މެދުއިރުމަތީގެ ސުލްހަ ގާއިމުކުރުމަށް ރާއްޖޭގެ އެހީ އީރާނަށް ލިބޭނެ: ރައީސް

މެދުއިރުމަތީގައި މިހާރު އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ އީރާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ޑރ. އަލީރިޒާ ދެލްކޯޝް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް މުއިއްޒުއަށް އެރުވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އީރާނުގެ ނޮން-ރެޒިޑެންޓް ސަފީރު، ޑރ. އަލީރިޒާ ދެލްކޯޝް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ. އީރާނުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން އެމަނިކުފާނު ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ވިދާޅުވެފައެވެ. އެއަށްފަހު އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އީރާނުގެ ނޮން-ރެޒިޑެންޓް ސަފީރު، ޑރ. އަލީރިޒާ ދެލްކޯޝް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ އެއްބަނޑު އެއްބަފާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، ފަންނީ ތަޖުރިބާ ހިއްސާކުރުމާއި ކުރިއަށް އޮތްތަނުގައި ދޭދޭ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސް މުއިއްޒު އެފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތައުރީފުކުރައްވައި، އީރާނުގެ ލީޑަޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ. https://sun.mv/207592 ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ، އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރައްވައި، އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ޚިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ އަމިއްލަފުޅު އެކްސް އެކައުންޓުން ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މި މަހުގެ 13ވީ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ރައްދު އީރާނުން ވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުކުރާތާ މިއީ ދެވަނަ ހަފުތާއެވެ. އިޒްރޭލު ބުނާގޮތުން އެ ހަމަލާތައް ދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ. މި ހަނގުރާމައާ ގުޅިގެން އެމެރިކާއިން އިއްޔެ ވަނީ އީރާނާ ދެކޮޅަށް ބާރުގަދަ ހަމަލާތަކެއް ވެސް ދީފައެވެ. އީރާނުން ސުލްހަ ނުވެއްޖެނަމަ އިތުރު ހަމަލާތައް ދޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ފަހުން އިންޒާރު ވެސް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ