ވައިރަލް ވަމުން އަންނަ 'ޓްރޮމްޕް-ލޮއެލް' ކޭކް: ބަލައިލަން ހިތްގައިމު، އެކަމަކު ހަމަ އެހާ މީރުތަ؟

ހީކޮށްލާށެވެ: ތާޒާ ދޮންލުނބޮއެއް ކާލާއިރު އޭގައި ފުރަތަމަ ލަނީ މީރު 'ވައިޓް ޗޮކުލެޓު މޫސް' ރަހައެކެވެ. އެއަށް ފަހު ހުތްފޮނި 'ޓޭންގީ' ހިތްގައިމު ރަހައެއް ދެ އެވެ. ތާޒާ ރަތް ސްޓްރޯބެރީއެއްގައި ދަތްއަޅާލުމުން ލަނީ މީރު ޗޮކުލެޓު 'ގަނަޝް' އަދި ވިރިގެންދާ ފަދަ ފޮނި ސްޓްރޯބެރީ ރަހައެކެވެ. 
މި ދައްކަނީ ވަކި މޫސުމަކަށް އަޅާ އާދަޔާހިލާފު މޭވައެއްގެ ވާހަކައެއް ނޫނެވެ. މިއީ 'ޓްރޮމްޕް-ލޮއެލް' ޕޭސްޓްރީގެ ހިތްގައިމު ދުނިޔެއިން ތަޖުރިބާކޮށްލެވޭނެ ފޮނި ކާތަކެއްޗެއްގެ ވާހަކަ އެވެ. 
ދާދި ފަހުން މުޅި ދުނިޔެއަށް މަޝްހޫރުވި 'ޓްރޮމްޕް-ލޮއެލް' ޕޭސްޓްރީ ނުވަތަ 'ޕެޓިޓް ގަތޯ' އަކީ ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ގިނައިން ފެންނަ ޓްރެންޑެކެވެ. ޓިކްޓޮކްގައި މަޝްހޫރު ޝެފް ސެޑްރިކް ގްރޮލެޓްގެ 'ޓްރޮމްޕް-ލޮއެލް' ކޭކް ވީޑިއޯއަށް 115 މިލިއަންއަށް ވުރެ ގިނަ ވިއުސް މިހާތަނަށް ލިބިފައިވާ އިރު 'ޓްރޮމްޕް-ލޮއެލް' ކޭކް ކައި އުޅޭ 'މުކްބަންގް' ވީޑިއޯތައް އިތުރުވެއްޖެކަން ވެސް ފާހަގަވެ އެވެ.
'ޓްރޮމްޕް-ލޮއެލް' އަކީ ދިގު ތާރީހެއް އެކުލެވޭ ޕޭސްޓްރީ އެކެވެ. މި ނަލަ ޕޭސްޓްރީ ފުރަތަމަ ތައާރަފުވީ 15 ވަނަ ގަރުނުގެ ފަހުކޮޅުގަ އެވެ. އަސްލު މޭވާއެއް ނުވަތަ އެކި ވައްތަރުގެ ފޮނިކާތަކެތި ތަފާތު 'އާޓްވޯކް'އެއް ގޮތަށް އުފައްދަން ފެށީ 19 ވަނަ ގަރުނުގައި ޝެފް އެންޓްވަން ކަރެމް އެވެ. 
މީގެ އަހަރެއް ކުރީން 'ޕެޓިޓް ގަތޯ'ގެ މަގުބޫލުކަން މުޅި ދުނިޔެއަށް، އިތުރަށް ފެތުރެން ދިމާވި އެއް ސަބަބަކީ މަޝްހޫރު ޝެފް ސެޑްރިކް ގްރޮލެޓްގެ ހިތްގައިމު އުފެއްދުންތަކެވެ. އޭނާގެ ނަލަ ފޮނި 'ޓްރޮމްޕް-ލޮއެލް' އުފެއްދުންތައް އެހާމެ ރީތިވެފައި މީރު ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.
މިހާރު ޕެރިސް، ލަންޑަން އަދި ދުބާއި ފަދަ ގައުމުތަކުގައި 'ޓްރޮމްޕް-ލޮއެލް'އަށް ހާއްސަ ބޭކަރީތައް އާއްމުވާން ފަށައިފި އެވެ. 
މަޝްހޫރު ޝެފުންގެ ބޭކަރީތަކުގެ އިތުރުން ގޭގައި ބޭކްކޮށް އުޅޭ މީހުން ވެސް 'ޓްރޮމްޕް-ލޮއެލް' ކޭކު އަޅައި އެ އުފެއްދުންތައް ސޯޝަލް މީޑިއާގައި ދައްކަ އެވެ. އަދި ހަމަ މަގުބޫލުވާ އެހެން ކޮންމެ ޓްރެންޑެއް ފަދައިން 'ޓްރޮމްޕް-ލޮއެލް' ކޭކު އަމިއްލަ ބަދިގޭގައި ތައްޔާރު ކޮށްލެވޭނެ ފަސޭހަ ރެސިޕީތައް ވެސް 'މުކްބާންގް' ވީޑިއޯތަކެކޭ އެއްވަރަށް އާއްމު ވެއްޖެ އެވެ.
ކޮންމެ ބައިނަލްއަގްވާމީ ވައިރަލް ކާއެއްޗެއް ރާއްޖެއިން ފެންނަ ފަދައިން، މި 'ޓްރޮމްޕް-ލޮއެލް' ކޭކު މިހާރު ރާއްޖެއިން ވެސް ލިބެން އެބަހުއްޓެވެ. އަޅުގަނޑަށް ރާއްޖޭގެ ސޯޝަލް މީޑިއާއިން ފާހަގަވި ގޮތުގައި ރާއްޖޭގައި މި ވަގުތު އެ ކޭކު އަޅައި އުޅެނީ ދެ ފަރާތެކެވެ. އެއީ ޓިކްޓޮކްއިން ފާހަގަވި ބޭކާ 'ސޮއެ ޒިދޫ' އަދި ޝެފް އާމިނަތު ހަމީދުގެ ބޭކަރީ 'މޯލްޑިވިއަން ޕެޓިސިއޭ' އެވެ.
ގިނަ އަދަދެއްގެ 'ޓްރޮމްޕް-ލޮއެލް' ކޭކު ކާ ވީޑިއޯތައް ޓިކްޓޮކްއިން ބެލުމަށް ފަހު އަޅުގަނޑު ވެސް އޭގެ ރަހަ ބަލައިލަން ބޭނުންވި އެވެ. މި ލިޔުމަށް އަދި އެ ކޭކަށް ވެސް އިންސާފެއް ދިނުމުގެ ނިޔަތުގަ އެވެ.
މޯލްޑިވިއަން ޕެޓިސިއޭ އިން 'ޕެޓިޓް ގަތޯ'ގެ ނަމުގައި ވިއްކާ 'ޓްރޮމްޕް-ލޮއެލް' ކޭކުގެ ހަ ވައްތަރެއް އަޅުގަނޑު ރަހަ ބެލީމެވެ. އެއީ ލެމަން، ޕެއާޒް، ސްޓްރޯބެރީ، މެންގޯ، އޮރެންޖު އަދި ރާސްޕްބެރީ އެވެ. އެއިން ކޮންމެ ކޭކު ކޮޅެއް ތައްޔާރުކޮށްފައި ވަނީ ވަރަށް ފުރިހަމަކޮށެވެ. އަނބު ނުވަތަ އޮރެންޖު އަދި ފޮނިލުނބޯ ވެސް އޭގެ ބައްޓަމާއި ކުލަ ހަމަ އަސްލު މޭވާއާ ދާދި އެއްގޮތަކަށެވެ. އަސްލު މޭވާއަކަށް ވުރެން މާ ތާޒާ ހެން ވެސް ހީވެ އެވެ. އޭގެ ފުރިހަމަކަމާ އެއްވަރަށް އަގު ވެސް ބޮޑެވެ. ކޮންމެ ކޭކު ކޮޅެއްގެ ސައިޒަކީ ގާތްގަނޑަކަށް 3.5 އާއި 4 އިންޗި އެވެ. އެއްޗެއް 95 ރުފިޔާ އާއި 98 ރުފިޔާއަށެވެ.
ކޭކުގެ ބޭރުގައިވާ ހަރު ޗޮކުލެޓު ތޮށިގަނޑުގެ އަޑީގައި މަޑު މޫސް އަދި އޭގެ އަޑީގައި އެކި ލޭޔަރުގެ ކޭކު އަދި މޭވާ ޕިއުރީއެއް ވެ އެވެ. ރަހަ އާއި ސިފައާ މެދު އެއްވެސް ޝަކުވާއެއް ނެތެވެ. 'މޯލްޑިވިއަން ޕެޓިސިއޭ'ގެ އުފެއްދުމަށް ހަމަ ސާބަހެވެ - ރަހަ ވަރަށް ފުރިހަމަ އެވެ.
ލުނބޯ ކޭކުގެ މަޑު މޫސް އަދި އަސްލު މޭވާގެ ރަހަ އެއްވުމުން ވަރަށް ހިތްގައިމެވެ. ކޮންމެ ކޭކު ކޮޅަކުން ލަނީ އެ މޭވާއެއްގެ ރަހައިގެ އިތުރުން އެއާ އެންމެ ގުޅޭ ކްރީމް އާއި ކޭކުގެ ރަހަތަކެވެ. 
ދިވެހި ޝެފެއްގެ ހުނަރު ހުޅަނގުގެ ޝެފަކަށް ވުރެން ވަކި ދެރައެއް ނޫނެވެ. ރަހަތައް ހެޔޮވަރުވެފައި އުފެއްދުންތެރިކަމުގެ ކުޅަދާނަކަން ތަޖުރިބާ ކޮށްލެވުނެވެ. ދިވެއްސެއްގެ އެހާ ފުރިހަމަ މަސައްކަތެއް ތަޖުރިބާ ކޮށްލަން ލިބުނީތީ ފަހުރުވެރިވި އެވެ. 
މިއީ އެކަމަކު އަޅުގަނޑުގެ ތަޖުރިބާ އެވެ. އޭގެ ރަހަ ބެލި އެހެން ބައެއް މީހުންގެ ހިޔާލު ވެސް އަޅުގަނޑު ހޯދީމެވެ. ގިނަ ބަޔަކު ރަހައާ މެދު ބުނަން އޮތީ އޭގެ މީރު ވާހަކަ އެވެ. ގިނަ ބަޔަކަށް މެންގޯ އަދި ލެމަންގެ ރަހަ މަގުބޫލުކަން ފާހަގަވި އެވެ. އެކަކަށް މެންގޯއިން 'ޝްރިމްޕް ޕޭސްޓް' ރަހަ ލީކަމަށް ބުންޏެވެ. ދެން ގިނަ ކޭކުގެ މީރުކަން ބިނާވަނީ އެ މީހަކު ގަޔާވާ ރަހައަކަށެވެ. ބައެއް މީހުންނަށް ޕެއާޒްގެ ހުތްކަން މާ ގަދަ އެވެ. އަނެއްބައި މީހުންނަށް ޗޮކުލެޓާއި އޮރެންޖު ރަހަ އެއްވުމުން ވަރަށް ކަމުދިޔަ އެވެ. މީގެ އިތުރުން ރާސްޕްބެރީ ކޭކުން ބްލެކްފޮރެސްޓު ކޭކެއްގެ މީރު ރަހަ ހަނދާންވާ ކަމަށް ވެސް ބުންޏެވެ.
މުޅި ތަޖުރިބާގެ ހަމައެކަނި އުނިކަމަކީ އަގުބޮޑުވުން ކަމަށް އެންމެން ވެސް އިއްތިފާގުވި އެވެ.
'ޓްރޮމްޕް-ލޮއެލް' ޕޭސްޓްރީއަކީ މޭވާއެއް ނުވަތަ ކޮންމެ ދުވަހަކު ފެންނަ އެއްޗެއް މުޅިން ތަފާތު ގޮތަކަށް ތައްޔާރުކުރުމެވެ. އަނބެއް، ދޮންކެޔޮ ވަކެއް ނުވަތަ ފޮއްޓެއްގެ ސިފަޔަށް ހަދާފައި ހުންނަ ފޮނިކާއެއްޗަކުން ލާނީ ތަފާތު، އާދަޔާހިލާފު ރަހައެކެވެ. މިއީ އާދައިގެ އެކަމަކު ބާރުގަދަ ކޮންސެޕްޓެކެވެ. އޭގެ ރަހަ ބަލާ މީހާ ޝައުގުވެރިކޮށް، ހައިރާންކޮށްލާ 'ވިޝުއަލް އިލޫޝަން'އެއް އުފައްދަ އެވެ. މިއީ ހަމައެކަނި ޑިޒާޓަކަށް ވުރެ ބޮޑަށް ކުރެވޭ ތަޖުރިބާއެކެވެ. ބޭނުމަކީ ހަމައެކަނި ރީތި ސިފައެއް ގެނައުމެއް ނޫނެވެ. ރަހައިގެ ޖާދޫގައި ވެސް ޖައްސަ އެވެ. 
'ޓްރޮމްޕް-ލޮއެލް' ޕޭސްޓްރީގެ ދިގު ތާރީހަށް ބަލާއިރު މިއީ ސައިބޯނި ބޮތްކެއްހެން އަރައިގެން ދާނެ ޓްރެންޑެއް ނޫނެވެ. ސޯޝަލް މީޑިއާގެ ސަބަބުން މި ޑިޒާޓު މިހާރު އިތުރަށް މަގުބޫލުވީ އެވެ. މީގެ ސަބަބުން ބޭކަރީތަކަށް މަންފާ ކުރެ އެވެ. އަދި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މިހާރު އޭގެ ރެސިޕީ ލިބެން ހުރުމުން ގޭގައި ތިބެގެން އަމިއްލަ ބަދިގޭގައި ތައްޔާރު ކުރެވިދާނެ އެވެ. އެގޮތުން 'ޓްރޮމްޕް-ލޮއެލް' ކޭކަކީ އެއް ފަހަރު ތަޖުރިބާ ކޮށްލަން ބޭނުން ނަމަ އެކަށީގެންވާ ޑިޒާޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ