މަދު ކުންފުނިތަކަކަށް ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ މައްސަލަ ބަލާކަމެއް އޭސީސީން ނުބުނި މަދު ކުންފުނިތަކަކަށް ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ މައްސަލަ ބަލާކަމެއް އޭސީސީން ނުބުނި

ބީލަމަށް ނުލައި ޕްރައިވެޓް ކުންފުނިތަކަށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ މައްސަލަ ބަލަމުންދާކަން ސާފުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެކޮޅު ހަދައިފި އެވެ.
ޕްރައިވެޓް 53 ކުންފުންޏަކަށް ބަހާލި 206 މަޝްރޫއުގެ މައްސަލަ އޭސީސީން އަމިއްލައަށް އިސްނަގައިގެން ނުވަތަ އަމިއްލަ ފަރާތަކުން ހުށަހަޅައިގެން ވިޔަސް ބަލަމުންދާތޯ އަދަދު އިން ސުވާލުކުރުމުން މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ޖަވާބެއް ނުދެ އެވެ.
ސަރުކާރުން ބަހާލި މަޝްރޫއުތަކުގެ ތެރެއިން 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރީ ޕީއެންސީއަށް ނިސްބަތްވާ ފަސް މަޖިލިސް މެންބަރެއްގެ ކުންފުންޏަށެވެ. އެއީ ޖުމުލަ 15 މަޝްރޫއެކެވެ.
ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއަކަށް 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާއިން ސޮއިކުރި 52 މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުހުންގެ މަރުކަޒުތައް ހެދުމަށް ހަވާލުކުރި 39 މަޝްރޫއުގެ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.
ބީލަމަށް ނުލައި ޕްރޮޖެކްޓުތައް ހަވާލުކުރަން ފެށީ, އެމަގަށް ފަހިވާ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އޮކްޓޯބަރު 12، 2025 ގައި ބަދަލު ކުރުމަށް ފަހު އެވެ.
ނަމަވެސް އޭގެ ކުރިން ވެސް ބައެއް މަޝްރޫއުތައް ބީލަމަށް ނުލައި ހަވާލުކޮށްފަިއވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫއު އަކީ 55 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް، އާރުސީސީއާ ހަވާލުކުރި މަޝްރޫއު އެވެ.
މި މަޝްރޫއުތައް ހަވާލުކުރަނީ ކޮންޓްރެކްޓަ ފައިނޭންސްގެ ނަމުގަ އެވެ. ނަމަވެސް ބޭނުންވާ ބަޔަކަށް ޕްރޮޖެކްޓުތައް ބަހާލީ ސަރުކާރު މެދުވެރިވެގެން އެ ކުންފުނިތަކަށް ބީއެމްއެލްއިން ލޯނު ދޫކުރާ ގޮތަށް ހަމަޖެއްސުމަށް ފަހު އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އިއްޔެ ބަހާލި 206 ޕްރޮޖެކްޓަށް ބީއެމްއެލްއިން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓަކީ ނުވަ ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ