އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން، ފުލުހުންގެ އަންހެން މުވަައްޒަފުންނަށާއި ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކު ނަހަމަ ގުޅުންތަކެއް ބާއްވައި ބައެއް މީހުންނާ އެކު ގަދަކަމުން ބަދަލުއަހުލާހީ އަމަލުތަކެއް ހިންގުމާއި ކޮރަޕަޝަންއަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ހުށަހަޅާފައި ވަނީ، ފުލުހުންގެ މަތީ ރޭންކުތަކުގެ 11 އޮފިސަރެއް ކަމަށް ބުނެ، އެ މީހުންގެ ފަރާތުން ވިސްބްލޯވަރުންގެ ގޮތުގައި މަޖިލީހަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ސީޓީގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ. އަދި މި ސިޓީ ރޭގެ ވަގުތެއްގައި މަޖިލީހުގެ މެއިލްއަށް ލިބިފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.
ތަފްސީލު - އެ ސިޓީގައި އެދިފައި ވަނީ، ޝިފާންގެ އިތުރުން މިހާރު ސަސްޕެންޝަނެއްގައި ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއަށް ތުހުމަތު ކުރެވޭ ގާނޫނާއި ގަވައިދާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބެއްލުމަށެވެ. އަދި އެ ސިޓީއާ އެކު އެ ދެ މީހުންނަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ވެސް ހިމަނާފައިވެ އެވެ.
"މި ދެ ބޭކަލުން [ޝިފާން އާއި ފަރުހާދު ފިކުރީ]ގެ ނުރަނގަޅު ނުފޫޒާއި ގާނޫނާއި ހިލާފު އަމަލުތަކުގެ ސަބަބުން މުއައްސަސާގެ ސީނިއާ ލީޑަޝިޕްގެ މެދުގައި މަސްލަހަތު ގެއްލިފައިވުމާއި އެއްވެސް ބަދަހިކަމެއް ނެތި މުއައްސަސާގެ ކަންކަން ދުވަހުން ދުވަހަށް ބޮއްސުންލައިގެން ދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އެ ސިޓީގައި ލިޔެފައިވެ އެވެ.
މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ އަހްމަދު ސަލީމްއަށް އެޑްރެސްކޮށް ފޮނުވި މި ސިޓީގެ ކޮޕީ ރައީސް އޮފީހަށާއި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އަދި ބައެއް ނޫސްތަކާއި މިނިވަން މުއައްަސާތަކަށް ވެސް ފޮނުވާފައިވެ އެވެ.
ޝިފާންއާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ނުވަ ސަފްހާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ފުލުހުންގެ ވަޒީފާގައި އޭނާ ހޭދަ ކުރި މިދިޔަ 16 އަހަރު ތެރޭ ގާނޫނާ ހިލާފަށް އަދި ފުލުހުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ގިނަ އަމަލުތަކެއްކޮށްފައިވެ އެވެ. އެގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ދެ ބާވަތެއްގެ ކުށެވެ. އެއީ:
ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ އަމަލުތައް
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކި ކުށްތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލުތައް
ރިޕޯޓުގައި ފާހަގަކުރި ގޮތުގައި މި މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑް (ޕީއެސްސީ)އަށް ހުށަހެޅި ނަމަވެސް ޝިފާންއާ މެދު އެދެވޭ ފިޔަވަޅެއް ނޭޅޭ އެވެ. އަދި ގިނަ މައްސަލަތައް ނުފޫޒު ފޯރުވައިގެން ހުއްޓުވާލަކަމަށް ބުނެފައިވެ އެވެ.
ޝިފާންއަށް ތުހުމަތު ކުރެވޭ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލަތަކުގައި ހިމެނެނީ، އޭނާގެ ދަށުން ފުލުހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން، ފިރިހެން މުވައްޒަފުންގެ އަނބިން އަދި ރަސްމީ މަސައްކަތުގެ ތެރެއިގެން ގުޅުން އުފެދޭ އެހެން އޮފީސްތަކުގެ އަންހެން މުވައްޒަފުންނާ ގުޅުން ހުރި މައްސަލަތަކެވެ.
"މީގެ ތެރޭގައި ރުހުމުގައި ހިންގާފައިވާ ބަދުއަހުލާގީ އަމަލުތަކާއި ބާއްވާ ގުޅުންތަކުގެ މައްޗަށް ތުހުމަމަތު ކުރެވޭ މައްސަލަތަކާއި ނުރުހުމުގައި ގަދަކަމުން ހިންގާފައިވާ ބަދުއަހުލާގީ އަމަލުތަކާއި ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިމެނޭ،" ރިޕޯޓުގައި ލިޔެފައިވެ އެވެ
ރިޕޯޓުގައި ފާހަގަކުރި މި ބާވަތުގެ ބައެއް މައްސަލަތައް ކުރުކޮށް:
އައްޑޫގައި ގާއިމްކޮށްފައިވާ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް 2014ގައި ޝިފާން ހުންނެވި ދުވަސްވަރު، އެތަނުގައި މަސައްކަތް ކުރި އަންހެން ފުލުހަކަށް ތަކުރާރުކޮށް ޖިންސީ އުނދަގޫކޮށް، ގަދަކަމުން އޭނާއާ އެކު ބަދައަހުލާގީ އަމަލު ހިންގާފައިވޭ؛ ޝިފާންގެ ހުށަހެޅުންތަކަށް އެ މުވައްޒަފު އިޖާބަ ނުދިނުމުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ މުވައްޒަފާ މެދު ތަފާތުކޮށް ކަންތައްތަކޮށްފައި
ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ ތަހުގީގަކަށް 2018ގެ ޖޫން ކުރީކޮޅު ކުރި ރަސްމީ ދަަތުރެއްގައި މެލޭޝިއާއަށް ޝިފާން ގޮސްފައި ވަނީ، ފުލުހެއްގެ އަނބެއް ގޮވައިގެން؛ އޭގެ ސަބަބުން އެ އަންހެން މީހާ އާއި ފުލުސް އޮފިސަރުގެ ކައިވެނި ރޫޅިފައިވޭ އަދި އެ ދަތުރުގައި ޕޮލިސް ބަޖެޓުން 4،020 ޑޮލަރު (61،990ރ.) އެ އަންހެން މީހާއަށް ޝިފާން ހަރަދުކޮށްގެން، އެ ފައިސާ ދެއްކުމަށް އޭރު އަންގާފައިވޭ
ޑެޕިއުޓީ ކޮމިޝަނާއަށް ހާސްކޮށްފައިވާ އޮފީސް ތެރޭގައި 13 ޖުލައި 2018ގައި ދެ އަންހެން މުވައްޒަފަކާ އެކު ބަދަލުއަހުލާގީ އަމަލު ހިންގާފައިވޭ؛ އަދި މިކަން ކޮށްފައިވަނީ އޭރު އޭނާ އޮފީސް އޮފް ފަ ކޮމިޝަނާގެ ހެޑްގެ މަގާމުގައި ހުންނެވި ދުވަސްވަރު މަގާމުގެ މަސްއޫލިއްޔަތު ތެރެއިން ލިބިދޭ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން
މިދިޔަ އަހަރު ތެރޭ އެޑްމިނިސްޓްރޭޓިވް ސަޕޯޓް އޮފިސަރެއްގެ މަގާމަށް އަލަށް ވެއްދި އުމުރުން 18 އަހަރުގެ އަންހެނަކަށް ޝިފާންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވޭ؛ އޭރު ޝިފާންއަކީ އެ ޑިޕާޓްމަންޓާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަރާތް
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކަށް އޮތީ، މިދިޔަ މާޗު މަސް ތެރޭ ގަވައިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެެރެ ކުރި މައްސަލައަކާ ގުޅިގެން ފުލުހަކު ހައްޔަރުކޮށްފައި ވަނިކޮށް، އެކަމާ ގުޅުމެއް ނެތް ޑެޕިއުޓީ ކޮމިޝަނަރަކާއި އެސިސްޓެންޓް ކޮމިޝަނަރަކު އެ ކުށުގައި ބައިވެރިވި ކަމަށް ދެއްކުމަށް އެ ދެ އޮފިސަރުން ފްރޭމް ކުރުމަށް ޝިފާން މަސައްކަތްކޮށްފައިވާ ކުރާ ތުހުމަތެވެ. އެގޮތުން:
ހައްޔަރު ކުރި ފުލުސް މީހާގެ ގާނޫނީ ވަކީލަށް ގުޅައި "ތި މައްސަލައިގައި ހައްޔަރުކޮށްގެން ތިޔަ އުޅެނީ މާ ކުޑަކުއްޖެއް" ކަމަށާއި މި މައްސަލައިގެ ތެރެއަށް "ސީނިއާ ދެ މީހުން ވައްދަން ޖެހޭ ކަމަށް" ބުނެ އެކަން ކުރެވޭނެ ގޮތެއް ނެތްތޯ ޝިފާން އަހާފައިވޭ
އަދި ފްރޭމް ކުރަން ބޭނުންވާ ސީނިއާ ދެ އޮފިސަރުންގެ ނަން، އެ ވަކީލަށް ދީ، އެ މީހުން ފްރޭމްކުރުމަށް ބަޔާން ދިނުމަށް ޝިފާން އެދިފައިވޭ
އިސް ދެ އޮފިސަރުން ފްރޭމް ކުރަން ޝިފާން މަސައްކަތް ކުރި މައްސަލަ ޕީއެސްސީއަށް މިދިޔަ މާޗު މަހު ކުރީކޮޅު ހުށަހެޅުމުން، އެ މައްސަލަ ކުރިއަށް ނުގެންދަން ކޮމިޝަނާ އޮފް ޕޮލިސް އެންގުމުން އެ މައްސަލަ ވަނީ ހުއްޓިފައި
"[ޕީއެސްސީއަށް] ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން ކޮމިޝަނާ އޮފް ޕޮލިސް އަންގާފައި ވަނީ، އޭސީޕީ ޝިފާންއަކީ މ. އަތޮޅު ރަތްމަންދޫއަށް ނިސްބަތްވާ ފަރާތަކަށްވެފައި އެއީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް [އަހްމަދު ނާޒިމް]ގެ ދާއިރާކަމުން މަޖިލީހުގެ ނައިބު ރައީސްއާ އަދި އެ ނޫން ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އެހެން ފަރާތްތަކާ އޭސީޕީ ޝިފާންއާ ގާތްގުޅުންތަކެއް އޮންނާތީ،" ޕޮލިސް ކޮމިޝަނަރުގެ ނަން ނުގެނެސް ރިޕޯޓުގައި ލިޔެފައިވެ އެވެ.
"އެ މައްސަލަ ބަލަން އުޅެފި ނަމަ، ކޮމިޝަނާ އޮފް ޕޮލިސް އެ މަގާމުގައި ހުރުމަށް ސިޔާސީ ގޮތުން ދަތިކޮށްފާނެކަމަށް ބެލެވެ އެވެ."
މާޗު މަހު ފަހުކޮޅު ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ އަލީ ޝުޖާއު އެވެ. އޭނާ ކުއްލި ގޮތަކަށް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވީ އޭޕްރީލް މަހު ފަހުކޮޅު އެވެ. އެއާ އެކު އާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މިހާރު އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ހަމަޖައްސާފައި ވަނީ ޖޫން މަހު އެވެ.
ޝިފާންއާ ގުޅޭ ގޮތުން ފާހަގަކޮށްފައިވޭ އެހެން ބައެއް މައްސަލަތައް:
އެކި ޑިޕާޓަމްންޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުވާން އެދުމުން އެކަން ކުރުމަށްޓަކައި މުވައްޒަފުން އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުން
އެއް މުވައްޒަފެއް އަތުން މިގޮތަށް ފައިސާ ނެގުމަށް ފަހު، އެއީ ކޮމިޝަނާ އޮފް ޕޮލިސް ބޭނުންވެގެން ޝިފާން އެ މުވައްޒަފު ގާތު ބުނެފައިވޭ އަދި އެހެން ބައެއް މުވައްޒަފުން ގާތު ބުނެފައިވަނީ އެއީ "ޕާޓީއަށް ދޭން ޖެހޭތީ" ނަގާ ފައިސާ ކަމަށް
ސްޕޯކްސްޕާސަންގެ މަގާމުގައި ހުރެ މީޑިއާތަކަށް ދޮގު މައުލުމާތު ދީގެން، އެ މައްސަލަ ޕީއެސްސީއިން ސާބިތުވުމުން ހަ މަސްދުވަހުގެ ކައުންސިލިން ދިނުމަށް ނިންމައި ތަންފީޒުކޮށްފައިވޭ
ރިޕޯޓުގެ ނިންމުމުގައި ބުނެފައި ވަނީ، ޝިފާންއާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަައް ފުރިހަމައަށް ތަހުގީގު ނުކުރެވި، ނުވަތަ އެކަށީގެންވާ ފިޔަވަޅު ނޭޅި އަޮންނަ މައިގަނޑު އެއް ސަބަބަކީ، "އޭނާއަކީ ސިޔާސީ ފަރާތްތަކާ އަދި ބައެއް ސަރުކާރުތަކުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކާ ގާތް ގުޅުން އޮންނަ މުވައްޒަފަކަށްވުމުން"ނެވެ.
"މިކަމުގައި އޭނާ އަމަލު ކުރާ ގޮތަކީ، އެ ގުޅުންތަކުގެ ބޭނުންކޮށްގެން އޭނާއަކީ ސިޔާސީ ގޮތުން ބާރުތަކެއް ލިބިގެންވާ މީހެއްކަން އެހެން މުވައްޒަފުންނަށް ދެއްކުމެވެ. އެގޮތުން ކުރެވޭ މުއާމަލާތުގެ ސްކްރީންޝޮޓާއި މެސެޖްތަށް އެހެން މުވައްޒަފުންނަށް ދައްކައިގެން، ޝިފާންްއަކީ ހާއްސަ ބާރުތަކެއް ލިބިގެންވާ މުވައްޒަފެއްކަން އެހެން މުވައްޒަފުންނަށް ދައްކަވެ،" ރިޕޯޓުގައި ލިޔެފައިވެ އެވެ.
"އޭގެ ސަބަބުން އޭސީޕީ ޝިފާންއަކީ ބައެއް ދުވަސްވަރު ފުލުހުންގެ ތެރޭގައި އިތުރު ބާރުތަކެއް ލިބިގެންވާ އޮފިސަރެއްކަމަށް ބައެއް މުވައްޒަފުންނަށް ގަބޫލުވެސް ކުރެވެ އެވެ."
މަޖިލީހަށް ފޮނުވި މި ސިޓީއާ ގުޅިގެން ޝިފާން އާއި ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ޝިފާންއަށް ބަދުއަހުލާގީ އާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް؛ މައްސަލަ 241 ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ