ބަޖެޓު 2026: ސްޓޫޑެންޓު ލޯނު ދޫކުރަން 776 މިލިއަން ރުފިޔާ ހިމަނައިފި ބަޖެޓު 2026: ސްޓޫޑެންޓު ލޯނު ދޫކުރަން 776 މިލިއަން ރުފިޔާ ހިމަނައިފި

ރާއްޖެ އާއި ބޭރުގެ ގައުމުތަކުން މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ސްޓޫޑެންޓު ލޯނު ދޫކުރަން އަންނަ އަހަރުގެ ބަޖެޓުގައި 776.6 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
މިއީ އަންނަ އަހަރު އަލަށް ދޫކުރާ ލޯނުތަކާއި މިހާރު ލޯނުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ޖުމްލަ ހޭދަވާނެ ކަމަށް ސަރުކާރުން ލަފާކުރާ އަދަދެވެ. މި އަހަރު ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކުރަން ބަޖެޓުގައި ޖެހީ 768 މިލިއަން ރުފިޔާ އެވެ. އޮކްޓޯބަރު ފަހު ހަފުތާއާ ހަމައަށް ދޫކުރީ 453 މިލިއަނެވެ.
ސަރުކާރުން ބަޖެޓުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު އަލަށް ދޫކުރާ 500 ލޯނާއެކު، ސްޓޫޑެންޓު ލޯނުގެ ދަށުން ފައިސާ ދޭން ޖެހޭ ދަރިވަރުންގެ އަދަދު 3،258 އަށް އަރާނެ އެވެ. މި އަހަރާއި ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން 500 ލޯނުގެ ފުރުސަތު ހުޅުވާލި ނަމަވެސް ކޮންމެ އަހަރަކު ވެސް ޝަރުތު ހަމަވި އެންމެނަށް ލޯނު ދޭން ނިންމި އެވެ.
އެގޮތުން މި އަހަރު 806 ދަރިވަރުންނަށް، އަދި މިދިޔަ އަހަރު 1،153 ދަރިވަރުންނަށް ލޯނު ދޭން ސަރުކާރުން ނިންމި އެވެ.
ލޯނުގެ އިތުރުން އަންނަ އަހަރު ތަމްރީނުތަކާއި ސްކޮލަޝިޕްތައް އަދި ހިލޭ ޑިގްރީގެ ހަރަދުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި 619.9 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މިއީ މި އަހަރު އެކަމަށް ކުރި ހަރަދަށް ވުރެ 29.4 ޕަސެންޓު އިތުރު އަދަދެކެވެ.
މީގެ ތެރޭގައި ހިމެނެނީ ހައި އެޗީވާސް ސްކޮލަޝިޕާއި އެހެން ސްކޮލަޝިޕުތައް އަދި މި އަހަރު ފެށި މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުތަކަށް ދާނެ ހަރަދެވެ. ހަރަދު އިތުރުވާ ސަބަބެއް ގޮތުގައި ސަރުކާރުން ބުނެފައި ވަނީ ސްކޮލަޝިޕްތައް ލިބޭ ދަރިވަރުންގެ އަދަދު އަހަރަކުން އަހަރަކަށް އިތުރުވުމެވެ.
އެ ގޮތުން އަންނަ އަހަރު އެކަނި ވެސް 239 ދަރިވަރަކަށް އަލަށް ސްކޮލަޝިޕް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މިއާއެކު ދައުލަތުގެ ބަޖެޓުން 881 ދަރިވަރެއްގެ ސްކޮލަޝިޕަށް އަންނަ އަހަރު ހަރަދުކުރާނެ އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަހު ހިލޭ ޑިގްރީގެ ދަށުން ދޫކުރީ 85 މިލިއަން ރުފިޔާ އެވެ. މި އަދަދާއެކު، އެ ޕްރޮގްރާމު ފެށުނު ފަހުން އެކި ދާއިރާތަކުން ޑިގްރީ އާއި ހަމައަށް ކިޔެވުމަށް ލަ 235 މިލިއަން ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވެ އެވެ.
މި ސްކީމުގެ ދަށުން ކިޔެވި 2،068 ދަރިވަރުން ފުރަތަމަ ޑިގްރީ ނިންމާފައިވާ ކަމަށާއި މިހާރު ޑިގްރީއާ ހަމައަށް ސަރުކާރުގެ އެހީގައި ކިޔަވަމުންދަނީ 8،086 ދަރިވަރުން ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ