އިންސާނާގެ ޙަޔާތް ބިނާވެގެންވަނީ މަރުޙަލާތަކަކަށެވެ. އެއިގެ ތެރެއިން ފުރަތަމަ މަރުޙަލާއަކީ ރޫޙާނީ ޢާލަމުގައި ތިބާ ހޭދަކުރާ މުއްދަތެވެ. މާނައަކީ އާދަމްގެފާނުން ފެށިގެން ތިބާ ދުނިޔެއަށް އުފަން ކުރައްވަވަންދެން ހޭދަކުރަންޖެހޭ މަރުޙަލާއެވެ. އެމަރުޙަލާގައި އެއްވެސް ކަމެއް އަމިއްލައަށް ކުރުމުގެ އިޚްތިޔާރު ހަމައެކަކަށްވެސް ނުލިބެއެވެ.
ދެން މިއަންނަނީ މައިމީހާގެ ބަނޑުގައި ތިބާ ހޭދަކުރާ މުއްދަތެވެ. އެމުއްދަތުގައިވެސް އެއްވެސް ކަމެއް އަމިއްލައަށް ކުރުމުގެ އިޚްތިޔާރު ހަމައެކަކަށްވެސް ނުލިބެއެވެ.
3 ވަނައަށް މިއަންނަނީ ދުނިޔެއަށް އުފަންކުރެއްވެވުމުން މަރުވަންދެން ދުނިޔޭގައި ހޭދަކުރަންލިބޭ މުއްދަތެވެ. އެ މުއްދަތުގެ ތެރެއިން ބާލިޣްވުމާއި ހަމައަށް ހޭދަކުރަންޖެހޭ 10، 12 ވަރަކަށް އަހަރު ހޭދަކުރަންޖެހެނީ ބުއްދި ފުރިހަމަނުވާ ކުޑަ ކުއްޖެއްގެ ގޮތުގައެވެ.
ފުރިހަމަ ވިސްނުމުގައި ދުނިޔޭގައި އުޅެން ލިބެނީ ޢާންމު ގޮތެއްގައި 50 އަހަރާއި 60 އަހަރާއި ދެމެދުގެ މުއްދަތެކެވެ. ސަބަބަކީ 70 އަހަރުވުމުން ގިނަ ބައަކަށް އެމީހުން ބޭނުންވާހައި ގޮތަކަށް ދިރިނުއުޅެވޭތީއެވެ. ކުރަން ބޭނުންވާހައި ކަމެއް ނުކުރެވޭތީއެވެ.
ވިސްނާލަން އޮތް ކަމަކީ އަމިއްލަ ބާރު ހިނގާ ގޮތަށް ދުނިޔޭގައި އުޅެވޭ ދުވަސްކޮޅުގެ މަދުކަމެވެ. އެކަމަކު އެމަދު ދުވަސްކޮޅު ވެގެންދަނީ ނިމުމެއް ނެތް ޙަޔާތާއިމެދު ގޮތް ނިންމަން ލިބޭ ދުވަސްކޮޅަށެވެ. ބަރުޒަޚުގެ ޢާލަމްގައާއި އާޚިރަތާއިމެދު ގައެވެ. ބަރުޒަޚުގެ ޢާލަމްގައިވެސް އުފާވެރިކަން ލިބި އަދި އާޚިރަތް ބާއްޖަވެރިކޮށް އުފާވެރިކުރެވެން އޮތީ ދުނިޔޭގައި ހޭދަކުރާ މަދު ދުވަސްކޮޅު އެކަމަށް އެދިގެން މަސައްކަތްކުރި މީހަކަށެވެ.
ވީމާ ކޮންމެ މީހަކަށްވެސް އޮތީ ދުނިޔޭގައި ހޭދަކޮށްލަން ލިބޭ ކުރު މުއްދަތުގައި ތިމާގެ ނިމުމެއް ނެތް ޙަޔާތާއިމެދު ގޮތެއް ނިންމުމެވެ. ތިމާގެ ނިމުމެއް ނެތް ޙަޔާތް ވޭތިކުރާނީ ގަދަފަދަ ޢަޛާބް ލިބިލިބި ހުންނާނެ ނަރަކައިގެ ހޫނުގަދަ އަލިފާނުގައި އަނދައަނދާޙާލުގަތޯ ނުވަތަ ހިތަށްވެސް ނުގެނެވޭހައި ގިނަގުނަ ނިޢުމަތްތައް އަބަދުވެސް ލިބިލިބި ހުންނާނެ ސުވަރުގޭގައި ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުގައި ކަމާއިމެދު ގޮތެއް ނިންމުމެވެ.
އެކަމަށް ގޮތް ނިންމުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް ދެއްވަވައިފައެވެ. ވިސްނައި ވިސްނައި ޢަމަލުކުރުން އޮތީ އެމީހަކަށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ދެއްވަވާނީ އެމީހަކު ބޭނުންވި ގޮތް! ގޮތް ނިންމުމުގެކުރިން މިކަންކަމަށް ވިސްނައިލާތި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ