ފެނުމަތިން "އުދުހޭ" ފެރީ ބޯޓުތަކެއް ރާއްޖެ ގެންނަނީ
ސްވިޑަންގެ އުފެއްދުމެއް ކަމަށްވާ 'ބެޓްރީ ޕަވާޑް ފްލޯޓިން ފެރީ ކެންޑެލާ-12' ރާއްޖެއަށް ގެންނަން އުޅޭ ކަމަށް ކެންޑެލާ ކުންފުނިން އިއުލާންކޮށްފިއެވެ. އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ "އިލެކްޓްރިވް" ވެބްސައިޓުގައި އިއްޔެ ބުނީ ހައިޑްރޯ ފޮއިލިން އިލެކްޓްރިކް ފެރީ ބޯޓުތަކެއް ކަމުގައިވާ "ކެންޑެލާ ޕީ-12" މޮޑެލްގެ 10 ބޯޓަކަށް، ރާއްޖޭގެ ޓުއާ އޮޕަރޭޓަރު "އީގޯ ޝަޓުލް"އިން އޯޑަރު ދީފައިވާ ކަމަށެވެ. އެ ކުންފުނިން އަންނަ އަހަރުގައި މި ބޯޓުތައް ރާއްޖެ ގެންނާނެ ކަމަށް އިލެކްޓްރިވްއިން ބުންޏެވެ. ނުވަދިހަ ނުވަ އިންސައްތަ ކަނޑުން ވަށާލާފައި އޮންނަ ރާއްޖޭގެ ރަށްރަށަށް އެންމެ އެކަށޭނީ މިފަދަ އުފެއްދުމެއްގައި ދަތުރުކުރުން ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެއެވެ. ރާއްޖޭގައި މިހާތަނަށް ބޭނުންކުރާ ޑީސަލް ތެލުގައި ދުއްވާ ބޯޓުފަހަރުގެ ދޯނިތަކުން މޭލަކަށް ގާތްގަނޑަކަށް ފަސް ލީޓަރު ނުވަތަ 1.3 ގެލަން ތެޔޮ އަންދާކަމަށް އިލެކްޓްރިވްއިން ބުންޏެވެ. އީގޯ ޝަޓުލްއިން މި އުޅަނދު އޮޕަރޭޓްކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދުރު ސަރަހައްދުތަކުގައި އޮންނަ ރިޒޯޓްތަކާ ދެމެދުގައި ކަމަށް އިލެކްޓްރިވްއިން ބުނެފައިވެއެވެ. އެ ވެބްސައިޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި މިއީ ރާއްޖޭގެ ކަނޑުގައި އިލެކްޓްރިކް އުޅަނދެއް ބޭނުންކުރާނެ ފުރަތަމަ ފަހަރެވެ. އަދި ދުނިޔޭގައި ހައިޑްރޯފޮއިލް އިލެކްޓްރިކް ފްލީޓްގެ ތެރެއިން އެންމެ ބޮޑު ފްލީޓް ރާއްޖޭގައި އޮޕަރޭޓްކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. އެ އުޅަނދުތައް އޮޕަރޭޓްކުރުމުގެ އެންމެހާ ކަންކަން ބަލަހައްޓާނީ ދިވެހިން ކަމަށް އިލެކްޓްރިވްއިން ބުނެފައިވެއެވެ. އަދި ލޮޖިސްޓިކްސް ހަބެއް ގާއިމުކޮށް، ދިވެހި މަސައްކަތްތެރިންނަށް މި ބޯޓު އޮޕަރޭޓުކުރުމަށް "ގްރީން ޖޮބް ތަމްރީނު" ލިބޭނެ ކަމަށް ވެސް އިލެކްޓްރިވްއިން ބުނެފައިވެއެވެ. ތިރީސް ފަސިންޖަރުންގެ ޖާގަ ހުންނަ "ޕީ-ޓުވެލް"އަކީ 11.99 މީޓަރު ދިގު، 378 ކިލޯވޯޓުގެ ބެޓަރީއަކުން އޮޕަރޭޓްކުރާ ބޯޓެކެވެ. އޭސީ ހަރުކޮށްފައި ހުރުމުގެ އިތުރުން މި ބޯޓުގައި ވައިފައި، އެންޓަޓެއިންމެންޓް ސްކްރީން އަދި އިލެކްޓްރޯނިކް ޑިވައިސްތައް ޗާޖުކުރެވޭނެ އިންތިޒާމް ފަހިކޮށްފައިވެއެވެ. ކޮމްޕިއުޓަރުން ކޮންޓްރޯލްކުރާ ދެ ހައިޑްރޯފޮއިލްގައި ފެންގަނޑުގެ 1.5 މީޓަރު ނުވަތަ ފަސް ފޫޓު މަތީގައި ދުއްވުމުން، ޑީސަލް ދޯނިތަކާ އަޅާބަލާއިރު ހަކަތަ ބޭނުންކުރާ މިންވަރު 80 އިންސައްތައަށް ކުޑަވެގެންދާ ކަމަށް އިލެކްޓްރިވްއިން ބުންޏެވެ. އަދި މި ބޯޓު ފަރުމާކޮށްފައިވާ ގޮތުން ރާއްޖެއަށް ދަތުރުކުރާ ކަނޑަށް ބަލި ފަތުރުވެރިންނަށް ދިމާވާ ދަތިތައް މެދުވެރިނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ހަމައެއާއެކު ގަޑިއަކު 46 ކިލޯމީޓަރު ބާރަށް ދުއްވޭ އެ ބޯޓުތަކަކީ އާދައިގެ ސްޕީޑު ބޯޓުތަކަށްވުރެ ބާރަށް ދުވާ އަދި ގުޑުން ވެސް ކުޑަ ބޯޓުތަކެއް ކަމަށް އިލެކްޓްރިވްއިން ބުންޏެވެ. ޑީސަލް ތެލަށް ބަރޯސާ ނުވާ ތިމާވެށްޓާ ރައްޓެހި ކަނޑުބޯޓުތައް ފަރުމާ ކުރާ ކެންޑޯލާއަކީ 10 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ. މި ކުންފުނީގެ ބޯޓުތައް ތައިލޭންޑުން ފެށިގެން ނިއުޒިލޭންޑާ ދޭތެރޭގައިވާ ހުރިހާ ގައުމުތަކެއްގައި ބޭނުންކޮށް އުޅެއެވެ. އަދި އެހެނިހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ