ލިވަޕޫލުން ވެސްޓް ހޭމް ބަލިކޮށް ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފި
އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އުޅޭ ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ލިވަޕޫލް ކާމިޔާބު ކޮށް ލީގު ކާމިޔާބު ކުރުމާ އިތުރަށް ގާތަށް ޖެހިލައިފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. މިކާމިޔާބީއާއެކު މިއަންނަ ހަފުތާ ބަންދުގައި ތާވަލުގެ ދެވަނައިގާ އުޅޭ އާސެނަލް އިޕްސްވިޗް ޓައުނާ ބައްދަލުކުރާ މެޗުން ބަލިވެއްޖެނަމަ ލިވަޕޫލުން ލެސްޓާ ސިޓީއާ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެޓީމަށް ލިބޭނެއެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ނަތީޖާގެ ސަބަބުން މިމެޗު ލިވަޕޫލުން ފަށާފައިވަނީ ވަރަށް ފޯރިއާއެކުއެވެ. ނަތީޖާ އަކަށްވީ މެޗުގެ 18ވަނަ މިނެޓުގައި ލަނޑެއް ޖަހާ ލީޑު ނެގުމެވެ. ދާދިފަހުން ލިވަޕޫލުގައި މަޑުކުރަން ނިންމާ އާ އެއްބަސްވުމެއްގައި ސޮއިކުރި މުހަންމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު ކާމިޔާބު ކޮށްދީފައިވަނީ ލުއިސް ޑިއާޒްއެވެ. ނަމަވެސް މިލަނޑަށްފަހު ވެސްޓް ހޭމް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ލިވަޕޫލަށް އިތުރު ލަނޑެއް ޖެހުނަނުދީ މެޗުގެ ފަހު މިނެޓާ ހަމައަށް ހިފަހައްޓާލިއެވެ. އަދި މެޗުގެ 86ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިފެންސްގައި ހެދުނު ގޯހެއްގައި އެންޑި ރޮބަޓްސަން އަތުން ބައިކޮޅަށް ވަން ލަނޑާއެކު މިމެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ވެސް ހީވިއެވެ. ނަމަވެސް މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ފެނުނީ ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ ލީޑު އެޓީމުން އަނެއްކާ ވެސް ނެގި ތަނެވެ. މިކާމިޔާބީ އާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 32 މެޗުން ލިބިފައިވާ 76 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އުޅޭ އާސެނަލް އާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ 13 ޕޮއިންޓަށް އިތުރު ކޮށްފައެވެ. އެހެން ކަމުން ކުރިއަށް އޮތް ދެމެޗު ލިވަޕޫލް ކާމިޔާބު ކޮށްގެން އެޓީމަށް ލީގު ކަށަވަރު ކުރެވެން އޮތް އިރު މިއަންނަ ހަފުތާގައި ނަތީޖާ ނިކުންނަ ގޮތަކުން ވެސް ލިވަޕޫލަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. މިމެޗުން ބަލިވުމުން ވެސްޓް މިހާރު ވަނީ 35 ޕޮއިންޓާއެކު ތާވަލްގެ 17ވަނައަށް ވެއްޓިފައެވެ. ނަމަވެސް 18 ވަނައިގާ އުޅޭ އިޕްސްވިޗް އާއި ވެސްޓް ހޭމާ ދެމެދު 14 ޕޮއިންޓްގެ ތަފާތު ހުރުމުން ވެސްޓް ހޭމްއިން ރެލިގޭޝަނާ މެދު ކަންބޮޑުވާން ޖެހޭނެ ހެނެއް ހިޔެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ