދިޔައެވެ. ސުހާ ދެލޯ ބޮޑުކޮށްގެން ބަލައިލީ އޭނާގެ ފޯނަށް ވާރިޝްގެ ފަރާތުން ލިބުން މެސެޖަށެވެ. "އެއްވެސް ވާހަކައެއް.. އެއްވެސް ކަމެއް ކިޔާ ނުދޭތި! ދެމީހުން މިކަން ހައްލު ކުރާނީ.. އަޔާޒަށް އެއްވެސް ކަމެއް ކިޔާ ނުދޭތި! ކިޔާ ދީފިއްޔާ... ކަލޭ މަރާލާނަން!" ވާރިޝްގެ ފަރާތުން ލިބުން މެސެޖު ސުހާ ހިތުން ކިޔާލިއެވެ. އޭރުވެސް ސުހާގެ މޫނުމަތިން ދާތިކިތައް ޖަހަމުން ދިޔައެވެ. އަދި ދެލޮލުން ކަރުނަ ހުސްނުވެއެވެ. "ހަލޯ.. ހަލޯ.." އަޔާޒްގެ އަޑަށް ސުހާ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ. "އަޔާޒް... އަހަރެން ސަލާމަތް ކުރޭ! އަހަރެން ބޭނުން ހުރިހާ ވާހަކައެއް އަޔާޒަށް ކިޔާދޭން.. އަހަރެން މަރާލަން އެ އުޅެނީ.. އަހަރެން ބޭނުން ހުރިހާ ވާހަކައެއް ކިޔާދޭން.." ސުހާގެ އަޑުގައި ވަނީ އިންތިހާއަށް ބިރުވެރިކަމާއި ހިތްދަތި ކަމެވެ. ސުހާގެ ވާހަތަކުން އަޔާޒަށް ލިބުން ހައިރާންކަން ދެގުނަ ވެގެން ދިޔައެވެ. "ކީކޭ؟ ކާކު އުޅެނީ ސުހާ މަރާލަން؟ ބުނެބަލަ! ކިހިނެއްތަ ތި ވަނީ؟" އަޔާޒްގެ މޫނުމަތިން ހާސްކަން ނޫން އިތުރު ކަމެއް ފެންނަން ނެތެވެ. ސުހާ ދައްކަމުންދާ ވާހަކަތަކުން ވާނުވާ ނޭނގި އަޔާޒްގެ ހިތުގެ ހަމަޖެހުން މުޅިން ގެއްލި ބޮޑު ހައިޖާނެއް ހިތުގައި އުފެދެން ފަށައިފިއެވެ. "ތި ސާފު ކޮށް ކިޔާބަލަ! ކޮންތާކުތަ ތިހުރީ؟ ހުރިތަން ބުނެބަލަ!" އަޔާޒް އަނެއްކާ ވެސް ސުވާލުކޮށްލީ ކަންކަން ސާފުކުރަން ބޭނުން ވާތީއެވެ. "އަހަރެން މަރާލަން.. ވާރިޝް.. ވާރިޝް އަހަރެން މަރާލަން.. އަހަރެން މިހުރީ ހުޅުމާލޭ.. ރެހެންދި ސުކޫލު ގާތުގަ ހުރި ގެއެއް ކައިރީ.." ސުހާގެ ދުލުން ވާރިޝްގެ ނަން އިވުމާ އެކުގައި އަޔާޒަށް ހީވީ އޭނާގެ ގައިން ވަރު ދޫވެގެން ދިޔަހެންނެވެ. ކައިރީގައި ހުރި ފާރުގައި އަޔާޒް މަޑުމަޑުން އަތް ޖައްސާލިއެވެ. އެއްވެސް އެއްޗެއް އިތުރަށް ނާހާ، އަޔާޒް ވަރަށް އަވަސްކޮށް ފޯނު ބޭއްވިއެވެ. އަދި ދުވެފައި ގޮސް ނުކުތީ ހޮސްޕިޓަލުން ބޭރަށެވެ. އަދި ސައިކަލަށް އަރާ މިސްރާބު ޖެހީ ހުޅުމާލެއާ ދިމާލަށެވެ. ***އައިސީޔޫއަށް ވަނުމާ އެކުގައި ދާއިން ހިނގައިގަތީ ޝަރާ ބާއްވާފައި އޮތް އެނދާ ދިމާލަށެވެ. ޝަރާގެ ގާތުގައި ހުއްޓި ދާއިން ބަލައިލީ ޝަރާއާ ދިމާލަށެވެ. އެންމެ ފުރަތަމަ ވެސް ދާއިންއަށް މަރުޙަބާކީ އޭނާގެ ދެލޮލުން ހޯސް ލާފައި ފައިބަން ފެށި ކަރުނަތަކެވެ."ޝަ.. ޝަރާ.." ދާއިންގެ އަޑު ހީވީ ކުދިކުދި ވެގެން ދިޔަހެންނެވެ. ދިރިއުޅުމުގެ އުއްމީދެއް ނެތް ޝަރާ މިވަގުތު ދުނިޔޭގަ އެހުރީ ވެންޓިލޭޓަރުގެ އެހީގައެވެ. ވެންޓިލޭޓަރުގެ ހިނގުން ހުއްޓޭ އިރަށް ޝަރާ މިދުނިޔެއާ ވަކިވާނެއެވެ. ޝަރާ ހަށިގަނޑަށް ބަލާފައި ދާއިންގެ ހިތަށް ވަރަށް އުނދަގޫ ވެއެވެ. ހިތަށް ވަރަށް އަސަރު ކުރެއެވެ.ޝަރާގެ މުޅި ގައިގައި މަސްކޮޅެއްހާ މިންވަރު ނެތެވެ. ހަށިގަނޑުގެ ކަށިތައް ވަނީ އަރާފައެވެ. އަނގާގައި އެއްވެސް ދަތެއް ނެތެވެ. ދެލޯ ވަޅުހެދި، ކޯ ވަނީ އަޑިއަށް ގޮސްފައެވެ. ބޮލުގައި އެއްވެސް އިސްތަށްޓެއް ނެތެވެ. އަތުގެ ނިޔަފަތިތައް ވަނީ ނެއްޓި ހަލާކުވެފައެވެ. ޝަރާ އެފަދަ ޙާލެއްގައި އޮއްވާ ބެލުން އެއީ ދާއިންގެ ހިތަށް ލިބޭނެ ކިހާ ބޮޑު ހިތްދަތި ކަމެއް ހެއްޔެވެ؟ "ޝަރާ.. ޝަރާ... ކޮންމެ ޙާލެއްގަ ވެސް އަހަރެން ޝަރާ ދެކެ ލޯބި ވާނަން.. ޝަރާގެ ލޯތްބާ ދުވަހަކުވެސް ވަތްކެއް ނުވާނަން.. ޝަރާ... އަަހަރެން ޝަރާ ދެކެ ވަރަށް ލޯބިވޭ.. އަހަރެން ވަޢުދުވަން.. އަހަރެން ދުނިޔޭގަ ހުރިއްޏާ، އަކްޔަންއަށް ހުރިހާ އުފަލަކާ އަރާމެއް ހޯދަދޭނަން.. ޝަރާ އަށް އަހަރެންވީ ތެދުވެރި މާތް ލޯބި އަހަރެން އަކްޔަންއަށް ދޭނަން.. އަކްޔަންއަކީ ނަސީބު ގަދަ، ޝަރާ އުފާވާނެ، ޝަރާ ފަޚްރުވެރި ވާނެ ފަދަ ދަރިއަކަށް އަހަރެން ހަދާނަން.. އަހަރެން ވަރަށް ދެރަވޭ! ޝަރާގެ އުއްމީދު ކުރި ގޮތަށް، ޝަރާ ހެޔޮ ޙާލުގަ ހުއްޓާ އަޔާޒް ނުގެނެވުނީމަ.. އެކަމު އަހަރެން މަސައްކަތް ކުރިން.. ޝަރާ.. އަދި އެންމެ ފަހަރު، ހިތްވަރެއް ކޮށްލާ.." ދާއިންގެ ދެލޮލުން ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން ދާއިން ގެންދިޔައީ ނޭފަތް ދަމާލަމުންނެވެ. "ޝަރާ.. ހަމަ އެންމެ ފަހަރަކު ދެލޯ ހުޅުވާލަބަލަ! ކުޑަކޮށް މަޖާކޮށްލަން.. އަކްޔަން ގައިގައި ބައްދާލަން.. ލީޒާއަށް ފެނިލަން... އަހަރެން ބޭނުން ހަމަ އެންމެ ފަހަރަކު ޝަރާގެ ހިނިތުންވުން ބަލާލަން.. ހަމަ އެންމެ ފަހަރަކު.. މާ ގިނައަކުން ނޫން.. ޕްލީޒް.."ދާއިން އަންހެނެއް ފަދައިން އޭނާގެ މޫނުގައި އަތް އަޅާލަމުން ރޯން ފެށިއެވެ. ***އަޔާޒް ސައިކަލް ގޮސް މަޑުކޮށްލީ ރެހެންދި ސުކޫލު ކައިރީގައެވެ. އަދި ފޯނު ނަގައި ސުހާއަށް ގުޅާލިއެވެ. "އާދޭ ކުރިއަށް.. ދެން އެންމެ އަވަހަށް އެޅޭ ގޯޅިއަށް އަޅާ.." ސުހާ ބުނި ގޮތަށް އަޔާޒް ކަންތައް ކުރިއެވެ. އަޔާޒް ސައިކަލް މަޑުކޮށްލީ ސުހާ ބުނި ހިސާބުގައެވެ. ސުހާ ވަރަށް މަޑުމަޑުން އެގޭތެރެއިން ނުކުތެވެ. އަޔާޒަށް ސުހާ ފެނުމާ އެކުގައި، އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. (ނުނިމޭ)
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 85
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ