ރިޔާޒާއި ވަހީދު ވަކިކުރުމުގެ ފަހަތުގައި ތިބި މީހުންގެ ފަސްފަހަތް ހޯދައި އާންމުކުރަންޖެހޭ: މާނިއު
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މަހްމޫދު ރިޔާޒާއި އަބްދުالله ވަހީދު ވަކިކުރުމުގެ ފަހަތުގައި ތިބި މީހުންނަކީ ކޮބައިކަން ދެނެގަނެ، އެ މީހުންގެ ފަސްފަހަތް ބަލައި، އެ މީހުންނާ ގުޅޭ ލިޔެކިއުންތައް އާންމުކުރަންޖެހޭ ކަމަށް، ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހު ވަހީދާއި ރިޔާޒު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، ވަގު ސިނގިރޭޓުތަކެއް ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިން ލަފަޔާ އެއްގޮތަށެވެ. ނަމަވެސް ރިޔާޒާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން، ކޮމިޓީން އިތުރަށް ދިރާސާކޮށް މިދިޔަ ބުރާސްފަތި ދުވަހު ނިންމީ ރިޔާޒުގެ ވަޒީފާ އިއާދަކުރުމަށެވެ. އަދި ކޮމިޓީގެ ނިންމުމާ އެއްގޮތަށް ރިޔާޒުގެ ވަޒީފާ ވަނީ އިއާދަކޮށްފައެވެ. https://sun.mv/213646 'އެކްސް'ގައި މާނިއު ވިދާޅުވީ އޭނާ މަގާމާ ހަވާލުވިއިރު ކަސްޓަމްސްއިން ގާނޫނު ތަންފީޒުނުކުރެވޭ ކަމަށާއި، ނަމަވެސް ޑެޕިއުޓީ ކޮމިޝަނަރު ވަހީދުގެ އެހީތެރިކަމާއެކު އޭރުގެ ހާލަތު ބަދަލުކޮށްފައިވާ ކަމަށެވެ. ކަސްޓަމްސްގެ ކޮމިޝަނަރުގެ މަގާމުގައި ހުއްޓާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކުރި ސަބަބަކީ ސިޔާސީ ވެރިންގެ ފަރާތުން އެއްވެސް އޯޑަރެއް ނުނަގާތީ ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުންގެ ފަސްފަހަތާއި މުހިންމު މައުލޫމާތު އެނގޭތީކަމަށް، ކުރިން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަންވެސް ކުރެއްވި މާނިއު ވިދާޅުވިއެވެ. https://x.com/yoosufmaaniu/status/1987411241212764258 "ބައެއް ވަރުގަދަ ސިޔާސީވެރިން ރައީސް އޮފީހާއި މަޖިލިސް މެދުވެރިކޮށް ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުމަށް މަސައްކަތްކޮށްފައިވޭ، ގާނޫނުގައިވާ ގޮތުން ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލަށް އަމުރުކުރެވޭނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް، ގިނަ ސިޔާސީވެރިން ނާޖާއިޒު ފައިދާ ނަގަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވަޒީރުން ވާ ވައްދައިގެން،" މާނިއު ވިދާޅުވިއެވެ. ވަހީދާ ގުޅޭގޮތުން މާނިއު ވިދާޅުވީ، ވަހީދަކީ ވިޔަފާރީގެ އެކި ކަންކަމާ ގުޅޭ މާހިރެއް ކަމަށާއި، ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ކަންކަން އޮމާންކޮށް ކުރިއަށް ގެންދިއުމަށް ޓަކައި ވިޔަފާރިތަކަށް އެހީތެރިކަންދިނުމަކީ ކަސްޓަމްސްގެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އޭނާ ވިިދާޅުވި ގޮތުގައި ވިޔަފާރިތަކަށް ކަސްޓަމުން އެހީތެރިކަންދީ ވިޔަފާރިތަކާ ގުޅުން ބާއްވަން ޖެހެއެވެ. https://sun.mv/213403 ރިޔާޒާ ގުޅޭގޮތުން މާނިއު ވިދާޅުވީ، ރިޔާޒަކީ ޓެކްނޮލޮޖީއަށް އަހުލުވެރި ބޭފުޅެއް ކަމަށާއި، އެގޮތުން ސިޓީތަކާއި މުހިންމު ލިޔެކިއުންތަކުގައި އޭނާ ސޮއިކުރައްވަނީ ދެތިން ފަހަރު ކިޔުއްވުމަށް ފަހު ކަމަށެވެ. އަދި ރިޔާޒަކީ ހަލާލު ނޫން ގޮތުގައި ލިބޭ ފައިސާގައި އަތްނުލާނެ ކަމުގެ ޔަގީންކަން މާނިއު ދެއްވިއެވެ. "މި ދެ އޮފިސަރުން (ރިޔާޒާއި ވަހީދު) ވަކިކުރުމުގެ ފަހަތުގައި ތިބި މީހުންގެ މައްސަލަތައް ބަލައި ފަސްފަހަތް ބެލުމަށްފަހު އެ ފަރާތްތަކާ ގުޅޭ ލިޔެކިއުންތައް އާންމުކުރަން ވާނެ، އޭރުން މަސްލަހަތު ފުށޫއަރާ އެތައް ކަމެއް ހާމަވެގެން ދާނެ،" މާނިއު ވިދާޅުވިއެވެ. ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި ވަކިކުރުމަށް ފަހު އެ ނިންމުން ބަދަލުކޮށް ވަޒީފާ އިއާދަކޮށްދިން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒު އަވަސް އަރުވާލައިގެން ވަކިކުރަން ނިންމުމުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. https://sun.mv/213656 ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި, ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް, މި މައްސަލައިގައި ވަކިކުރި ރިޔާޒު، ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ވިދާޅުވެފައިވެއެވެ. އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށް، އެ ދުވަހު އޭނާ ވިދާޅުވިއެވެ. އަދި އޭނާގެ ނަޒާހާތްތެރިކަމަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގެން، ކުރިއަށް އޮތްތަނުގައި ވެސް އޭނާ ހުންނަވާނީ ހިފަހައްޓަވާ ރަނގަޅު އުސޫލުތަކުގައި ކަމަށް ރިޔާޒުގެ މެސެޖުގައިވެއެވެ. ރިޔާޒު ވަކިކުރި މައްސަލައިގައި ކަސްޓަމްސްގެ ގިނަ މުވައްޒަފުންތަކެެއް ވެސް އޭނާގެ ދިފާއުގައި ވާހަކަދައްކައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ