ޖުނައިދު އާއި ސައިގެ ފިލްމުގެ ޓައިޓްލް ބަދަލުކޮށް ސިނަމާތަކަށް ގެންނަ ތާރީޚު ބަދަލުކޮށްފި
ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ތިން ވަނަ ފިލްމުގެ ޓައިޓްލް ބަދަލުކޮށް ފިލްމު ސިނަމާތަކަށް ގެންނަ އާ ތާރީޚު އިއުލާނުކޮށްފިއެވެ. ޝޫޓިންގް ވެސް ނިމި ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމު އިއުލާނުކުރިއިރު ފިލްމަށް ދީފައިވާ ނަމަކީ "އޭކް ދިން"އެވެ. އޭރު ފިލްމު ސިނަމާތަކަށް ގެންނާނެކަމަށް އިއުލާނުކޮށްފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެކްޓަރު އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމު "އިއްކީސް" އެ ތާރީޚުގައި ރިލީޒްކުރާތީ ފިލްމު މިހާރު ރިލީޒްކުރަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ފިލްމު ރިލީޒްކުރާ ތާރީޚަށް ބަދަލު ގެނެސްފައިވާއިރު ފިލްމުގެ އާ ނަމަކީ "މެރޭ ރާހޯ"އެވެ. ފިލްމު "ލަވްޔާޕާ"ގެ މަންޒަރެއްގައި ޖުނައިދު އާއި ޚުޝީ--ފޮޓޯ/ހިންދުންސްތާންޓައިމްސް އާމިރު ޕްރޮޑިއުސްކޮށް ސުނިލް ޕާންޑޭ ޑައިރެކްޓްކުރާ މި ފިލްމަކީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ސައުތު ސިނަމާގެ މަގުބޫލު ބަތަލާ ސައި ޕައްލަވީ މުހިއްމު ރޯލްއިން ފެންނާނެ މި ފިލްމުގެ ވަރަށް ބޮޑު ބައެއްގެ ޝޫޓިންގް ކުރިއަށް ގެންގޮސްފައި ވަނީ ޖަޕާންގައެވެ. ޔަޝްރާޖް ފިލްމްސްއިން ގެނެސްދިން "މަހާރާޖް"އިން ބޮލީވުޑްގެ ދަތުރު ފެށި ޖުނައިދު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ ފިލްމު "ލަވްޔާޕާ"އިންނެވެ. އާމިރު ޕްރޮޑިއުސަކޮށް ބަތަލާގެ ރޯލްއިން ޚުޝީ ކަޕޫރު ފެނުނު އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ތަރުހީބު ހީކުރި ވަރަށް ވުރެވެސް ކުޑައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ