ރޯދަމަހު ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމި މަސްދަޅު ކޭސް ކުޅުދުއްފުއްޓަށް ލިބިފައިވާކަމަށާއި އަންނަ ހަފުތާތެރޭގައި ގޭބިސީތަކަށް ބަހަން ފަށާނެކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މިއަހަރުގެ ރޯދަމަހު ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ދޭނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގަ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދޫކޮށްފައިވެ އެވެ.
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ރޯދައަށް ގޭބިސީތަކަށް ބެހުމަށް ސަރުކާރުން ފޮނުވި މަސްދަޅު މިހާރު ކުޅުދުއްފުއްޓަށް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެތަކެތި ގޭބިސީތަކަށް ބަހަން ފަށާނީ އަންނަ ހަފުތާތެރޭގަ ކަމަށެވެ.
ކުޅުދުއްފުއްޓަށް ފޮނުވި މަސްދަޅު ބަހަން ފަށާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ހަބަރު އަލީ ދޮގުކުރެއްވި އެވެ.
" މަސްދަޅު ހުރީ ލިބިފަ. އެކަމަކު އަދި ބަހާކަށް ނުފަށަން. އަންނަ ހަފުތާތެރޭ ބަހަން ފަށާނަން. މިފަހަރު ކައުންސިލުން ނިންމާފައިވާނީ ގޭބިސީތަކާ ހަމައަށް އެ ގެޔަކަށް ބޭނުންވާ މަސްދަޅު ކޭސް ކައުންސިލުން ގެންދާން ގޮތަށް." ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަސްދަޅު ކޭސްތައް ގޭބިސީތަކަށް ގެންދާއިރު އެ ދުވަހެއްގައި އެ ތަކެތި ގެންދިޔުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި ވަގުތުތައް ސިޓީ ކައުންސިލްގެ ޕޭޖްގައި އާންމުކުރަމުންގެންދާނެ ކަމަށެވެ. އެގޮތަށް އާންމުކުރަނީ ގޭބިސީތަކަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ބުނީ، ރޯދަމަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިންމާލެވޭނެ ކަމަށެވެ. ގޭބީސީތަކަށް ބަހަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ. ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާރޗުމަހުގެ ފުރަތަމަ ދުވަހެވެ.
ރޯދައަށް ބަހާ މަސްދަޅު ލިބިއްޖެ، އަންނަ ހަފުތާ ބަހަން ފަށާނަން: ސިޓީ ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ