އަމިއްލަ ކުންފުންޏަކަށް 44 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ފެނަކައަށް ހުކުމްކޮށްފި

އަމިއްލަ ކުންފުންޏަކަށް 44 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ފެނަކައިގެ މައްޗަށް ހުކުމްކޮށްފިއެވެ.
ފެނަކައިން މިފަހަރު ފައިސާ ދޭން ހުކުމްކޮށްފައިވަނީ ކްލެސިކޯ ލިމިޓެޑަށެވެ. މި މައްސަލައަކީ ފެނަކަ އާއި ކްލެސިކޯ ލިމިޓެޑާ ދެމެދު މުދާ ފޯރުކޮށްދިނުމުގެ ގޮތުން ވެފައިވާ 9 އެއްބަސްވުމެއްގެ ދަށުން ކްލެސިކޯއިން ފޯރުކޮށްދީފައިވާ މުދަލަށް ދައްކަންޖެހޭ 46.2 މިލިއަން ރުފިޔާ ދައްކާފައި ނުވާތީވެ ސިވިލްކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާއިރު، ކަނޑައެޅިފައިވާ މުއްދަތުގައި ކްލެސިކޯއަށް ދައްކަންޖެހޭ 46.2 މިލިއަން ރުފިޔާ ދައްކާފައިނުވާތީވެ އެކުންފުނިން ވަނީ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ނަގައިދިނުމަށްވެސް އެދިފައެވެ. ނަމަވެސް މި ދައުވާއާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށްފަހު ވަނީ 6.9 މިލިއަން ރުފިޔާ ގެ ބައި ދޫކޮށްލާފައެވެ.
Advertisement
މި މައްސަލާގައި ސިވިލްކޯޓުން ހުކުމް ކޮށްފައިވަނީ، ފެނަކައިން ކްލެސިކޯއަށް ދައްކަންޖެހޭ 44.01 މިލިއަން ރުފިޔާ 14 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށެވެ.
މިއަހަރުގެ ޖެނުއަރީމަހުވެސް ސިވިލްކޯޓުން ވަނީ ފެނަކައިން އަމިއްލަ ކުންފުންޏަކަށް 28 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ. ސަރުކާރު ކުންފުނިތަކުގެ ތެރެއިން ފެނަކައަކީ ދަރަނީގެ ހާލަތު އެންމެ ބޮޑު ކުންފުންޏެވެ. ފެނަކައިން އިސްތިއުފާދެއްވި އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައިގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ