ބަޖެޓުގައި އާމްދަނީ އިތުރުކުރާނެ ސިޔާސަތެއް، ޚަރަދު ކުޑަކުރާނެ ތަފްސީލެއް ނެތް: އޮޑިޓް އޮފީސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގައި އާމްދަނީ އިތުރުކުރާނެ ގޮތުގެ ސިޔާސަތެއް ކަނޑައަޅާފައި ނެތް ކަމަށާއި، މާލީ ޚަރަދު ކުޑަކުރާނެ ތަފްސީލުވެސް ހިމަނާފައި ނެތް ކަމަށް، އޮޑިޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ. ސަރުކާރުން ހުށަހެޅި ބަޖެޓަށް ލަފާހޯދަން ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހާޒިރުކުރުމުން އޮޑިޓަރު ޖެނެރަލް އޮފީހުގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝާން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ދައުލަތަށް 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކޮށްފައިވަނީ ރަނގަޅު އަންދާޒާއެއް ކަމަށެވެ. ނަމަވެސް އާމްދަނީ އިތުރުކުރާނެ ސިޔާސަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ދިރާސާކުރިއިރު އަޅުގަނޑުމެންނަށް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވުނީ އާމްދަނީ އިތުރުކުރާނެ ސިޔާސަތުތަކެއް ބަޖެޓުގައި ހުށަހަޅާފައި ނެތްކަން، މިގޮތުން ފާއިތުވެދިޔަ އަހަރުތަކަށް ބަލާއިރު ފާއިތުވެދިޔަ އަހަރުތަކުގެ ފިސްކަލް ސްޓްރެޓަޖީއާއި ރެވެނިއު ސްޓްރެޓަޖީ އޮތް ގޮތުން ދައުލަތުގެ 24، 25ގެ ބަޖެޓުގަވެސް އެބަހުރި އާމްދަނީ އިތުރުކުރަން ބައެއް ކަންކަން ހިމަނައިފައި. އެކަމަކު 2026ގެ ބަޖެޓަށް އައިއިރު އާމްދަނީ އިތުރުކުރާނެ ގޮތެއް ހުށަހަޅާފައި، ނުއެއް ނެތް،" ޝާން ވިދާޅުވިއެވެ. ޝާން ވިދާޅުވީ ޓެކްސް އިތުރުކުރާނެ ގޮތްތައް މީގެ ކުރީގެ ބަޖެޓުތަކުގައި ފާހަގަކޮށްފައިވާ ކަމަށާއި، އެގޮތުން ޑެސްޓިނޭޝަން ޕްރިންސިޕަލް ގެނެސްގެން ޓެކްސް އިތުރުކުރަން ރާވާފައިވާ ރޭވުން 2027ގެ ކުރިން ތަންފީޒުކުރުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނި ކަމަށެވެ. "މިކަންތައް މިހެން އޮތް ކަމުގައިވިޔަސް އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވޭ، ބަޖެޓު ފާސްވެގެން ދާއިރުގައި ދައުލަތުގެ ޚަރަދުތައް އަހަރުން އަހަރަށް އިތުރުވަމުންދާ ދިއުމާއި ދަރަނީގެ ސަސްޓެއިނަބިލިޓީ އަދި ޑެޓް ޑިސްޓްރެސް އިތުރުވަމުންދާތީއާ ވެސް އެކީގައި، ބަޖެޓު ތަންފީޒުކުރުން ނޫނީ ބަޖެޓު އެޕްރޫވްވެގެން ދާއިރުގަވެސް އާމްދަނީ އިތުރުކުރުން ނުވަތަ ބޮޑުކުރާނެ ގޮތްތަކެއް ރޭވިފައި ހުރުމުގެ މުހިންމުކަން،" އޭނާ ވިދާޅުވިއެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ އަހަރުން އަހަރަށް އިތުރުވަމުންދާ ކަން ފާހަގަކުރައްވައި ޝާން ވިދާޅުވިގޮތުގައި، ޓެކްސް އިދާރާ މީރާއަށް 16 ބިލިއަން ރުފިޔާ، އަދި ކަސްޓަމްސްއަށް ދުންފަތުގެ އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާގެ އެކި މައްސަލަތަކުގައި 606 މިލިއަން ރުފިޔާ ލިބެންޖެހޭކަން އޮޑިޓަރު ޖެނެރަލްގެ އޮފީހަށް ފާހަގަވެފައިވެއެވެ. ހަމަ އެހެންމެ ޓެކްސް ދައްކާ ފަރާތްތަކަށް ގާނޫނުތަކަށް ތަބާނުވާތީ ދައުލަތުގެ ކޭޝްފްލޯއަށް އަސަރުކުރާކަން ފާހަގަކުރައްވައި ޝާން ވިދާޅުވީ، ޓެކްސް ދައްކާ ފަރާތްތަކުން ގާނޫނުތަކާ ޚިލާފުވާން ދިމާވާ ސަބަބުތައް ދެނެގަނެ، ގާނޫނު އިސްލާހުކޮށް، ގާނޫނު ތަންފީޒުކުރުމުގެ ބާރު އިދާރާތަކަށް ދިނުން މުހިންމު ކަމަށެވެ. އަހަރުން އަހަރަށް ސަރުކާރުން ކުރާ ޚަރަދުތައް އިތުރުވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށާއި، ޚަރަދުކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާކަން ޝާން ފާހަގަކުރެއްވިއެވެ. "2026ވަނަ އަހަރަށް ބަލާއިރުގައި ޚަރަދުކުޑަކުރަން ރާވާފައި ހުރި ޕްލޭންތައް ނުވަތަ ކޮންސޮލިޑޭޝަން މެޝާސްތައް ތަފްސީލުކޮށް ބަޖެޓު ފޮތުގަ ހިމަނާފައި ނުއެއް ނެތް،" އޭނާ ވިދާޅުވިއެވެ. ސިއްހީ ޚިދުމަތްތަކަށް ޑަބަލް އިންޝުއަރެންސާއި ބައެއް ފަރާތްތަކަށް ޑަބަލް ޕެންޝަން އަދިވެސް ދެމުން އަންނަ ކަމާއި، ޕޭ ހާމަނައިޒޭޝަނަށް ފަހު މުސާރައަށް ބަޖެޓުން ކުރާ ޚަރަދުތައް ބޮޑުވެފައިވާ ކަން ފާހަގަކުރައްވައި، މަގާމުތަކުގެ އެފިޝެންސީ އިތުރުކޮށް މުވައްޒަފުންގެ އަދަދު އިތުރުނުވާނެހެން ހިފެހެއްޓުން މުހިންމުކަމަށް ވެސް ޝާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު ވެސް ދައުލަތަށް އެސްއޯއީތަކުން 7.1 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށާއި، އެސްއޯއީތައް ރަނގަޅަށް ނުހިންގޭނަމަ ޚަރަދުތައް ބަޖެޓުގައިވާ ވަރަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާ ނިސްބަތަށްވުރެ ދަރަންޏަށް ދައްކަން ޖެހޭ އަދަދު އިތުރުވަމުން އަންނާތީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވެފައިވާ ކަމަށާއި، މި ދަނޑިވަޅުގައި ބޭރުގެ މާކެޓުތަކުން ލޯނު ހޯދަން ދަތިވާނެކަން ފާހަގަކުރައްވައި ޝާން ވިދާޅުވީ ދައުލަތުގެ އިންޓްރެސްޓް ޚަރަދާއި ޑެފިސިޓް ކުޑަކުރުމަށް ރިސްކް ކުޑަކުރުމުގެ މެކޭނިޒަމެއް އެކުލަވާލުން މުހިންމު ކަމަށެވެ. މިއަހަރާއި އަންނަ އަހަރުގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކުގެ އަދަދުތައް ނެތުމުން ކަންބޮޑުވުން ފާޅުކުރައްވައި ޝާން ވިދާޅުވީ ވަކިވަކި މަޝްރޫއުތަކުން އާމްދަނީ ޖެނެރޭޓްކުރެވޭ ވަރު އެނގި ކޭޝްފްލޯ ރަނގަޅުކުރެވޭނީ މަޝްރޫއުތަކުގެ ވަކިވަކި އަދަދު އެނގިގެން ކަމަށެވެ. ދައުލަތުން އަދިވެސް އެކި ކުންފުނިތަކަށާއި ފަރާތްތަކަށް 5.1 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ