ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ ގޮތެއް ނިމެން ދެން، އާރަށުގެ މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސާލުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މި މައްސަލައަކީ، ރައީސް ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގި މައްސަލަ އެވެ.
ހައިކޯޓުގެ ހުކުމް އިއްވިތާ ގިނަ ދުވަސް ފަހުން، މައްސަލައިގައި މިއަދު އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށެވެ. އެގޮތުން ދެފަރާތުގެ ވާހަކައަށް ފަހު އިތުރަށް ދިރާސާ ކުރަން ޖެހޭކަމެއް ނެތް ނަމަ ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމުމަށް ގަސްތު ކުރައްވާކަން ޝަރީއަތް ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އިއުލާނު ކުރެއްވި އެވެ.
އާރަށުގެ މައްސަލައިގައި އަލުން ކުރިޔަށް ގެންދާ ޝަރީއަތުގެ، އިދާރީ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި ހުންނެވީ ހަމްޒާ ލަތީފާއި، ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
ދައުލަތުގެ ހުށަހެޅުންތަކަށް ހުޅުވާލުމުން، ފުރުސަތަކަށް އެދިވަޑައިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޖަމޅު ވިދާޅުވީ މިއީ ހައިކޯޓުން ތަހުވީލު ކުރެވިގެން އައި މައްސަލައަކަށްވާއިރު، އަދި އެގޮތަށް ކަނޑައަޅާފައި ވަނީ މައްސަލައިގައި ގޮތެއް ނިންމުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާތީކަމަށެވެ. މައްސަލައިގެ ތެރޭގައި ޕީޓީއެމްގެ ގޮތުގައި ކުރިޔަށް ގެންދަން ހުށަހަޅާފައި އޮތްކަމުގެ ތެރޭގައި ފާހަގަކުރެވުނު ދެ މައްސަލައެއްގެ ގޮތުން ޖަމީލު ވަނީ ދިފާއީ ހެކިތަކާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ފަށާފައިވާކަމަށެވެ.
އެހެންކަމުން އެގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިޔަށް ދަނިކޮށް، ހައިކޯޓުން މައްސަލައާއި ގުޅުން ހުރި އިތުރުކަމެއް ކުރިޔަށް ގެންދިއުމުން އަދުލުވެރިކަމާއި މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބޭކަމަށް ޖަމީލު ވިދާޅުވި އެވެ. ޖަމީލު ވިދާޅުވީ ކޮންމެ މީހަކަށްމެ އަދުލުވެރިކަމާއި އެކު ކުރިޔަށް ގެންދާ އިންސާފުވެރި ޝަރީއަތެއް ގާނޫނުއަސާސީގެ ދަށުން އެންމެނަށް ވެސް ކަށަވަރުކޮށްދޭކަމަށެވެ.
އެކަން ފާހަގަކޮށް ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، ސުޕްރީމް ކޯޓުގައި މިވަގުތު އޮތް މައްސަލައާއި ދަށު ކޯޓުގެ މައްސަލައާއި ފުށުއެރުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން ދައުލަތުގެ ފަރާތުން ހުށަހެޅުއްވި ޕީޓީއެމް ބިނާވަނީ، ދިފާއުން ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް އެދިފައިވާ ހުށަހެޅުމަކަށް ކަމަށެވެ. އެގޮތަށް ދައުލަތުން ދެކޭ ސަބަބެއްކަމަށް ބުނެފައި ވަނީ ރައީސް ޔާމީންގެ ފަރާތުން ޖަވާބުދާރީވާން ޖެހޭކަމެއްގައި ހަނު ހުރުމެވެ. އެހެންވެ ދައުލަތުގެ ބަހުސަކީ ޖަވާބުދާރީ ނުވިކަމެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެން ނުވާ ކަމަށެވެ.
ހަމްޒާ ވިދާޅުވީ އިކޮނޮމިކް ޔޫތް ކައުންސިލް ބައްދަލުވުމެއްގެ ޔައުމިއްޔާ ހޯދުމަށް ވެސް އެދި ދިފާއުން ހުށަހަޅާފައިވާނެކަމަށާއި، އެކަމާއި ގުޅުން ހުރި މައްސަލައެއް ވެސް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ހަމްޒާ ވިދާޅުވީ ސުޕްރީމް ކޯޓުގެ މައުޟޫއުގައި ބައްދަލުވުމުގެ ޔައުމިއްޔާއާއި، ދިފާއީ ހެކިން އަދާކުރާ ހެކިބަސް ނުވަތަ އިތުރު ހެކި ހުށަހެޅުމަށް ފުރުސަތު ދޭން ޖެހޭނެކަމަށް ބުނާ ބަހުސް ހިމެނެ އެވެ. އަދި ކްރިމިނަލް ކޯޓުގައި ދިފާއީ ހެކި ބަލައިގަތުމާއި ނުގަތުމާއި ގުޅޭ ބަހުސެއް ވެސް އެބައޮތްކަން ފާހަގަކުރެއްވި އެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުން މަޑުޖައްސާލުމަށް ހަމްޒާ ހުށަހެޅުއްވި އެވެ.
މި ހުށަހެޅުމަށް ދައުލަތުން ބުބނެފައި ވަނީ ކްރިމިނަލް ކޯޓުން ކުރިޔަށް ގެންދާ މައްސަލަ މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަންގާފައި ނުވާކަމަށެވެ. އެހެން ނަމަވެސް ދިފާއުން ފާހަގަކުރި ގޮތަށް ދެ މައްސަލައިގެ ފުށުއެރުންތަކެއް އެބަހުރިކަމަށް ދައުލަތުން ބުންޏެވެ.
މައްސަލައިގައި ގާޒީ ނަދީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައާއި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައާއި ފުށުއެރުމެއް އޮތްކަމަށް ގަބޫލު ކުރެވޭކަމަށެވެ. އެހެންވެ މައްސަލަ މަޑުޖައްސާލުމަށް ނިންމަވައި އެކަން އިއުލާނު ކުރެއްވި އެވެ.
ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅު ރަށެކެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މާނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ކުރިޔަށް ގެންދިޔައީ 2021 ވަނަ އަހަރު އެވެ. އޭރު މައްސަލަ ބެއްލެވީ ކޯޓުގެ އިސް ގާޒީއަކަށް އޭރު ހުންނެވި އަހުމަދު ޝަކީލެވެ.
މައްސަލަ އަލުން ކުރިޔަށް ގެންދާއިރު، މީގެ ކުރީގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބޭނުންކޮށްގެންނެވެ. އޭރު ދެބޭފުޅުންނަށް ވެސް ހިޔާނާތުގެ ދައުވާތައް ސާބިތުވެ ތިބީ ޖަލު ހުކުމެއްގައި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މައާފު ދީ މިނިވަންކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި އޮތް މައްސަލައަކާއި ފުށުއަރާތީ، ޔާމީން އެދިގެން އާރަށުގެ އަޑުއެހުން މަޑުޖައްސާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ