މިދިޔަ އަހަރު، މި އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާއި އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވެސް ތަރައްގީގެ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ހިމަނާފައި ނެތުމުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ ބަޖެޓާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލާއި އޮޑިޓު އޮފީހުން ދޭ ލަފަޔާއި ހިޔާލު ހޯދުމެވެ. ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަދި އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލް އޮފް އޮޑިޓު، މުހައްމަދު ޝާން ވަނީ މަޝްރޫއުތަކުގެ ތަފުސީލު ނެތުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޮޑިޓުގެ ބޭނުމަށް ފިނޭންސުން ދެނީ ހަމައެކަނި ހަރަދުވި ފައިސާގެ ތަފުސީލު ކަމަށާއި ރާވާފައިވާ ކަންކަމުގެ ތަފުސީލު އޮޑިޓު އޮފީހާ ވެސް ހިއްސާ ނުކުރާކަން އެ އޮފީހުގެ އޮފިޝަލުން މިއަދު ފާހަގަކުރެއްވި އެވެ.
"މި އަހަރު އަޅުގަނޑުމެން ކުރިއަށް ގެންދިޔައި 2024 ވަނަ އަހަރުގެ ބަޖެޓު އެގްޒެކިއުޓް ކުރެވުނު ގޮތުގެ ތަފުސީލުތައް ބަލައިލިން، އިނގޭތޯ. އެ ރިވިއު ތެރެއިން އަޅުގަނޑުމެން 2025 އަށް ކުރި ހަރަދުތައް ވެސް،" ޝާން ވިދާޅުވި އެވެ.
"އެހާ ހިސާބަށް ކުރެވުނު ހަރަދުތައް ވެސް ބަލައިލިން. އަޅުގަނޑުމެންނަށް އެސްޓިމޭޓެޑް ނުވަތަ ވަކިވަކި ޕްރޮޖެކްޓުތަކަށް ފާސްކޮށްފަ ހުރި ބަޖެޓުތަކުގެ ޑީޓެއިލްތަކެއް ލިބިފައެއް ނުވޭ. އަޅުގަނޑުމެންނަށް ލިބުނީ ކުރި ހަރަދުތަކުގެ ތަފުސީލު،"
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހިމަނާފައި ނެތުމުން މަޝްރޫއުތަކުގެ ކޮސްޓް އެނަލެސިސް ހެދުމަށާއި އޮޑިޓުތައް ކުރުމަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި އެ ތަފުސީލުތައް ނެތުމުން އެ ދަތިތައް ތަކުރާރުވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އޮޑިޓާ ޖެނެރަލްގެ ވާހަކައިގައި ފާހަގަކުރެއްވީ މަޝްރޫއުތަކުގެ ތަފުސީލުތައް ހިމެނުމަކީ ބަޖެޓު ޓްރާންސްޕޭރެންސީގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެ ތަފުސީލުތައް ހިމަނަންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ އެންމެ ބޭނުން ޖެހިފައި ހުރި ރަށްރަށަށް ކަންކަން ކޮށްދެވޭނެ މަގުތައް ފަހިކޮށްދިނުން ކަމުގައި ނިޔާޒީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަންނަވާ ވާހަކަ އަކީ ބަޖެޓު ޓްރާންސްޕޭރެންސީގަ އަޅުގަނޑުމެން ކަންކަން ރަނގަޅު ކުރުމަށް ކަމަށް ވަންޏާމު، ބެސްޓް ޕްރެކްޓިސްގެ މި އުސޫލުތަކާއި އެއްގޮތަށް އަޅުގަނޑުމެންގެ ކަންކަން ބަދަލުވާން ޖެހޭނެ ކަމަށް،" ނިޔާޒީ ވިދާޅުވި އެވެ.
ވަކިވަކި މަޝްރޫއުތަކަށް ކުރާ ހަރަދު ފެންނާނެހެން ބަޖެޓުގައި ތަފުސީލު ހިމެނުމަކީ މީގެ ކުރިން އެތައް އަހަރެއް ވަންދެން ރާއްޖޭގައި އަމަލުކުރަމުން އައި ގޮތެވެ. ނަމަވެސް، މިދިޔަ އަހަރު އިންތިހާބުވި 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީއަށް ލިބުމާއެކު ހުށަހެޅި ދެ ބަޖެޓުގައި ވެސް މަޝްރޫއުތަކުގެ ތަފުސީލެއް ނެތެވެ.
މިދިޔަ އަހަރު، މި އަހަރަށް ލަފާކޮށް ފާސްކުރި 56 ބިލިއަން ރުފިޔާގެ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ނެތެވެ. ހަމައެކަނި ހިމަނާފައިވަނީ އެކި ދާއިރާތަކު މަޝްރޫއުތަކަށް ޖުމްލަ ހޭދަވާ އަދަދުތަކެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ވެސް މަޝްރޫއުތަކުގެ ތަފުސީލު ނެތުމުން އޮޑިޓު އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ވެސް މަޝްރޫއުތަކުގެ ތަފުސީލު ނެތުމުން އޮޑިޓު އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ