ހައިޑްރޯފޮއިލް ބޯޓުތަކެއް ރާއްޖެ ގެންނަނީ

ސްވިޑަންގެ އުފެއްދުމެއް ކަމަށްވާ 'ބެޓްރީ ޕަވާޑް ފްލޯޓިން ފެރީ ކެންޑެލާ-12' ރާއްޖެއަށް ގެންނަން އުޅޭ ކަމަށް ކެންޑެލާ ކުންފުނިން އިއުލާންކޮށްފި އެވެ.އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ "އިލެކްޓްރިވް" ވެބްސައިޓުގައި އިއްޔެ ބުނީ "ކެންޑެލާ ޕީ-ޓުވެލް" މޮޑެލްގެ 10 ބޯޓަށް ރާއްޖޭގެ ޓުއާ އޮޕަރޭޓަރު އީގޯ ޝަޓުލް އިން އޯޑަރު ދީފައިވާ ކަމަށެވެ. އަދި އެ ބޯޓުތައް ރާއްޖެ ގެނެސް އަންނަ އަހަރު ޚިދުމަތް ފަށާނެ ކަމަށް އެ ވެބްސައިޓުގައި ބުންޏެވެ.އެ ބޯޓުތައް ދަތުރުކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ކައިރި ރިސޯޓުތަކާ ދެމެދުގަ އެވެ.އެ ވެބްސައިޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި މިއީ ރާއްޖޭގެ ކަނޑުގައި އިލެކްޓްރިކް އުޅަނދެއް ބޭނުންކުރާނެ ފުރަތަމަ ފަހަރެވެ. އަދި ދުނިޔޭގައި ހައިޑްރޯފޮއިލް އިލެކްޓްރިކް ފްލީޓްގެ ތެރެއިން އެންމެ ބޮޑު ފްލީޓް ރާއްޖޭގައި އޮޕަރޭޓްކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.އެ އުޅަނދުތައް އޮޕަރޭޓްކުރުމުގެ އެންމެހާ ކަންކަން ބަލަހައްޓާނީ ދިވެހިން ކަމަށް އިލެކްޓްރިވްއިން ބުނެފައިވެއެވެ. އަދި ލޮޖިސްޓިކްސް ހަބެއް ގާއިމުކޮށް، ދިވެހި މަސައްކަތްތެރިންނަށް މި ބޯޓު އޮޕަރޭޓުކުރުމަށް "ގްރީން ޖޮބް ތަމްރީނު" ލިބޭނެ ކަމަށް ވެސް އިލެކްޓްރިވްއިން ބުނެފައިވެއެވެ.ތިރީސް ފަސިންޖަރުންގެ ޖާގަ ހުންނަ "ޕީ-ޓުވެލް"އަކީ 11.99 މީޓަރު ދިގު، 378 ކިލޯވޯޓުގެ ބެޓަރީއަކުން އޮޕަރޭޓްކުރާ ބޯޓެކެވެ. އޭސީ ހަރުކޮށްފައި ހުރުމުގެ އިތުރުން މި ބޯޓުގައި ވައިފައި، އެންޓަޓެއިންމެންޓް ސްކްރީން އަދި އިލެކްޓްރޯނިކް ޑިވައިސްތައް ޗާޖުކުރެވޭނެ އިންތިޒާމް ފަހިކޮށްފައިވެއެވެ.ކޮމްޕިއުޓަރުން ކޮންޓްރޯލްކުރާ ދެ ހައިޑްރޯފޮއިލްގައި ފެންގަނޑުގެ 1.5 މީޓަރު ނުވަތަ ފަސް ފޫޓު މަތީގައި ދުއްވުމުން، ޑީސަލް ދޯނިތަކާ އަޅާބަލާއިރު ހަކަތަ ބޭނުންކުރާ މިންވަރު 80 އިންސައްތައަށް ކުޑަވެގެންދާ ކަމަށް އިލެކްޓްރިވްއިން ބުންޏެވެ. އަދި މި ބޯޓު ފަރުމާކޮށްފައިވާ ގޮތުން ރާއްޖެއަށް ދަތުރުކުރާ ކަނޑަށް ބަލި ފަތުރުވެރިންނަށް ދިމާވާ ދަތިތައް މެދުވެރިނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.އިލެކްޓްރިވް އިން ބުނި ގޮތުގައި، ސްޓޮކްހޯމްގައި މިހާރު ވެސް އާންމު ދަތުރުފަތުރުގައި "ޕީ-ޓުވެލް" ބޭނުން ކުރެ އެވެ. އަދި އެމެރިކާގެ ލޭކް ޓަހޯގައި ވެސް ވަރަށް އަވަހަށް މީގެ ބޯޓެއް ދުއްވަން ފަށާނެ އެވެ. އަދި އިންޑިއާ އާއި ތައިލެންޑުން ވެސް މިހާރު ވަނީ މީގެ ބޯޓުތަކަށް އޯޑަރު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ