އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ 8،000 އަށްވުރެ ގިނަ ގެއިން ކަރަންޓު ކެނޑިއްޖެ

އަސްދޫދު (23 ޖޫން 2025): އީރާނުން އިސްރާއީލުގެ ހަތަރު ސަރަހައްދަކަށް ބާރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން 8،000 އަށް ވުރެ ގޭބިސީން ކަރަންޓް ކެނޑިފައިވާކަން އިސްރާއީލުގެ މީޑިއާތަކުން ހާމަކޮށްފިއެވެ. އިސްރާއީލުގެ ޗެނެލް 13 ބުނާގޮތުން އީރާނުގެ ހައިޕާސޮނިކް މިސައިލެއް އިސްރާއީލުގެ ދެކުނުގެ އަސްދޫގައި ހުންނަ އިލެކްޓްރިކް ޕަވާ ސްޓޭޝަނަށް މިއަދުވަނީ އަރާފައެވެ. މި މިސައިލް އަރާފައިވަނީ އިސްރާއީލުގެ ދިފާއީ އައްޑަނަތަކުން ސަލާމަތްވެ އެއްވެސް ހުރަހެއްނެތި ކަމަށާއި މިކަމުގެ ސަބަބުން 8،000 އެތައް އިމާރާތަކަށް ކަރަންޓް ސައިޕްލައިކޮށްދޭ އަސްދޫދުގެ ޕަވާ ސްޓޭޝަން ހަލާކުވެފައިވާ ކަމަށް ނުރަސްމީ މަސްދަރުތަކާ ހަވާލާދީ ޗެނެލް 13 ބުނެފައިވެއެވެ. އިސްރާއީލު ސަރުކާރުން ބުނެފައިވަނީ އީރާނުން 15 ބަލިސްޓިކް މިސައިލް ބޭނުންކޮށްގެން އިސްރާއީލުގެ ހަތަރު ސަރަހައްދަކަށް މިއަދު ހަމަލާތައް ދީފައިވާ ކަމުގައެވެ. އިސްރާއީލުގެ އަސްކަރިއްޔާ ބުނާގޮތުން އީރާނުން 15 މިސައިލް ފޮނުވާލާފައިވަނީ އެއް މިސައިލާއި އަނެއް މިސައިލާ ދެމެދު ވަގުތުތަކެއް ހޭދަވާގޮތަށެވެ. މިކަމުގެ ސަބަބުން އީރާނުގެ މިސައިލް ހަމަލާތަކުގެ ބިރުވެރިކަމުގައި އެއް ގަޑިއިރު ހޭދަކުރަން ޖެހުނެވެ. މިއީ އީރާނުން މިހާތަނަށް ހަމަލާދީފައިވާ ގޮތަށް ބަލާއިރު އެއް ބެޗެއްގެ މިސައިލްތައް އެންމެ ދިގު ދަންމާލި ފަހަރު ކަމަށާއި ގާތްގަނޑަކަށް އެއް ގަޑިއިރަށް މިއަދުގެ ހަމަލާތައް ދަންމާލި ކަމަށް އިސްރާއީލު ސިފައިންގެ ބަޔާނެއް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ހަމަލާތައް އަމާޒުކުރަނީ އިސްރާއީލުގެ ސްޓްރެޓީޖިކް އިންފްރާސްޓްރަކްޗާ ފެސިލިޓީ ތަކަށެވެ. މީގެ ތެރޭގައި، އަސްކަރީ ގޮތުން ސްޓްރެޓީޖިކް ތަންތަނާއި އިގުތިސާދީ ގޮތުން ސްޓްރެޓީޖިކް ތަންތަނާއި ސައެންޓިފިކް ގޮތުންނާއި ރީސާޗްގެ ގޮތުން އަދި އައިޓީއާއި ޑިޖިޓަލް ދާއިރާގެ ގޮތުން ސްޓްރެޓީޖިކް ފެސިލިޓީތައް ހިމެނެއެވެ. އީރާނުން ގެންދަނީ އިސްރާއީލުގެ މިފަދަ ތަންތަން ސެލެކްޓްކޮށް ވަރަށް ޕިންޕޮއިންޓްކޮށް އެތަންތަނަށް ހަމަލާތައް ދެމުންނެވެ. އީރާނުން އިއްޔެ ހަމަލާދިން ތަންތަނުގެ ތެރޭގައި އިސްރާއީލުގައި ސައިރަން އަޅާ މަރުކަޒުތައް ވެސް ހިމެނެއެވެ. މީގެ ބައެއް ތަންތަން ހަލާކުވުމުގެ ސަަބަބުން އީރާނުގެ ބައެއް މިސައިލްތައް އޭގެ އަމާޒަށް ވާސިލުވާއިރު ވެސް ސައިރަން ނޭޅެެއެވެ. މިކަމުގެ ސަބަބުން އާންމުންވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އީރާނުގެ ހަމަލާތަކުގައި މިހާތަނަށް 2500 އަށް ވުރެގިނަ ހައުސިންގް ޔުނިޓް ހަލާކުވެ، 5،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި މަގުމަތިވެފައިވާ ކަމަށް އިސްރާއީލު ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުން ވެސް އީރާނަށް ގިނަ ވައިގެ ހަމަލާތަކެއް ދެމުން ގެންދެއެވެ. އިސްރާއީލުގެ ފައިޓާޖެޓްތަކުން މިއަދުވަނީ އީރާނުގެ އަސްކަރީ ހަ ބޭސްްއަކަށް ހަމަލާތައް ދީފައެވެ. އިސްރާއީލުގެ އަސްކަރިއްޔާ ބުނާގޮތުން އެ ހަމަލާތަކުގައި އީރާނުގެ އަސްކަރީ ޖެޓްތަކެއްވަނީ ހަލާކުކޮށްލާފައެވެ. އަދި، އިސްރާއީލުވަނީ އީރާނުގެ ދެ ހޮސްޕިޓަލަކަށް ވެސް ހަމަލާތައްދީފައެވެ. މީގެ އިތުރުން، އީރާނުގެ ޔަޒްދުގައި ހުންނަ އިމާމް ޙުސައިން ސްޓްރެޓީޖިކް މިސައިލް ކޮމާންޑް ސެންޓަރަށް ގެއްލުންތަކެއް ދީފައިވާނެ ކަމަށާއި މިއީ މިސައިލް ރައްކާކުރާ ތަނެއް ކަމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ