އިސްރާއީލުގެ ޖަލުތަކުގެ އަނިޔާވެރިކަން ބޭޒާރުކޮށްލި ޕްރޮސެކިއުޓަރަށް ޕްރެޝަރު ބޮޑުވެ ނަފްސަށް ގެއްލުން ދޭން އުޅެފި

ޓެލްއަވީވު (9 ނޮވެންބަރު 2025) : އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އަސީރުންނަށް ލާއިންސާނީ އަނިޔާކުރަމުންދާ މައްސަލާގައި މަގާމުން އިސްތިއުފާ ދިން އިސްރާއީލުގެ އަސްކަރީ ޕްރޮސެކިއުޓަރު ޔިފާތު ތޯމަރު ޔަރުޝަލްމީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އިސްރާއީލުގެ އިޚިލޫފް ހޮސްޕިޓަލުގައި އޭނާ އެނދުމަތިކޮށްފިއެވެ. އިސްރާއީލުގެ ބައެއް އޮންލައިން ނޫސްތައް ބުނާގޮތުން ތޯމަރު ޔަރުޝަލްމީއަށް ފަރުވާދެނީ ބާރުގަދަ ގިނަ ބޭސްތަކެއް އެއްފަހަރާ ކެއުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހާލަތަކަށް ގޮސްގެންނެވެ. އޭނާ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމުން މިހާރު ހާލަތު ކޮންމެވެސް ވަރަކަށް ސްޓޭބަލްކަމަށް އިސްރާއީލުގެ "ހާއާރެޓްސް" ނޫސް ބުނެއެވެ. އެ ނޫސް ބުނާގޮތުން ޔަރުޝަލްމީ ބާރުގަދަ ގިނަ ބޭސްތަކެއް އެއްފަހަރާ ކެއީ އަމިއްލަ ނަފްސަށް ގެއްލުން ދޭން ވެގެން ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އެކަން އޭނާގެ ފަރާތުން އަދި ކަށަވަރުވެފައެއް ނުވެއެވެ. އިސްރާއީލުގެ ފުލުހުން ޔަރުޝަލްމީ ހައްޔަރުކުރީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުންނަށް އިސްރާއީލުން އަނިޔާކުރާ މަންޒަރުތަކެއް ދައްކައިދޭ ވީޑީއޯ އެއް، އޭނާ، އާންމު ކުރުމާ ގުޅިގެންނެވެ. އިސްރާއީލުގެ ޖަލުތަކުގެ އަނިޔާވެރިކަން ހާމަވެގެންދާ ވީޑީއޯ އާންމު ކުރުމާއެކު މަގާމުން ދުރުވުމަށް އިސްރާއީލު ސަރުކާރުން ޔަރުޝަލްމީއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވިއެެވެ. އޭނާ މަގާމުން އިސްތިއުފާ ދިނީ މި ފިއްތުންތަކުގެ ސަބަބުންކަން ކުރިން ވަނީ ހާމަވެފައެވެ. ޔަރުޝަލްމީ މަގާމުން އިސްތިއުފާ ދިންނަމަވެސް އޭގެ އެއް ދުވަސްފަހުން މި މަހުގެ ތިން ވަނަ ދުވަހު, އިސްރާއީލުގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އިސްރާއީލުގެ ޖަލުތަކުގައި ހިންގާ އަނިޔާވެރިކަން ބޭޒާރުކޮށްލުމާއެކު ޔަރުޝަލްމީ އިސްތިއުފާ ދިންކަން އިއުލާންކުރި ފަހުން އޭނާގެ ޚަބަރެއް ނުވެ 12 ވަރަކަށް ގަޑިއިރު ހޭދަވެގެން ދިޔައެވެ. މި ވަގުތުގައި ވެސް އޭނާއަށް ކުރިމަތިވި ޕްރެޝަރުތަކުގެ ސަބަބުން އޭނާ އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުނު ކަމުގެ ޚަބަރުތަކެއް ފެތުރިގެން ދިޔައެވެ. ޔަރުޝަލްމީ ފަޅާއަރުވާލި ވީޑިއޯއިން ފެންނަނީ އިސްރާއީލުގެ ޖަލެއްގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރެއްގެ ފުރަގަސްފަރާތާ ކައިރިއަށް ތޫނޫ އެއްޗެއް ހަރާލާ މަންޒަރެވެ. ޔަރުޝަމީލް ވަނީ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އަސީރުންނަށް އަނިޔާކުރުމަކީ އާންމުކަމެއްކަން ހާމަކޮށްފައެވެ. ފަޅާއެރި ވީޑިއޯ އަކީ އަސީރުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުގެ ކުޑަ މިންވަރެއްކަަމަށް ރިޕޯޓްތައް ބުނެއެވެ. މި ދެންނެވި ވީޑިއޯގައި ފެންނަ އަނިޔާވެރިކަމުގެ މައްސަލައަކީ މިދިޔަ އަހަރު ފަޅާއެރި މައްސަލައެކެވެ. މި މައްސަލަ ފަޅާއެރުމުން އިސްރާއީލުން ވަނީ ތަހުގީގެއް ހިންގައި މި އަނިޔާގައި ޝާމިލްވާ އިސްރާއީލު ސިފައިންގެ ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އަދިވެސް އެ ދައުވާ ކުރިއަކަށް ނުދެއެވެ. އަނިޔާކުރި ސިފައިންނަށް އަދަބެއް ވެސް ނުލިބެއެވެ. މިފަދަ ހާލަތެއް ފެންމަތިވާ ކޮންމެ ފަހަރަކު ތަހުގީގެއް ހިންގައި ދައުވާކުރުމުގެ ޑްރާމާތަކެއް އިސްރާއީލުން ކުޅޭކަމަށް ފަލަސްތީނުން ބުނެއެވެ. ފަލަސްތީނުގެ އަސީރެއްގެ ފުރަގަސް ފަރާތާ ކައިރި ހިސާބަކަށް ދަގަނޑެއް ހަރާލި މައްސަލަ ފަޅާއެރުމުންވެސް އެކަންހިންގި މީހުންގެ މައްޗަށް ދައުވާކުރުމަށް އިސްރާއީލުން ކުޅެފައިވަނީ ޑްރާމާ އެއްކަމަށް ފަލަސްތީނުގެ އަސީރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަލަސްތީނުގެ އިދާރާއިން ބުނެފައިވެއެވެ. އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އަސީރުންނަށް ލާއިންސާނީ އަނިޔާތައް ކުރާ މައްސަލައާއި ކާބޯތަކެތިންނާއި ބޭސްފަރުވާއިން އަސީރުން މަހުރޫމް ކުރާ މައްސަލައަކީ ވަރަށް އާންމު މައްސަލައެކެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ވެސް އެނގޭ މައްސަލައެކެވެ. ފަލަސްތީނުން ވަނީ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އަސީރުންނަށް ކުރާ އަނިޔާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފައެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް ވާކާލާތުކުރާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް މި އަނިޔާތަކުގެ ވާހަކަތައް އަޑުއިވޭކަމަށް ވެސް ނުހަދައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ