ސިނގިރޭޓް ވަގަށް ނެގުމުގައި ކަސްޓަމްސް މީހަކު ބައިވެެރިވިކަން އެނގިއްޖެނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ކަސްޓަމްސްގެ އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށްށް ހާމަވެއްޖެނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މިރޭ ބުނީ މި މައްސަލާގައި ކަސްޓަމްސްގެ އޮފިސަރެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި ބުނީ މި މައްސަލާގައި އެ މުއައްސަސާގެ އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ހާމަވެއްޖެނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި ފުލުހުން ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމަށާ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.
ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅިގެން ފުލުހުން މިރޭ ވަނީ އެ އިދާރާ އިން ހިންގާ ތަހުގީގުގެ އަދާހަމަ ހާމަކޮށްފަ އެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ބައެއް އުޅަނދުތަކާއި ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެކަން ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ މިރެ އެވެ. އެއީ;
* ދެ ވިޔަފާރިވެރީން
* ކަސްޓަމްގެ އިސް މުވައްޒިފެއް
* އަދި އިތުރު މީހެއް
އިތުބާރު ހުރި މަސްދަރުތަކުން ޔަގީން ކުރެވޭ ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ދެ ވިޔަފާރިވެރީންނަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ. އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވާކަން ފުލުހުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.
ދެން ހައްޔަރުކުރީ ހ. ނިއުހެޕިނަސް، މުއާޒު އަލީ އެވެ. އޭނާ އަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެކެވެ. މިހާރު ހުރީ މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގަ އެވެ.
މި މައްސަލައިގައި ހައްޔަރު ކުރުމުގެ ކުރީން އޭނާގެ މައްޗަށް މިފަދަ އިތުރު މައްސަލައެއްގައި އޮތީ ދައުވާކޮށްދޭން ވެސް އެދިފަ އެވެ. އެއީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކޮށްފައިވީނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައިނުވާތީ، ކަސްޓަމްސް އިން ބަލަމުންދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު ރިޝްވަތަށް އެދިފައިވާ މައްސަލަ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ