ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ހަފްތާގައި އޮޑި ސްޕޯޓްސް ކްލަބް އަތުން 1-0 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލިބުނު މޮޅަކީ ކުރިއަށް ދިއުމަށް ލިބުނު މުހިންމު ޕޮއިންޓްތަކެއް ކަމަށް މާޒިޔާގެ ކޯޗު، ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
ވާދަވެރިކޮށް ފެނިގެންދިޔަ މެޗުން، މާޒިޔާ އިން އޮޑި ބަލިކުރީ އިތުރު ވަގުތުގެ ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުންނެވެ.
"ވަރަށް ޕޮޒިޓިވް ފީލިން (އިހުސާސެއް އޮތީ) އެއް އޮތީ. އަހަރެމެން ވަރަށް އުނދަގޫ މެޗަކުން މި މޮޅުވީ. ހަގީގަތަށް ބުނަންޏާ އަހަރެމެން ފުރަތަމަ ހާފުގައި ވެސް ދެ ވަަަނަ ހާފުގައި ވެސް ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިން. ކޮންމެ ވެސް ވަރަކަށް ގޯލު ޖަހާނެ ފުރުސަތު ހޯދުނު. އެހާ ގިނައިން ނުލިބުނު ކަމުގައި ވިޔަސް މެޗުން މޮޅުވެވޭހާ ފުރުސަތު ހޯދުނު. ގޯލު ޖެހުނު ވަގުތަށް ވުރެން ކުރިން ވެސް ގޯލު ޖެހޭނެ ފުރުސަތު ލިބިގެންދިޔަ،" އޮޑި މެޗަށް ފަހު މާޒިޔާގެ ކޯޗު ހެނާންޑޭޒް ބުންޏެވެ.
"މިއީ، އަހަރެމެން ވާދަކުރަން ބޭނުންވާ ގޮތަކީ، 90 މިިނިޓާ ހަމައަށް ވެސް، އޭގެ ފަހުން މި ދޭ އިތުރު ވަގުތުގައި ވެސް، އޮޑިން ވަރަށް ރަނގަޅަށް ކުޅެފި، ގޯލު ޖަހާނެ މާ ހުސް ފުރުސަތުތަކެއް ނުލިބުނަސް ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފި،"
ހެނާންޑޭޒް ބުނީ، އޮޑި މެޗުގައި، އެންމެ ކަންބޮޑުވި ކަމަކީ، ކުޅެން ލިބުނު ވަގުތަށް ވުރެން ގިނައިން އެކި ސަބަބުތަކާ ހުރެ މެޗު ހުއްޓާފައި އޮތް ވަގުތު ގިނަވުން ކަމަށެެެވެ. އެހެންވެ، މެޗުގެ އަސްލު ލެވަލްގައި ކުޅުމަށް ދަތިތަކެއް ކުރިމަތިވިކަން ހެނާންޑޭޒް ފާހަގަކުރި އެެވެ.
ލީގުގެ ގަދަ ތިނެއްގައި އޮތް ޓީމުތަކުގެ ތެރެއިން މި ހަފްތާގައި މޮޅުވީ މާޒިޔާ އެވެ. އެއް ވަނައިގައި މާޒިޔާ އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ގައުމީ ޓީމުން އޭޝިއަން ކަޕްގައި ކުޅޭ މެޗަށް ލީގު މެދުކަނޑާލާއިރު، މާޒިޔާ، އެއް ވަނައިގައި އޮތީ ހަތް މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮޑި އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ.
"ވަރަށް އުފަލުން މި ތިބީ، ލީގުގެ އެއް ވަނައިގައި ތިބެވޭތީ. ރަނގަޅު ޓީމެއް ބަލިކޮށްފައި. އަދިވެސް މަސައްކަތްތައް ކުރުން އޮތީ. ކޮންމެ ފަހަރަކު ބޭނުންވާ އެންމެ ރަނގަޅަށް ނުކުޅެނަސް ނަތީޖާ ނެރެވޭނަމަ ހިތްހަމަޖެހެންޖެހޭ ފަހަރުތަކެއް އަންނާނެ،" އެފްއޭއެމް ލީގު ކަޕާއި ޗެރިޓީ ޝީލްޑް މާޒިޔާ އަށް ހޯދައިދިން ހެނާންޑޭޒް ބުންޏެވެ.
ލީގުގައި މިރޭ ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅޭ މެޗަށް ފަހު، ލީގު މެދުކަނޑާލާނެ އެވެ. އަލުން ފަށާނީ، މި މަހު 22 ވަނަ ދުވަހު އެވެ.
އޮޑި އަތުން ލިބުނު މޮޅު މާޒިޔާ ކުރިއަށް ދިއުމަށް މުހިންމު އޮޑި އަތުން ލިބުނު މޮޅު މާޒިޔާ ކުރިއަށް ދިއުމަށް މުހިންމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ