ޗައިނާގެ 3 ވަނަ މަތިންދާބޯޓު އުފުލާ މަނަވަރު އަސްކަރީ ހިދުމަތަށް ނެރެފި

ޗައިނާގެ ރައީސް ޝީ ޖިންޕިން އިސްވެ ހުންނަވައިގެން ބޭއްވި ބޮޑު ރަސްމިއްޔާތަށް ފަހު، ޗައިނާގެ އެންމެ މަތީ ފެންވަރުގެ މަތިންދާބޯޓު އުފުލާ މަނަވަރު ފުޖިއަންގެ ދަތުރުތައް ފަށައިފި ކަމަށް އެ ގައުމުގެ މީޑިއާ އިން ބުނެފި އެވެ.
ފުޖިއަން ބަނދެފައިވަނީ ބާރު ސްޕީޑްގައި މަނަވަރު ދަތުރުކުރަމުންދާ އިރު މަތިންދާބޯޓުތައް އުދުއްސާލެވޭ ގޮތަށެވެ.
އެއީ ޗައިނާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެއީ ނަމްބަރަށް ބަލާ އިރު އެންމެ ބޮޑު ކަނޑުގެ ފްލީޓެއް މިހާރު އޮތީ ޗައިނާގައި ކަމަށްވާތީ އެވެ.
ޝީ ޖިންޕިންގެ ވެރިކަމުގައި ޗައިނާ އިން ދަނީ އެ ގައުމުގެ ކަނޑުގެ ބާރުތައް ވަރަށް ވަރުގަދަކޮށް، އެމެރިކާ އާއި އެ ގައުމުގެ ބައިވެރި ގައުމުތަކަށް ޕްރެޝަރު ކުރަމުންނެވެ.
ފުޖިއަންގައި ގާއިމުކޮށްފައިވާ އިލެކްޓްރޯ މެގްނެޓިކް ކެޓަޕަލްޓް އަދި ފަތި ފްލައިޓް ޑެކް ބޭނުންކޮށްގެން ތަފާތު ތިން ވައްތަރެއްގެ މަތިންދާބޯޓު އުދުއްސާލައި ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.
ޗައިނާގައި ބަނދެފައިވާ މި އުޅަނދަކީ ބަރުހަތިޔާރާއި ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްފައިވާ މަތިންދާބޯޓުތައް އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އެހެންކަމުން، ދުރުން ދުޝްމަނުންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ކުޅަދާނަކަން ލިބިގެންވާނެ އެވެ. އަދި މިއީ ޗައިނާގެ ފުރަތަމަ މަތިންދާބޯޓު އުފުލާ ދެ މަނަވަަރު، ލިއައޮނިން އާއި ޝާންޑޮންގްއަށް ވުރެ ގާބިލުކަން އިތުރު އުޅަނދެކެވެ.
ފުޖިއާންއަކީ ޗައިނާގެ ކަނޑުގެ ސިފައިންގެ ކުރިއެރުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދައުލަތުގެ މީޑިއާ އިން ވަނީ ސިފަކޮށްފަ އެވެ.
ފުޖިއަން ފަދަ އިލެކްޓްރޯމެގްނެޓިކް ކެޓަޕަލްޓް ސިސްޓަމެއް ހުންނަ މަތިންދާބޯޓު އުފުލާ މަނަވަރެއް ދެން އޮތް ހަމައެކަނި ގައުމަކީ އެމެރިކާ އެވެ.
ފުޖިއާން ބޯޓު ކަމިޝަންކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިދިޔަ ބުދަ ދުވަހު ދެކުނުގެ ހައިނާން ޕްރޮވިންސްގަ އެވެ. އެ ހަފުލާގައި ޝީ ވަނީ ބޯޓުގެ ޑެކް ވަށައިގެން ހިންގަވައި ކަނޑުމަތީގައި އެ އުޅަނދުގެ ގާބިލުކަން އޮޅުން ފިލުއްވައިފަ އެވެ.
ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި، އިލެކްޓްރޯމެގްނެޓިކް ކެޓަޕަލްޓް ޓެކްނޮލޮޖީ ބޭނުންކުރުމަށް ނިންމެވީ ޝީ އަމިއްލަފުޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ