ދަރިފުޅަށް ތުހުމަތުކުރި މައްސަލައެއްގައި ހެކި ނައްތާލަން އުޅުމާއި މަގާމުގެ ނާޖާއިޒު ބޭނުން ހިފި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް ކޮށްފައިވާ ސިޓީއެއް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ވީކިހިނެއް؟ - ސަލާމަތީ ހިދުމަތްތަކަށް ރައްޔިތުންގެ މަޖިލީހުގައި އޮންނަ 241 ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އަށް އެޑްރެސްކުރައްވައި ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ރޭގެ ވަގުތެއްގައި މަޖިލީހުގެ މެއިލްއަށް އެ ސިޓީ ފޮނުވާފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.
ތަފްސީލް - ފަރުހާދުގެ ދަރިފުޅެއް ހިމެނޭ ދެ މައްސަލައެއްގައި މަގާމުގެ ބޭނުންކޮށްގެން ދަރިފުޅު ސަލާމަތްކުރަން ނަހަމަ ކަންކަން ކުރި ކަމަށް ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.
ސިޓީގައި ބުނާ ދެ މައްސަލައަކީ:
ފަރުހާދުގެ ފިރިހެން ދަރިއަކު މަސްތުގެ ހާލަތުގައި ހުރެ ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދިއުމާއި ފުލުހަކަށް ހަމަލާ ދީފައިވާ މައްސަލައެއް
ފަރުހާދު ފިކުރީގެ ފިރިހެން ދަރިފުޅުގެ މައްޗަށް ތުހުމަތުކުރެވުނު ރޭޕްއާއި ޖިންސީ ގޯނާގެ ސީރިއަސް މައްސަލައެއް
އެ ސިޓީގައި ބުނާ ގޮތުން މަސްތުގެ ހާލަތުގައި ހިފެހެއްޓި ދަރިފުޅު އަތުގައި ލައިސެންސެއް ވެސް ނެތެވެ. އަދި ސައިކަލުގެ ބޯޑުގައި ހަރުކޮށްފައިވާ ޑޮމެއިން ނަންބަރަކީ އެހެން ސައިކަލަކަށް ރަޖިސްޓްރީކޮށްފައިވާ ނަންބަރެކެވެ.
ލައިސެންސް ނެތި ދުއްވުމާއި ސައްހަ ނޫން ޑޮމެއިން ނަންބަރު އަޅުވައިގެން ދުއްވާ އުޅަނދު ފަހަރު ޓޯކޮށް 10،000ރ. އިން ޖޫރިމަނާކުރަން ޖެހޭނެ ކަމަށް ގާނޫނުގައި އޮތް ނަމަވެސް އެއިން ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.
ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި ފަރުހާދު ވަނީ:
ހުޅުމާލެ ޕޮލިސްގެ ޓްރެފިކް ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓަރުގެ ވަޓްސްއެޕް ނަންބަރަށް މެސެޖުކޮށް އޭނާގެ ދަރިފުޅުގެ ސައިކަލު ނެރެވޭނެ ގޮތެއް ހަދައިދިނުމަށް އެދިފައިވޭ
އޭގެ ފަހުން ޗީފް އިންސްޕެކްޓަރުގެ ނަންބަރަށް ގުޅައި ތިމަންނައާ މެދު ކަންތައް ކުރަނީ އާންމު މީހަކާ މެދު ކަންތައް ކުރާ ގޮތަށްތޯ ސުވާލުކޮށް، ފަރުހާދު ބޭނުންކަމެއް މިއަދު ފުލުހުންގެ މުއައްސަސާގައި ކުރެވޭނެ ކަމަށް ބުނުފައިވޭ
ފުލުހުންގެ ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ސޮފްޓްވެއާ މެނޭޖަރުން ލައްވައި ޓޯޔާޑުން ސައިކަލު ދޫކޮށްލާނެތޯ ވެސް ފަރުހާދު، ޗީފް އިންސްޕެކްޓަރު ކައިރީ އަހާފައިވޭ
އޭގެ ފަހުން ސޮފްޓްވެއާ ޑިޕާޓްމަންޓް ދެ އޮފިސަރަކު ގުޅައި ސައިކަލުގެ މައުލޫމާތު ހޯދައި ސައިކަލު ހިފަހައްޓާފައި ހުންނަން ޖެހޭ 15 ދުވަހުގެ މުއްދަތުގެކުރިން ސައިކަލު ޓޯޔާޑުން ނެރެފައިވޭ
މީގެ އިތުރުން، ރޭޕްގެ މައްސަލައާ ގުޅޭ ގޮތުން ސިޓީގައިވަނީ:
ރޭޕްކޮށް އެ އަމަލު ހިންގި ތަނުގެ ފޮޓޯ ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލާގައި ފުލުހުން ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި
ނަމަވެސް ދައުވާކުރުމަށް ބޭނުންވާ ހެކި ނައްތާލާފައިވާކަން ފާހަގަކޮށް ޕީޖީ އޮފީހުން ފުލުހަށް ސިޓީއެއް ފޮނުވި
ފުލުހަށް ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ހެކި ނައްތާލަން ފަރުހާދު ބައިވެރިވުން އޮތް މިންވަރު ބަޔާންކޮށްފައިވޭ
މި ތުހުމަތުތަކާ ގުޅޭ ގޮތުން ފަރުހާދު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ - މީގެ ކުރިން ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމި ނިންމުމެއްގައި ފަރުހާދު ވެސް ހިމެނެ އެވެ.
އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ފަރުހާދު ޕްރޮމޯޓްކުރަން ނިންމީ މިދިޔަ އަހަރުގަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރަނީ ޕޮލިސް ބޯޑުގެ ނިންމުމުގެ މައްސަލަ މައްސަލަ ކޯޓުގައި އޮއްވަ އެވެ.
ހައި ކޯޓުގެ މަރުހަލާގައި އޭރު އޮތް މައްސަލަ ކޯޓުން މިހާރު ވަނީ ބޭރުކޮށްލައިފަ އެވެ. ކޯޓުން ވެސް އެފަދަ ނިންމުމަކަށް އައީ، ޕޮލިސް ބޯޑުން ވަކިކުރަން ނިންމި ބައެއް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމުން ދައުލަތުން އެ ކަމުގައި ޝަރީއަތުގެ މަރުހަލާ ނަހަމަ ގޮތުގައި ބޭނުންކޮށް ތަފާތުކުރުން ގެންގުޅެފައި އޮތުމުންނެވެ.
ދަރިފުޅު ސަލާމަތްކުރަން ހެކި ނައްތާލުމާއި ސީރިއަސް ތުހުމަތުތަކެއް ފަރުހާދު ފިކުރީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ