އާބާދީ މަދު ފެހެންދުއަށް 300 މީހުންގެ ޖާގައިގެ މިސްކިތެއް، އަގަކީ 8.5 މިލިއަން ރުފިޔާ
ދިރިއުޅޭ އާބާދީ މަދު، ބ. ފެހެންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކޮށްފިއެވެ. ރާއްޖޭގައި އެންމެ ފަހުން ނެގި ބޯ ހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގައި ދިރިއުޅެމުން އަންނަނީ 198 މީހުންނެވެ. ބިޑަކަށް ނުލައި, ސަރުކާރުން ކުންފުނިތަކާ ހަވާލު ކުރި ޖުމްލަ 206 މަޝްރޫއުގެ ތެރެއިން ސަރުކާރުން، ފެހެންދޫގައި ފުޓްސަލް ދަނޑަކާއި އައުޓްޑޯ ވޮލީކޯޓެއް އެޅުމުގެ އިތުރުން، މިސްކިތެއްވެސް ބިނާކުރަން ވަނީ ހަވާލު ކޮށްފައެވެ. އެގޮތުން ފެހެންދޫގައި މިސްކިތް ބިނާކުރަން 8.53 މިލިއަން ރުފިޔާއަށް ސަރުކާރުން ސާސް އީ ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރިއިރު، އެ ރަށުގައި 1.28 މިލިއަން ރުފިޔާއަށް އައުޓްޑޯ ވޮލީ ކޯޓެއް އެޅުމަށާއި 1.78 މިލިއަން ރުފިޔާއަށް ފުޓްސަލް ދަނޑެއް އަޅަން މޯލްޑިވްސް އެޝުއާ ސަަޕްލައި ނަމަކަށް ކިޔާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. ފެހެންދޫ ކައުންސިލްގެ ރައީސް ޖާދުއްالله އަލީ ވިދާޅުވިގޮތުގައި އެ ރަށުގެ ރަޖިސްޓާޑް އާބާދީއަކީ 320 މީހުން ކަމަށެވެ. ރަށުގައި ދިރިއުޅެނީ ކިހާ އަދަދެއްގެ ބައެއްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ މައުލޫމާތު ޖެހޭނީ ހޯދާލަން ކަމަށެވެ. އާބާދީ މަދު ރަށަކަށް ބޮޑު މިސްކިތެއް ބޭނުންވޭތޯ ސުވާލު ކުރުމުން ޖާދުއްالله ވިދާޅުވީ ރަޖިސްޓްރީގައި އޮތް އާބާދީ މަދުނަމަވެސް ރަށުން ބޭރުން ވެސް މީހުން އަންނާނެތީ އެ ވަރުގެ ބޮޑު މިސްކިތެއް އެ ރަށަށް ބޭނުންވާނެ ކަމަށެވެ. ވަރަށް މަދު ބަޔަކު ދިރިއުޅޭ ފެހެންދޫއަކީ މިހާރު ލޯކަލް ޓޫރިޒަމް ވަރަށް ކުރިއަރަމުން އަންނަ ރަށެކެވެ. ސަރުކާރުން ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ދޮޅު އަހަރު ތެރޭ ބަދަލު ކުރަން ނިންމާފައިވަނިކޮށް, އެ ރަށުގައި ހަަތަރު މިލިއަން ރުފިޔާއަށް ކުނިކޮއްޓެއް އަޅަން ބުރާސްފަތި ދުވަހު ވަނީ ހަވާލު ކޮށްފައެވެ. އެކަމަށް ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން ބުނީ ރައްޔިތުން އެ ރަށެއްގައި ދިރިއުޅޭހާ ހިނދަކު ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް ވަނީ މިފަދަ ބައެއް ކަންކަން ކޮށްފައެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންގެ ބޮޑު އާބާދީއަކާއެކު 60 އެއްހާ މީހުން ދިރިއުޅޭ ވ. ރަކީދޫގައި ބޮޑު ބަނދަރަކާއި ސްކޫލެއް އިމާރާތް ކުރިއެވެ. މިލިއަނުން ހަރަދު ކޮށްގެން އެޅި އެ ސްކޫލުގައި ކިޔަވާނެ ކުއްޖެއް ނެތިގެން މިހާރު ވެސް ހުރީ ބަންދުކޮށްފައެވެ. ބިޑް ކުރުމެއްނެތި ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ މަޖިލިސް މެންބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތައް ވެސް ހިމެނެއެވެ. އެހެންވެ، މި މައްސަލައިގައި މައި އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ ކޯޓަށް ދާން ނިންމައިފައެވެ. އެމްޑީޕީން އެ މައްސަލައިގައި ކޯޓަށް ދާން ނިންމިއިރު, ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ބިޑަކަށް ނުލައި, އެ ޕާޓީގެ އޭރުގެ މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް އެތައް ބަޔަކަށް ޕްރޮޖެކްޓްތައް ދީފައިވާކަން އޮޑިޓް ރިޕޯޓުން އެނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ