އޭރެއްގެ މެނޭޖުމަންޓް ބޭނުންވާ ގޮތަށް އުސޫލުތައް ބަދަލުކުރާތީ ފެނަކައިގެ މައްސަލަތައް ސާބިތުކުރަން އުނދަގޫ: އޭސީސީ

ފެނަކައިން ގާނޫނާ ހިލާފު ކަންކަން ކޮށްފައި ހުންނަނީ، އޭރެއްގެ އޮންނަ މެނޭޖުމަންޓް ބޭނުންވާ ގޮތަށް ޑިރެކްޓަރުންގެ ބޯޑުން އުސޫލުތައް ބަދަލުކޮށްގެން ކަމަށާއި އެހެންވެ ފެނަކައިގެ މައްސަލަތައް ސާބިތުކުރަން އުނދަގޫ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އޭސީސީން މިގޮތަށް ބުނީ، ފެނަކައިގެ މައްސަލަތައް ދިރާސާކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ވަނީ، އެ ކޮމިޓީއާ އެކު އެ މައްސަލަތަކުގައި މަސައްކަތްކުރަން ފެނަކަ އަދި އޭސީސީން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓުގެ ދެ ބޭފުޅަކާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފަ އެވެ.
އެގޮތުން:
އެ މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާ ގޮތް ސާފުކޮށްފައިވޭ
ފެނަކަ ހިޔާނާތުގައި ބައިވެރިވާ ކަމަށް އެ ކުންފުނިން ފޮނުވާފައިވާ މުވައްޒަފުން، އެކަންކަމުގައި ބައިވެރިވެފައިވާ ގޮތް އިތުރަށް ތަފްސީލުކޮށްދިނުމަށް އެދުނު
ބުނީ ކީކޭ؟ - މި ބައްދަލުވުމުގައި އޭސީސީން ބުނީ، ފެނަކައިގެ މައްސަލަތައް ވަރަށް ގިނައިން އަބަދުވެސް ބަަލަމުންދާ ކަމަށާއި ފެނަކައިގައި އެ ދުވަސްވަރު މެނޭޖުމަންޓުގައި ތިބި މީހުންގެ މައްސަލަތައް ވެސް ބަލަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އިންނަ އެއްޗަކީ އެ ދުވަސްވަރެއްގައި އިންނަ މެނޭޖުމަންޓް ބޭނުންވާ ގޮތަށް ބޯޑް އޮފް ޑައިރެކްޓަރުން ޕޮލިސީތައް  ބަދަލުކުރަމުންދާކަން. އެެހެންވީމަ އެކަމާ ގުޅިގެން އަޅުގަނޑުމެންނަށް ދަތިތައް ކުރިމަތިވަނީ އެއީ ގަވާއިދާ ހިލާފަށް ކޮށްފައި ހުންނަ ކަންކަން ކަން [ސާބިތުކުރަން]،" އޭސީސީގެ އޮފިޝަލް ވިދާޅުވި އެވެ.
އޭސީސީން މިއަދުގެ ކޮމިޓީގައި ފާހަގަކުރި ގޮތުގައި:
އެމީހުންގެ އުސޫލުތަކާ އެއްގޮތަށް އެކަންކަން ކުރަމުންދާތީ، ފެނަކައިން ކޮށްފައި ހުންނަ ކަންކަން ގިނަ ފަހަރަށް ގަވާއިދާ ހިލާފެއް ނުވޭ 
އެއީ މެނޭޖުމަންޓުން ހުށަހަޅާ ގޮތަށް ބޯޑުގެ ޑިރެކްޓަރުން އުސޫލުތައް ބަދަލުކޮށްފަ ހުންނާތީ 
ފެނަކައިގެ ލިޔެކިއުންތައް ހޯދަން އެދުމުން އެ ލިޔެކިއުންތައް ފޯރުކޮށްދެނީ ލީގަލް ޑިޕާޓުމަންޓު މެދުވެރިކޮށް ކަމަށްވާތީ، އެތަނުން ލިޔެކިއުންތައް ހޯދަން ވެސް ދަތިތަކެއް ކުރިމަތިވޭ
"އަޅުގަނޑުމެން ވަރަށް މަސައްކަތްކުރިން އެކަން ވެސް ބަދަލުކުރަން. އަސްލު އަޅުގަނޑުމެން ބޭނުންވަނީ ހަމަ ދާ ގޮތަށް ގޮސް، ބަލައި ފާސްކުރާ އުސޫލުން ލިޔެކިއުންތައް އަޅުގަނޑުމެން އަމިއްލައަށް ބަލައިގެން ކަމާގުޅޭ ލިޔެކިއުންތައް ހޯދަން. އެކަމަކު އެދުވަސްވަރު އެގޮތަކަށް ލިޔެކިއުންތަކެއް ނުދޭ،" އޭސީސީގެ އޮފިޝަލް ވިދާޅުވި އެވެ.
"ދެން އަޅުގަނޑު އެދެން މިގޮތަށް ޕްރޮކިއުމަންޓް ޕޮލިސީއާ މިގޮތަށް މިގެންނަ ބަދަލުތައް [މާލިއްޔަތު ކޮމިޓީން] ގާތުން ބަލަން. ވާ ގޮތަކީ ކޮންމެ މެނޭޖުމަންޓެއް ބޭނުންވާ ގޮތަށް އަބަދުވެސް ޕްރޮކިއުމަންޓް ޕޮލިސީއަށް މި ބަދަލު ގެންނަނީ. އެ ބަދަލު ގެނައުމުގެ ސަބަބުން އަޅުގަނޑުމެންނަށް މައްސަލަތައް ސާބިތުކުރަން ދަތިތައް ކުރިމަތިވޭ. ވާގޮތަކީ އުސޫލާ އެއްގޮތަށް ކޮށްފައި ހުންނަ ކަންކަން ސާބިތުކުރަން އުނދަގޫވޭ."
ކުރީގެ ސަރުކާރުގައި ފެނަކަ ކުންފުނިން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލާގައި ޝާމިލުވާ، ފެނަަކައިގެ ޕްރޮޖެކްޓް އަދި ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ އިސްވެރިންގެ 13 ބޭފުޅެއްގެ ނަން، ކޮމިޓީއަށް ފެނަކައިން ވަނީ ފޮނުވާފަ އެވެ. އަދި ޕްރޮޖެކްޓު ޑިޕާޓުމަންޓުގައި މިކަމުގައި ޝާމިލުވާ 19 މުވައްޒަފެއްގެ ނަން ވެސް ފޮނުވާފައިވެ އެވެ.
އެކަމަކު އޭގެ ތެރޭގައި ގިނަ އަަދަދެއްގެ ކޮންޓްރެކްޓް ސްޓާފުން ވެސް ހިމެނޭތީ އާއި އެ ނަންތައް ފޮނުވާފަހުރީ އެމީހުން ޝާމިލުވާ މުއާމަލާތްތައް ވެސް ތަފްސީލުނުކޮށްދީކަމުން، ކޮމިޓީން ވަނީ އެ ނަންތައް އެގޮތަށް ބަލައިނުގަނެ، އެކަންކަން ތަފްސީލުކޮށް އަލުން އެ މައުލޫމާތުތައް ފޮނުވުމަށް ފެނަކައިގައި އެދިފަ އެވެ.
އެ މައުލޫމާތުތައް ފޮނުވުން ލަސްވާ ސަބަބާ ބެހޭ ގޮތުން ވާހަކަދައްކަމުން ފެނަކައިން މިއަދުގެ ބައްދަލުވުމުގައި ބުނީ، އޮޑިޓު ރިޕޯޓާ ގުޅިގެން އޭގައިވާ މުއާމަތާތްތައް މިހާރު ބަލަމުންދާ ކަމަށާއި ފާހަގަވި ކަމަކީ، އެ މުއާމަލާތްތަކާއި ގުޅޭ ލިޔެކިއުންތައް ރަނގަޅަށް ބަލަހައްޓާ ރައްކާކުރެވިފައި ނެތްކަން ކަމަށެވެ.
"އަޅުގަނޑު ލީގަލް ޑިޕާޓުމަންޓާ ގުޅިފަ އަދި އެންމެ އެއް މަސް މިވީ. އެންމެ ބޮޑު އެއް އުނދަގުލަކީ އަސްލު ހުރިހާ ލިޔެކިއުންތައް ރަނގަޅަށް ރައްކާކޮށްފަ ނެތުން. އެކަމަކު މިހާތަނަށް ކޯޓުގައި ކުރިއަށްދާ މައްސަލަތަކުގައި ވެސް މިދަނީ އިތުރު ލިޔެކިއުންތައް ހުށަހަޅަމުން. އަޅުގަނޑުމެން އެއްބަހެއް ނުވަން މި ފައިސާ ދައްކަން ޖެހިދާނެ ކަމަކަށް. އިތުރަށް ހެކި ލިބިފަހުރިއްޔާ ކޯޓަށް ހުށަހަޅަމުންދަނީ،" ފެނަކައިގެ އޮފިޝަލް ވިދާޅުވި އެވެ.
ފެނަކައިން ކޮމިޓީގައި ބުނީ:
ވަކިވަކި މައުމާލާތްތަކާއި ގުޅޭ ލިޔެކިއުންތައް ހޯދަން އުނދަގޫ ނަމަވެސް، އެ ލިޔެކިއުންތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް 
ވަރަށް އަވަހަށް އެ މަސައްކަތް ނިމޭނެ ކަމަށާއި އެކަމަށް ދެ ހަފްތާވަރު ދިނުމަށް
މިހާރު ލިޔެކިއުންތައް ބަލަހައްޓާގޮތަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް 
ލިޔެކިއުންތައް ބަލަހައްޓަންޖެހޭ އުސޫލެއް ފެނަކައިގެ ތެރޭގައި އޮންނަކަމަށާއި އެކަމަކު އެހާ ހިސާބަށް ކަންކަން ގޮސްފައިވަނީ އެ އުސޫލާ އެއްގޮތަށް ބަޔަކު އަމަލުކޮށްފަ ނުވާތީ ކަމަށް
"މި މުއާމަލާތްތަކާ ގުޅިގެން އަޅުގަނޑުމެން އެ ބަލަންޖެހޭ ޑިޕާޓުމަންޓުތަކުން ބެލިއިރުގަ އަސްލު ރަނގަޅަކަށް ނޫން މި ޓްރާންސެކްޝަންތަކުގެ ލިޔެކިއުންތައް ބެލެހެއްޓިފަ ހުރީ. އެހެންވީމަ އަޅުގަނޑުމެންނަށް އުނދަގޫ،" ފެނަކައިގެ އޮފިޝަލް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު ގަބޫލުކުރަން ހުންނާނެ ކަމަށް މިތަނުގައި އެ ލިޔެކިއުންތައް. އެހެންވީމަ އެކަމަށް އަސްްލު ވަގުތުވެސް މި ނަގަނީ، ލީގަލް ޑިޕާޓުމަންޓުގައި ނެތިއްޔާ، ބިއުރޯއިން ނުވަތަ ފިނޭންސް ޑިޕާޓުމަންޓުން ނުވަތަ އީމެއިލުން އެ ކޮޕީ ކޮށްފަ ހުންނަނީ ކޮން ބޭފުޅަކަށްތޯ[ބެލިދާނެ] އެހެންވީމަ އެ ހިސާބަށް ފީނައިގެން މި ލިޔެކިއުންތައް[ހޯދަނީ]."
ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލާގައި ކޮމިޓީން މަސައްކަތްކުރަނީ:
މި މަހު މަޖިލިސް ޗުއްޓީއަށްދާއިރު، ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، ޕްރިލިމިނަރީ ރިޕޯޓެއް ނެރެން 
އޭގެ ކުރިން ގޯސްކޮށް ހުރި ކަންކަން ފާހަގަކޮށް، ރަނގަޅުކުރަންވީ ކަންކަން ފެނަކައަށް އަންގަން 
އޭރުން އިސްލާހީ ފިޔަވަޅު އަޅަން ފެނަކައަށް ދެ މަސްދުވަސް ލިބޭނެ 
އަންނަ ފެބްރުއަރީ މަހު އަލުން މަޖިލީހުގެ މަސައްކަތްތައް ފަށުމުން، އެ ކޮމިޓީން ދެން މަސައްކަތް ފަށާނީ ރިޕޯޓުގައި ހުރި ކަންކަން އިތުރަށް ތަފްސީލީ ގޮތެއްގައި ބަލަން
ތަފްސީލުކޮށް ބަލަންޖެހޭ ކަންކަމުގެ ތެރޭގައި ލޭޔާކޮށްގެން ވައްކަން ކޮށްފައި ހުރި މައްސަލަ ހިމެނޭ 
އެ ރިޕޯޓުތައް ދިރާސާކޮށް، އަންގަންޖެހޭ ކަންކަން އެކަމާ ގުޅޭ އިދާރާތަކަށް އެންގުން
އެނގުން މުހިންމު - ފެނަކައިގެ 2021-2023ގެ އޮޑިޓް ރިޕޯޓެއް އޮޑިޓް އޮފީހުން މިދިޔަ ސެޕްޓެމްބަރު ވަނީ އާންމުކޮށްފަ އެވެ.
އެ މައްސަލަ ބަލަން ރައީސް މުހައްމަދު މުއިއްޒު އޮތީ އަންގަވާފަ އެވެ. އެ ތަހުގީގު އަވަސްކޮށްދިނުމަށް އޭސީސީގައި ޕީޖީން އޮތީ އެދިފަ އެވެ.
އެ ހިޔާނާތުން މަންފާ ލިބުނު އާންމުން ހޯދަން ވެސް ފުލުހުންނާއި އޭސީސީއަށް ޕީޖީން ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ