އިންޑިއާއިން ތަރައްގީކޮށްދިން ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ޚާއްސަ މަންދޫބެއް

އިންޑިއާއިން ތަރައްގީކޮށްދިން ހަނިމާދޫ އެއާޕޯޓު މިރޭ ހުޅުވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި މަންދޫބު، ކިންޖަރަޕު ރާމް މޯހަން ނައިޑޫ ރާއްޖެ ވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީއިން އެކްސްގައި ކުރި ޓްވީޓެއްގައި ވަނީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު، ނައިޑޫ ރަސްމީ ދަތުރުފުޅެއްގައި މިއަަދު ރާއްޖެއަށް ވަޑައިގަތް ކަމަށް ބުނެފައެވެ. އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު އޭނާއަށް ވެލާނާ އެއާޕޯޓުން މަރުހަބާ ދެންނެވި ކަމަށް ބުނެފައިވެއެވެ. ހަނިމާދޫ އެއާޕޯޓު މަޝްރޫއަކީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. މި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. https://x.com/MoFAmv/status/1987408273474228559 މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީކުރަން އެއްބަސްވެފައިވެއެވެ. އަދި 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އާމް އަދި ފިއުލް ޖެޓީގެ މަސައްކަތްތަކެއް ވެސް ކުރަން ވަނީ އެއްބަސްވެފައެވެ. ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ. https://sun.mv/173045 ޓޫރިސްޓުން މާލެއިން ފުރައިގެން ހަނިމާދުއަށާއި އެހެން ރަށްތަކަށް ފްލައިޓުގައި ދަތުރުކުރާނަމަ، އެ ޓިކެޓަށް ކުރަންޖެހޭ ހޭދައިން މާލެ ކައިރީ ގެސްޓްހައުސެއްގައި ހަފުތާއެއްހައި ދުވަހު ހުރެވޭނެއެވެ. އުތުރުގެ ރިޒޯޓުތަކާއި ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑު ދަށްވާ ސަބަބަކީ މިއެވެ. އެހެންކަމުން، ހަނިމާދޫގައި ތަރައްގީކުރި މި އެއާޕޯޓުގެ ސަބަބުން އުތުރުގެ ފަތުރުވެރިކަމަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ