ޔުނިވާސިޓީއަކަށްވުމުގެ ޝަރުތު ލުއި ކުރި ބިލު މުއިއްޒު ތަސްދީގު ކުރައްވައިފި ޔުނިވާސިޓީއަކަށްވުމުގެ ޝަރުތު ލުއި ކުރި ބިލު މުއިއްޒު ތަސްދީގު ކުރައްވައިފި

ފަނަރަ އަހަރު ހިންގާފައިވާ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލު ކުރެވޭ ގޮތަށް މަތީ ތައުލީމާއި ތަމްރީނާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މަތީ ތައުލީމާއި ތަމްރީނާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގައިވާ ގޮތުން 15 އަހަރު ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި ހިންގާފައިވާ ނުވަތަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށް ޔުނިވާސިޓީއެއްގެ ގޮތަށް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެ އެވެ.
ގާނޫނުގައި ކުރިން އޮންނަ ގޮތުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭނީ މަދުވެގެން 20 އަހަރު ހިންގާފައިވާ ކޮލެޖުތަކެވެ.
ކޮލެޖަކުން ޔުނިވާސިޓީއަކަށް ބަދަލުވާ އުމުރު ދަށްކުރިޔަސް، ގިނަ ޝަރުތުތަކެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިފައިވުން ހިމެނެ އެވެ.
ބިލު ތަސްދީގުކުރުމާއެކު އެކަމާ ގުޅޭ ގަވާއިދުތައް ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި ކަމާ ގުޅޭ ފަރާތްތަކުން ހަދައި ގެޒެޓްކުރަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ