ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމަށް އެހީތެރިވާން ހާއްސަ ޓިކެޓްތަކެއް ވިއްކަނީ

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވާން ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ކުރިން ފަލަސްތީނުން އެދުނީ ރާއްޖޭގެ އެހީއަށެވެ. ފަލަސްތީނުގެ ޓީމު ވާދަކުރާ ގްރޫޕްގެ މެޗުތައް އޮންނަނީ އިންޑިއާގައި ކަމުން، ރާއްޖޭގައި ތަމްރީން ހަދާނެ ފުރުސަތަކަށް އެދުމުން ދިވެހި ސަރުކާރާއި އެފްއޭއެމުން ވަނީ އެކަން ގަބޫލުކޮށްފަ އެވެ.
އިޒްރޭލުގެ އަނިޔާވެރިކަމުގައި ނިކަމެތިވެފައި އޮތް ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު މާދަމާ ރާއްޖެ އަންނާނެ އެވެ. މާލޭގައި މަޑުކޮށް ތަމްރީން ހެދުމުގެ އިތުރުން ކޮލިފިކޭޝަންއަށް ތައްޔަރުވާ ރާއްޖޭގެ 17 އަަހަރުން ދަށުގެ ޓީމާ އެކު ދެ މެޗު، އަންނަ ބުރާސްފަތިދުވަހު އާއި ހޮނިހިރުދުވަހު ކުޅެން ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތައް އޮތީ ތައިލެންޑްގަ އެވެ. ރާއްޖެއިން ވާދަކުރާނީ ތައިލެންޑްގެ އިތުރުން ތުރުކިމިނިސްތާން، ކުވެއިތު އަދި މޮންގޯލިއާއާ އެވެ.
މީގެ ކުރިން ރާއްޖޭގެ އެ އުމުރު ފުރައިގެ ޓީމުތަކަށް އަމިއްލަ ދަނޑުގައި އެހެން ގައުމެއްގެ އުމުރު ފުރައިގެ ޓީމަކާ އެކު ޕްރެކްޓިސް މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ. އެހެންކަމުން މިއީ ރާއްޖޭގެ ޒުވާން ޓީމުގެ ވާދަވެރި މެޗެއް އަމިއްލަ ދަނޑުގައި ދެކިލަން ދިވެހިންނަށް ވެސް ލިބޭ ފުރުސަތެކެވެ.
އެފްއޭއެމުން މިހާރު ނިންމާފައި ވަނީ ފަލަސްތީން ޓީމަށް އެހީތެރިވުމުގެ ހަރަކާތެއް ވެސް ހިންގާށެވެ. އެގޮތުން ރަމްޒީ 250 ޓިކެޓް ވިއްކާނެ އެވެ. އެއީ:
ޕްލެޓިނަމް 50 ޓިކެޓް: އަގު 1،000ރ (މި ޓިކެޓް ގަނެގެން ރޮސްޓްރޮމްގައި ތިބެވޭނެ)
ގޯލްޑް ޓިކެޓް 200: އަގު 500ރ (މި ޓިކެޓް ގަނެގެން ވީއައިޕީ ބައިގައި ތިބެވޭނެ)
މި ދެ މެޗަށް ވެސް ވަނުން އޮތީ ހިލެ އެވެ. ރަމްޒީ ޓިކެޓް ނެރުމުގެ ހަމައެކަނި ސަބަބަކީ ފަލަސްތީނު ޓީމަށް އެހީތެރިވުމެވެ.
މި ހުރިހާ ޓިކެޓެއް ވިކިއްޖެ ނަމަ 150،000ރ ލިބޭނެ އެވެ.
ފަލަސްތީނު "ޓީމު ދިވެހިރާއްޖޭގައި ކޭމްޕްކުރުމަށް ހިނގާ އެންމެހާ ހަރަދަކާއި އިންތިޒާމްތައް ހަމަޖެއްސުމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިފައިވާކަން ޝުކުރުވެރިވަކަމާ އެކު ފުޓްބޯލް އެސޯސިއޭޝަނުން ފާހަގަކުރަމެވެ،" އެފްއޭއެމުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ ރަމްޒީ ޓިކެޓުން ލިބޭ ފައިސާ، ފަލަސްތީނު ޓީމު އިންޑިއާއަށް ފުރާ އިރު ހަވާލުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ