ހަކުރު ބަލީގެ އާ ވައްތަރެއްގެ ގޮތުގައި ޓައިޕް 5 ޑައިބެޓީ ބަލައިގެންފި ހަކުރު ބަލީގެ އާ ވައްތަރެއްގެ ގޮތުގައި ޓައިޕް 5 ޑައިބެޓީ ބަލައިގެންފި

ހަކުރު ބަލީގެ ވައްތަރުތަކުގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާ ވައްތަރުތަކުގެ އިތުރުން، އައު ވައްތަރެއްގެ ހަކުރު ބައްޔެއް، ސައެންސްވެރިން ރަސްމީކޮށް ބަލައިގަނެ އެބާވަތުގެ ހަކުރު ބައްޔަށް ނަމެއް ކިޔައިފިއެވެ.
އަލަށް މި ބަލައިގަތް ބާވަތުގެ ހަކުރު ބައްޔަށް މިހާރު ދީފައިވާ ނަމަކީ ޓައިޕް 5 ޑައިބެޓީސް އެވެ. މިހާތަނަށް އެއްކުރެވިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 20-25 މިލިއަން މީހުންނަށް މި ބާވަތުގެ ހަކުރު ބަލި ޖެހިފައިވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
މި ބާވަތުގެ ހަކުރު ބަލީގެ މީހުން އެންމެ ގިނައީ އޭޝިޔާ އާއި އެފްރިކާގެ ގައުމުތަކުގައެވެ. ޓައިޕް 5 ޑައިބެޓީސް އެންމެ ފުރަތަމަ ދެނެގަނެވުނީ މީގެ 70 އަހަރު ކުރިން ކަމަށް ވިޔަސް، މިއަދާ ހަމައަށް ވެސް މިއީ ހަކުރު ބަލީގެ މައިގަނޑު ވައްތަރުތަކުގެ ތެރެއިން ވައްތަރެއް ކަމަކަށް ސައެންސްވެރިން ގަބޫލެއް ނުކުރެއެވެ. އެހެންކަމުން، އެ ބާވަތުގެ ހަކުރު ބައްޔާ މެދު މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.
އާންމު ގޮތެއްގައި ބޭސްވެރިކަމުގެ ފޮތްތަކުގައި ބަޔާންކޮށްފައި އޮންނަނީ ހަކުރު ބަލީގެ ތިން ބާވަތެއް ހުންނަ ކަމަށެވެ. އެއީ ޓައިޕް 1 ޑައިބެޓީސް އާއި ޓައިޕް 2 ޑައިބެޓީސް އާއި ގެސްޓޭޝަނަލް ޑައިބެޓީސް އެވެ.
މީގެ ތެރެއިން ޓައިޕް 1ގެ ހަކުރު ބައްޔަކީ، ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަރާ އޮޅުމެއްގެ ސަބަބުން، ޗިސްމޭ (ޕެންކްރިއާސް) ގައި ހުންނަ އިންސުލީން އުފައްދާ ސެލްތަކަށް ހަމަލާދީ އެ ސެލްތައް މަރައިލުމުން ނުވަތަ ބަލިކަށިކޮށްލުމުން މެދުވެރިވާ ހާލަތެކެވެ. މިބާވަތުގެ ހަކުރު ބަލި ޖެހުމުން، ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ނުރައްކާތެރި މިންވަރަކަށް އިތުރުވެގެންދެ އެވެ.
ހަކުރު ބަލީގެ އެންމެ އާންމު ވައްތަރު ކަމަށްވާ، ޓައިޕް 2 ގެ ހަކުރު ބައްޔަކީ، ހަށިގަނޑުގައި އެކަށީގެންވާ މިންވަރަށް އިންސުލިން އުފައްދައި ނުދިނުމުން، ނުވަތަ ހަށިގަނޑުގައި ހުންނަ އިންސުލިންއަށް ހަށިގަނޑު އެކަށޭނަ ގޮތެއްގައި އިޖާބަ ނުދިނުމުން މެދުވެރިވާ ހާލަތެކެވެ.
ހަކުރު ބަލީގެ ތިން ވަނަ ބާވަތަކީ ގެސްޓޭޝަނަލް ޑައިބެޓީސް އެވެ. މިއީ އަންހެނާ މާބަނޑުވުމުން ވަގުތީ ގޮތުން މެދުވެރިވާ ހާލަތެކެވެ. މި ހާލަތު މެދުވެރިވަނީ، ރަހިމުގައި އޮންނަ ދަރިފުޅާ އެކުގައި އުފެދިފައި އޮންނަ މަސް (ޕްލަސެންޓާ)ގެ ހޯމޯންތައް، މައިމީހާގެ ހަށިގަނޑުގައި ހުންނަ އިންސުލީންގެ މަސައްކަތަށް ހުރަސް އެޅުމުން ނުވަތަ އިންސުލިން އުފެއްދުމަށް ހުރަސް އެޅުމުންނެވެ. މި ހާލަތު މެދުވެރިވުމުން، މައިމީހާގެ ލޭގައި ހަކުރުގެ މިންވަރު ވަރަށް ބޮޑަށް މައްޗަށް ދާ ގޮތް މެދުވެރިވިޔަސް، ވިހައި ގަދަވުމުން، ހަކުރުގެ މައްސަލަ ހަމައަކަށް އެޅެއެވެ.
މި ތިން ބާވަތުގެ އިތުރުން ވެސް ހަކުރު ބަލީގެ ނާދިރު ބާވަތްތަކެއް އިންސާނާގެ ހަށިގަނޑުގައި އުފެދެއެވެ. މި ބާވަތުގެ ހަކުރު ބަލިތައް ޖެހެނީ އެމީހެއްގެ ހަށިގަނޑަށް އަންނަ ވިރާސީ ބަދަލުތަކެއްގެ ސަބަބުން ނުވަތަ ޖެހޭ ކޮންމެވެސް އެހެން ބައްޔަކާ ގުޅިގެންނެވެ.
ނަމަވެސް ސައެންސްވެރިން މިހާރު ބުނާ ގޮތުގައި އެ ހުރިހާ ބާވަތްތަކެއްގެ އިތުރުން، ހަކުރު ބަލީގެ މުޅިން ތަފާތު ބާވަތެއް ވެސް މިހާރު ވަނީ ފާހަގަކުރެވިފައެވެ. މި ބާވަތުގެ އެންމެ ތަފާތު ކަމެއް ކަމަށް ސައެންސްވެރިން ބުނަނީ، ހަކުރު ބަލީގެ އެހެން ބާވަތްތައް ޖެހުމަށް މެދުވެރިވާ ސަބަބުތަކާއި، މި ބާވަތުގެ ހަކުރު ބަލި ޖެހެން މެދުވެރިވާ ސަބަބު މުޅިން ތަފާތުވުމެވެ.
މި ބާވަތުގެ ހަކުރު ބައްޔަށް ސައެންސްވެރިން ދީފައިވާ ނަމަކީ ޓައިޕް 5 ޑައިބެޓީސް އެވެ. މި ނަން ދީފައިވަނީ، ހަކުރު ބަލީގެ މައިގަނޑު ދެ ބާވަތުގެ އިތުރުން، މަދުން ނަމަވެސް ފެންނަ ހަކުރު ބަލީގެ އެހެން ބާވަތްތައް ދިރާސާ ކުރަމުން ދާއިރު، އޭގެ ތެރެއިން ދެ ބާވަތަކަށް ޓައިޕް 3 އާއި ޓައިޕް 4 ގެ ނަން ދިނުމަށް ސައެންސްވެރިން ހުށަހަޅާފައިވާތީއެވެ.
ޓައިޕް 5 ގެ ހަކުރު ބަލި ފާހަގަކުރެވިފައިވަނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސުލިން އުފައްދައިނުދޭ ކަމަށެވެ. މިހެންވުމުން ހަކުރު ބަލީގެ އެހެން ބާވަތްތައް ފަދައިން، ލޭގައި ހަކުރުގެ މިންވަރު މަތިވެގެންދެއެވެ. އެހެން ނަމަވެސް، ޓައިޕް 5 ގެ ހަކުރު ބައްޔަކީ، ޓައިޕް 1ގެ ހަކުރު ބަލި ފަދައިން، އަމިއްލައަށް ދިފާއުވުމުގެ ގާބިލުކަން ލިބިފައިވާ ބާވަތެއް ނޫނެވެ. ހަމައެފަދައިން ޓައިޕް 2ގެ ހަކުރު ބަލި ފަދައިން، އިންސުލިންއަށް ނުގުޑާ ބާވަތެއް ވެސް ނޫނެވެ.
މީގެ އިތުރުން، މިހާރު ދިރާސާގެ މަރުހަލާގައި އޮތް، ޓައިޕް 3 އާއި ޓައިޕް 4 ގެ ހަކުރު ބައްޔާ ވެސް މުޅިން ތަފާތު ސިފަތަކެއް، ޓައިޕް 5 ގެ ހަކުރު ބަލިން ފާހަގަކުރެވެއެވެ. ޔުނިވަސިޓީ އޮފް މިޗިގަންގެ އެސިސްޓެންޓް ޕްރޮފެސަރު އަދި އެންޑޯކްރިނޮލޮޖިސްޓް ޑރ. ރަޝޭލް ރެއިނާޓް ވިދާޅުވާ ގޮތުގައި ޓައިޕް 5ގެ ހަކުރު ބަލި ޖެހޭ މީހުންނަކީ، އާންމު ގޮތެއްގައި ހަށިގަނޑު ލުއި، އަދި އެމީހުންގެ ހަޔާތުގެ ކުރީކޮޅުގައި އެކަށީގެންވާ މިންވަރަށް ކާނާ ނުލިބޭ މީހުންކަން ފާހަގަކުރެވެއެވެ.
މި ދިރާސާކުރި ސައެންސްވެރިން ގަބޫލުކުރާ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އެކަށީގެންވާ މިންވަރަށް ކާނާ ނުލިބުމުގެ ސަބަބުން، ހަޔާތުގެ ކުރީކޮޅުގައި އެމީހުންގެ ޗިސްމޭ ވަރަށް ބޮޑަށް ހަލާކުވެއެވެ. ނަތީޖާއަކަށްވަނީ ޗިސްމޭގައި ހުންނަ އިންސުލިން އުފައްދައިދޭ ސެލްތައް ދާއިމީ ގޮތެއްގައި ބަލިކަށިވުމެވެ. މިހެންވުމުން، އެމީހުންގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އެމީހުންގެ ހަށިގަނޑުގައި އިންސުލިން އުފައްދައެއްނުދެއެވެ. ނަމަވެސް އިންސުލިންގެ ފަރުވާ ދިނުމުން، އެމީހުންގެ ހަށިގަނޑުގައި ހުންނަ އިންސުލިން އުފައްދައިދޭ ސެލްތައް މަސައްކަތް ކުރަން ފަށައެވެ.
މި ބާވަތުގެ ހަކުރު ބަލީގެ ޒާތަށް ބަލާއިރު، މި ބައްޔަށް ފަރުވާ ކުރުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމަށް ޑޮކްޓަރުން ބުނެއެވެ. ސަބަބަކީ، އެކަށީގެންވާ ގޮތެއްގައި ކާނާ ނުލިބޭ ހަށިގަނޑަކަށް ގިނައިން އިންސުލިން ދޭން ފަށައިފި ނަމަ، އެމީހެއްގެ ހަށިގަނޑުގައި ހަކުރުގެ މިންވަރު އާދަޔާ ޚިލާފަށް ދަށަށް ހިނގައިދާނެތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ