ދަރިވަރުން ޝަކުވާ ހުށަހަޅާ އެޕް މުއްދަތަށް ނުނިމުނު, މި މަހު ނިންމަނީ
ސަރުކާރުގެ ޚަރަދުގައި ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި، އެކުދިންގެ ޝަކުވާތައް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް"ގެ ނަމުގައި މިދިޔަ އޮކްޓޯބަރު މަހު ނިންމަން ބުނި ޚާއްސަ މޮބައިލް އެޕްލިކޭޝަން، އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ނުނިމި އޮއްވައި އަލުން އާ މުއްދަތެއް ދީފިއެވެ. މިއަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ ދަރިވަރުންގެ ޝަކުވާތައް އަޑުއެހުމަށް ޓަކައި ޒަމާނީ ހައްލެއް ހޯދުމުގެ ގޮތުން އޮކްޓޯބަރު މަހުގެ ނިޔަލަށް ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް ކިޔާ އެޕެއް ނިމޭނެ ކަމަށެވެ. އެ އެޕާ އެކީ ވަރަށް އަވަހަށް ދަރިވަރުންގެ ރިކުއެސްޓްތަކަށް އެޑްރެސް ކުރެވޭނެކަން ހައިދަރު ވިދާޅުވިއެވެ. ނަމަވެސް އޮކްޓޯބަރު މަސް ނިމުނުއިރު ވެސް އެ އެޕް ތައާރަފުކޮށްފައެއް ނުވެއެވެ. 'ސަން' އިން ސުވާލުކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިވަގުތު ކުރަމުންދާ މަސައްކަތަކީ އެ އެޕްގެ ޓެސްޓިން މަރުހަލާ ކަމަށެވެ. އެ މަރުހަލާ ނިންމަން ވީހާވެސް އަވަހަށް މަސައްކަތްކުރަމުންދާ ކަމަށާއި، މި މަސްތެރޭ އެޕްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. https://sun.mv/205955 އެ އެޕް ތައާރަފުކުރުމުގެ ކުރިން ވެސް ދަރިވަރުންގެ ޝަކުވާތައް ބަލައިގަތުމަށް އެކަމަށް ޚާއްސަ ވަޓްސްއެޕް ނަންބަރުތަކެއް ކަނޑައަޅުއްވާނެ ކަމަށް ހައިދަރު މީގެ ކުރިން މަޖިލީހުގައި ވިދާޅުވިއެވެ. އެގޮތުން 50 ދަރިވަރުންނަށް ވުރެ ގިނައިން ދަރިވަރުން އުޅޭ ކޮންމެ ގައުމަކަށް ވަކި ނަންބަރެއް ކަނޑައަޅުއްވާނެ ކަމަށް އޭރު ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވުމަކީ ވަރަށް ބޮޑަށް ދިމާވާ މައްސަލައެކެވެ. އެކަމުގެ ކަންބޮޑުވުންތައް މިދިޔަ އަހަރާއި މި އަހަރު ވެސް އިތުރުވެފައިވާއިރު، ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންތަކެއް އެހީއަށް އެދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް މިއަހަރުގެ ފެބްރުއަރީ މަހު ސިޓީއެއް ވެސް ފޮނުވާފައިވެއެވެ. އެ ސިޓީގައި ވަނީ، ސަރުކާރުން ޓޮޕް އަޕް ލޯނަށް ހުޅުވާނުލާ ކަމުގެ ކަންބޮޑުވުމާއި ކޯހުގެ މުއްދަތަށްވާ ވަރަށް ފައިސާ ހަމަޖެހިފައި ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙުމަދު -- ފޮޓޯ/ ރައީސް އޮފީސް ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ. ސްޓޫޑެންޓު ލޯނު ދޫކުރަން އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި 776 މިލިއަން ރުފިޔާ އޮތީ ހިމަނައިފައެވެ. މި އަހަރު ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކުރަން ބަޖެޓުގައި ޖެހީ 768 މިލިއަން ރުފިޔާއެވެ. އެންމެ ފަހުން ސަރުކާރުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްޓޫޑެންޓް ލޯނަށް 453 މިލިއަން ރުފިޔާ ވަނީ ބަޖެޓުން ދޫކޮށްފައެވެ. ދަރިވަރުންގެ ޝަކުވާ ބޮޑުވި ނަމަވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްޓޫޑެންޓު ލޯނަށް މި އަހަރު ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ ވެސް ދަށެވެ. https://sun.mv/210792 ސްޓޫޑެންޓް ލޯނުގެ ފައިސާ ހަމަޖައްސައިދިނުމުގައި މަރުހަލާތަކެއް އޮންނައިރު، ކުރިއަށްވުރެ އެ މަރުހަލާތަކަށް ހޭދަވާ މުއްދަތު މިހާރު ކުރުވާނެ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި، ސްޓޫޑެންޓު ލޯނުގެ ފައިސާ ލަސްނުވެ ހަމަޖައްސައިދިނުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބޭރުން ހޯދަން ޖެހޭ އެހީތެރިކަމެއް ވިޔަސް ހޯދާނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. ޚާއްސަކޮށް، ސްޓޫޑެންޓް ލޯން 'އިސްލާމިކް'ކޮށް، ލޯނަށްވުރެ އިތުރަށް ފައިސާ އަނބުރާ ނުހޯދާ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. ނަމަވެސް، އަދިއަދާ ހަމައަށް ވެސް ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އެކަމުގައި އެބައޮތެވެ. މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު މިހާރު ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަނީ 1،642 ދަރިވަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ