އިއްޔެ 300ރ.އިން ފަރުޖެހުނު، މިއަދު 500ރ.އިން ވެސް ނުވޭ: ނަޝީދު

މީގެ ކުރިން ބާޒާރަށް ނުކުމެވަޑައިގަންނަވާއިރު 300ރ. އިން ފަރުޖެހުނަސް މިއަދު 500ރ. އިން ވެސް ނުފެދޭ ކަމަށް، އަހަރުތަކަކަށް ފަހު މިރޭ އެމްޑީޕީގެ ޕޯޑިއަމްއެއްގައި ހުއްޓިވަޑައިގެން ހުންނަވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މީހެއްގެ މުސާރައަށް ކުރިއެރުމެއް ނުލިބުނުއިރު، ނަޝީދު ވިދާޅުވީ ފެނާއި ކަރަންޓާއި ކުލި ވަނީ ހައްތަހާ ވެސް ބޮޑު ކަމަށެވެ. ދޭންޖެހޭ މިންވަރާއި ކުރަން ޖެހޭ ހަރަދު ދަނީ ބޮޑުވަމުންނެވެ.
އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ނަޝީދު އެ ޕާޓީއިން ވަކިވެވަޑައިގަތީ 21 ޖޫން 2023ގަ އެވެ. އޭގެ ދެ އަހަރު ފަހުން އަލުން އެ ޕާޓީއާ ގުޅިވަޑައިގެން، މިރޭ ސަލްޓަން ޕާކުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ނަޝީދު ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގެ ދަރަނީގެ ވާހަކަ އެވެ.
ދައުލަތުގެ ދަރަނި މިހާރު ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން %120ގައިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ދިވެހި ދައުލަތުގެ ދަރަނި ކަމަށެވެ.
"އަޅުގަނޑު އެންމެ ފަހުން ބަލައިލިއިރު ދައުލަތުގެ ގްރޮސް ރިޒާވް ހުރީ 813 މިލިއަން [ޑޮލަރު]ގައި. އެއީ އިންޑިއާ ސަރުކާރުގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނިގެން. އެހެންވީމަ ހަގީގަތުގައި ބޭންކުގައި އެއްޗެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
މި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކަން ޖެހޭކަން ފާހަގަކުރައްވައި ނަޝީދު އުފެއްދެވި ސުވާލަކީ "އަޅުގަނޑުމެން އަތުގައި އެެ ފައިސާ ރައްކާކޮށްފައި، ބެހެއްޓިފައި އެބަހުރިތޯ" އެވެ.
މި އަންނަ އަހަރު އެ ދަރަނި ދައްކަން ޖެހޭއިރު، ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް މަސައްކަތަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް އެ މައުލޫމާތާއި ވަމުންދާ ގޮތް އޮޅުންފިލުވައިދިނުމެވެ. އެއީ، ނަޝީދު ވިދާޅުވި ގޮތުގައި، "ކޮން އިރަކު، ކޮން ފައިސާއެއް، ކޮން ތަނަކުންތޯ އަޅުގަނޑުމެން ދައްކަން އޮތީ" ބުނެދިނުމެވެ.
ދަރަންޏާ ހުރެ އާންމުންނަށް ކޮންމެ ދުވަހަކު ދިމާވަމުން އަންނަ އުނދަގޫތައް ވެސް ނަޝީދު ވަނީ ހިއްސާކުރައްވާފަ އެވެ.
"ޑޮލަރުގެ އަގު 19.40ރ.އަށް އަރާ ހިނގައްޖެ. އެހެންވީމަ ފިޔާ ކިލޯއެއް، އަލުވި ކިލޯއެއް، މުގު ކިލޯއެއް، ހަނޑޫ ކިލޯއެއްގެ އަގު އަރައިގެން ގޮސް ހުންނާނެ ތަން...،" މިހާރު ހާލަތު ހުރި ގޮތާ ބެހޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.
"އިއްޔެ ބާޒާރަށް 300ރ. ހިފައިގެން ނުކުތްއިރު ފަރުޖެހުނޭ. މިއަދު 500[ރ.] އިން ވެސް ނުވޭ. ތިޔައިން އެއްވެސް ބޭފުޅެއްގެ މުސާރައަށް ބަދަލެއް އައީއެއް ނޫން. ކުއްޔަށް ބަދަލެއް އައީއެއް ނޫން. ކަރަންޓަށް ބަދަލެއް އައީއެއް ނޫން. ފެނަށް ބަދަލެއް އައީއެއް ނޫން. ހައްތަހާ ވެސް ދޭންޖެހޭ މިންވަރު، ކުރަން ޖެހޭ ހަރަދު މި ދަނީ ބޮޑުވަމުން."
ނަޝީދު ވިދާޅުވީ މުސާރަ ދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކޮށް، ސަރުކާރުގެ ހަރަދު "އެއްގޮތަކަށް ނުކުރާ މިންވަރަށް ތިރިވެއްޖެ" ކަމަށެވެ. އެ ނޫން ކަމެއް ސަރުކާރަށް ނުވެސް ނެތީ އެވެ.
"އެހެންވީމަ އިގްތިސާދަށް ނުކުންނާނެ ފައިސާއެއް ނެތް، އިގްތިސާދު އެނބުރޭނެ ގޮތެއް ނެތް، އިގްތިސާދު ކުރިއަރައި ދެވޭނެ ގޮތެއް ވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ އާންމު ހާލަތު އަނބުރާ ހޯދައިދެވޭނީ، ނަޝީދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނު އެ ޕާޓީއަކާ ފެއަށް ޖެހިވަޑައިގަތުމަށް ފަހު އަލުން ގުޅިވަޑައިގަތް އެމްޑީޕީއަށެވެ.
"އެމްޑީޕީއަކީ ރައްޔިތުންގެ ސަލާމަތް އަބަދު ވެސް ހޯދައިދޭނެ ޕާޓީ. އަޅުގަނޑުމެންނަށް އެނގޭ ދަރަނި އަލުން އެކުލަވައިލަން ވެސް. އަޅުގަނޑުމެންނަށް އެނގޭ އެ ފައިސާ ދައްކާނެ ގޮތް ވެސް. އަޅުގަނޑުމެންނަށް އެބަ އެނގޭ އެ ފައިސާ ދެއްކުމުގެ އިތުރުން ތިޔަ ބޭފުޅުންގެ އާންމު ހާލަތު ރަނގަޅުކުރަން ދެން ކުރަން އޮތީ ކޮން ކަމެއްކަން ވެސް،" ނަޝީދު ވިދާޅުވި އެވެ.
"މި ޕާޓީއަކީ ހިސާބު ޖަހާ ޕާޓީއެއް. މި ޕާޓީއަކީ ރަނުން ރަނަށް މިން އަޅާ ޕާޓީއެއް. މި ޕާޓީއަކީ ދެން ވާން އުޅޭ ގޮތް ދެނެގަންނަ ޕާޓީއެއް. މި ޕާޓީއަކީ ތިޔަބޭފުޅުންނަށް ހެޔޮލަފާ ގޮތް ފޯރުކޮށްދޭނެ ޕާޓީއެއް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ